މިދިޔަ ހޯމަ ދުވަހު އޮސްޓްރޭލިޔާގެ ކޯރަކަށް ސީޕްލޭނެއް ވެއްޓި، އެއިން ދަތުރުކުރި އެންމެން މަރުވި އިރު އެ ބޯޓު ދުއްވަން އިނީ މޯލްޑިވިއަންގައި މަސައްކަތް ކުރި ޕައިލެޓެއްކަން "މިހާރު" އަށް ކަށަވަރު ވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި އެ ހާދިސާ ހިނގި އިރު، ސީޕްލޭން ދުއްވަން އިން ކެޕްޓަން ގެރެތު މޯގަން ވަނީ 2015 އިން ފެށިގެން 2017 ވަނަ އަހަރުގެ ފެބްރުއަރީއާ ހަމައަށް މޯލްޑިވިއަން އަށް ހިދުމަތް ކޮށްދީފަ އެވެ. ފަސްޓް އޮފިސަރެއްގެ ގޮތުގައި މޯލްޑިވިއަންއާ ގުޅުމަށް ފަހު، ފަހުން އޭނާ ކެޕްޓަނަކަށް ޕްރޮމޯޓްވީ ވެސް މޯލްޑިވިއަން ގައި މަސައްކަތް ކުރަނިކޮށެވެ.

"ގެރެތު އަކީ އަޅުގަނޑުމެންނަށް ލިބުނު އެންމެ ރަނގަޅު އެއް ކެޕްޓަން. މި ހާދިސާ ހިނގުމުގެ ދެތިން ދުވަސް ކުރިން އަޅުގަނޑު އޭނާ އަށް ގުޅައިގެން ވާހަކަ ވެސް ދެއްކިން. މާޗް މަހު ރާއްޖެ އައިސް އަޅުގަނޑުމެންނާ އެކު ޝޯޓް ޓާމްކޮށް ދެ މަސް ދުވަހު ފްލައި ކުރަން ވެސް އޮތީ ހަމަޖެހިފައި،" މޯލްޑިވިއަން ސީޕްލޭންގެ ޗީފް ޕައިލެޓް އަހުމަދު ލުތުފީ (މަޑާ) ވިދާޅުވި އެވެ.

ސީޕްލޭން ވެއްޓުނު އިރު ދަތުރު ކުރި މީހުން، އެ އެންމެން ވެސް ވަނީ މަރުވެފައި.
ސީޕްލޭން ވެއްޓުނު އިރު ދަތުރު ކުރި މީހުން، އެ އެންމެން ވެސް ވަނީ މަރުވެފައި.

އޭނާ ވިދާޅުވީ ގެރެތަކީ ކެނެޑާ އަށް އުފަން މީހެއް ކަމަށާއި، ނަމަވެސް އޭނާ ދިރިއުޅެނީ އޮސްޓްރޭލިޔާ އަށް ހިޖުރަކޮށްގެން އެ ގައުމުގައި ކަމަށެވެ. އަދި މޯލްޑިވިއަން އިން ކެނޑިގެން ދިޔައީ، ސިޑްނީގައި ދިރިއުޅުން ފެށުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެއީ ވަރަށް ރަނގަޅު ޕައިލެޓެއް. އަޅުގަނޑުމެންނާ އެކު 2015 އިން ފެށިގެން އުޅުނު. ސިޑްނީގައި ސެޓްލް ވާންވެގެން ދިޔައީ. އެ ކޮޅުގައި މަސައްކަތް ކުރީ ސިޑްނީ ސީޕްލޭންސްގައި. އަޅުގަނޑަށް އެނގިފައި އޮތް ގޮތުން އޭނަ އަދި ކައިވެނި ވެސް ނުކުރޭ،" މަޑާ ވިދާޅުވި އެވެ.

އުމުރުން 44 އަހަރުގެ ގެރެތަކީ ޕަައިލެޓުން ނަގާ އެންމެ މަތީ އެއް ފާސް ކަމަށްވާ އެއާލައިން ޓްރާންސްޕޯޓް ޕައިލެޓް ލައިސެންސް (އޭޓީޕީއެލް-އޭ) ފާސް ނަގާފައިވާ ކެޕްޓަނެކެވެ. ހާސިދާ ހިނގި އިރު އޭނާ ދުއްވަން އިނީ ސިންގަލް އިންޖީން ޑީއެޗްސީ-2 ބީވާ މަރުކާގެ ސީޕްލޭނެކެވެ.

"ސިންގަލް އިންޖީން އެއްޗެއް ވީމަ އޭނަ އެކަނި އިންނާނީ ދުއްވަން،" މަޑާ ވިދާޅުވި އެވެ.

ހާދިސާ ހިނގި އިރު ގެރެތު ދުއްވި ސިންގަލް އިންޖީން ޑީއެޗްސީ-2 ބީވާ މަރުކާގެ ސީޕްލޭނެއް.
ހާދިސާ ހިނގި އިރު ގެރެތު ދުއްވި ސިންގަލް އިންޖީން ޑީއެޗްސީ-2 ބީވާ މަރުކާގެ ސީޕްލޭނެއް.

ހާދިސާ ހިނގި ވަގުތު ގެރެތުގެ އިތުރުން ސީޕްލޭންގައި ފަސް މީހުން ތިބި އިރު އެ އެންމެން ވެސް ވަނީ މަރުވެފަ އެވެ. އޭރު ސީޕްލޭންގައި ޕައިލެޓްގެ އިތުރުން ތިބީ ދުނިޔޭގެ އެންމެ ބޮޑު ކޭޓަރިން ކުންފުނީގެ ގޮތުގައި ފާހަގަކުރެވޭ އިނގިރޭސި ވިލާތުގެ ކޮންޕަސް ގުރޫޕްގެ ޗީފް އެގްޒެކްޓިވް ރިޗާޑް ކަޒިންސް، 58، އާއި އޭނާގެ އާއިލާގެ ހަތަރު މެމްބަރުންނެވެ.

އެންމެންނާ ވެސް ގުޅޭ ތަޖުރިބާކާރު ޕައިލެޓެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރާ ގެރެތު ދުއްވި ސީޕްލޭން ވެއްޓެން ދިމާވި ސަބަބެއް އަދި ސާފެއް ނުވެ އެވެ. ސީޕްލޭން ވެއްޓުނީ ކަޒިންސް އޭނާގެ އާއިލާއާ އެކު އާ އަހަރު ފާހަގަކުރުމަށް ހާއްސަ ކެއުމަކަށް ގޮސް، ސިޑްނީ އަށް އެނބުރި ދިޔަ މަގުމަތީގައި، ސިޑްނީއާ ގާތްގަނޑަކަށް 50 ކިލޯމީޓަރު ދުރުގައި އޮންނަ ހޮކްސްބަރީ ކޯރަށެވެ.