ރާއްޖެ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެ، އިމާރާތް ކުރުމުގެ ގިނަ މަޝްރޫއުތަކުން މެލޭޝިއާގެ ކުންފުނިތަކަށް ރާއްޖެއިން ފުރުސަތުތައް ފަހިވެފައިވާ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ދައުވަތަކަށް ރާއްޖެ އަށް ކުރެއްވި ދެ ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު، އެނބުރި ވަޑައިގެން ނަޖީބުގެ ރަސްމީ ޓުވިޓާ އެކައުންޓުގައި އާއްމުކުރެއްވި ވީޑިއޯގައި ވަނީ، އެމަނިކުފާނުގެ ދަތުރުފުޅުގައި ދިވެހި ސަރުކާރާ އެކު ބޭއްވެވި މަޝްވަރާތަކާއި ސޮއިކުރެއްވި އެއްބަސްވުންތަކުގެ ބައެއް ތަފްސީލްތައް ދެއްވައިފަ އެވެ. ރާއްޖެ އަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގައި، ރައީސް ޔާމީން ހޫނު މަރުހަބާއެއް ދެންނެވި ކަން މެލޭޝިއާގެ ބޮޑުވަޒީރު ފާހަގަކުރެއްވި އެވެ.
މެލޭޝިއާ ބަހުން އާއްމުކުރެއްވި ވީޑިއޯގައި، އިމާރާތް ކުރުމުގެ ދާއިރާގެ ގިނަ މަޝްރޫއުތަކުން ފުރުސަތުތައް އެ ގައުމަށް ފަހިކޮށްދެއްވާފައިވާ ކަމަށް ވިދާޅުވެ، ރައީސް ޔާމީނަށް ނަޖީބު ޝުކުރު އަދާކުރެއްވި އެވެ. އޭގެ ތެރޭގައި 300 އެނދުގެ ޕްރައިވެޓް ހޮސްޕިޓަލެއްގެ މަސައްކަތް ހިމެނޭ ކަމަށް ވިދާޅުވި ނަމަވެސް ތަފްސީލު ދެއްވާފައެއް ނުވެ އެވެ.
ނަޖީބު ވިދާޅުވީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރަން އެމަނިކުފާނާއި ރައީސް ޔާމީން ބޭނުންފުޅުވާ ކަމަށާއި ރާއްޖެ އަށް ބޭނުންވާ އެހީތަކަށް އެ ގައުމު އޮތީ ތައްޔާރަށް ކަން ދަންނަވާފައިވާނެ ކަމަށެވެ.
ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާ ހިމެނޭ ގޮތަށް އެއްބަސްވުންތަކެއްގައި ސޮއިކުރެއްވި ކަން ފާހަގަކުރައްވަމުން، ހަލާލު އިންޑަސްޓްރީ އާއި އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ރާއްޖެ އަށް އެހީތެރިވާން ނިންމާފައިވާ ކަމަށް ވެސް މެލޭޝިއާގެ ބޮޑުވަޒީރު ވިދާޅުވި އެވެ.
ރާއްޖެއާ ދެމެދު ކުރި މަޝްވަރާތަކަށް ފަހު މެލޭޝިއާ އިން ވަނީ ފިނޭންސް ބިންޑިންގްގެ އާ އިމާރާތް ހެދުމަށް އެ ގައުމުން އެހީތެރިވާނެ ކަމުގެ ޔަގީންކަން ވެސް ދީފަ އެވެ.
ނަޖީބުގެ މި ދަތުރުފުޅުގައި، ރާއްޖެ އާއި މެލޭޝިއާއާ ދެމެދު ގާއިމުކުރި އެއްބަސްވުންތަކުގެ ތެރޭގައި ހިމެނެނީ މެލޭޝިއާގައި ރާއްޖޭގެ ކަލްޗަރަލް ސެންޓަރެއް ގާއިމުކުރުމާއި ސިއްހީ ދާއިރާ އިން މީހުން ތަމްރީން ކުރުމާއި ވަސީލަތްތައް ހޯދައި ދިނުމާއި މަތީ ތައުލީމުގެ ފުރުސަތުތައް ހޯދައި ދިނުމާއި އަލިފާން ނިއްވުމާ ބެހޭ ތަމްރީން ދިނުމާ ގުޅޭ އެއްބަސްވުމެކެވެ.
ނަޖީބުގެ ދަތުރުފުޅަކީ މިދިޔަ 33 އަހަރުގެ ތެރޭގައި، މެލޭޝިއާގެ ބޮޑުވަޒީރަކު ރާއްޖެ އަށް ދަތުރުފުޅެއް ކުރައްވި ފުރަތަމަ ފަހަރެވެ. މެލޭޝިއާގެ އޭރުގެ ބޮޑުވަޒީރު މަހާތީރު މުހައްމަދު ރާއްޖެ ވަޑައިގަތީ 1984 ގަ އެވެ.