ރިޔާޒް (ޖެނުއަރީ 5) - ސައުދީ އަށް އަމާޒުކޮށް ޔަމަނުގެ ހޫތީން ފޮނުވާލި މިސައިލް ހަމަލާއެއް ހުއްޓުވާފައިވާ ކަމަށް ސައުދީ އަރަބިއާގެ ކަމާބެހޭ ފަރާތްތަކުން މިއަދު ބުނެފި އެވެ.

ރަސްމީ ޓީވީ އަލް އަރަބިއްޔާ އިން ބުނީ ސައުދީގެ ދިފާއީ ބާރުތަކުން ހޫތީންގެ މިސައިލް ހުއްޓުވާފައި ވަނީ ނަޖްރާން ސިޓީގެ މަތިން ކަމަށެވެ. ހޫތީން ވެސް ވަނީ މިސައިލް ހަމަލާ ދިންކަން ޔަގީންކޮށްދީފަ އެވެ. އަދި ކުރު ރާސްތާ ބެލެސްޓިކް މިސައިލް ހަމަލާގެ އަމާޒަކީ ސައުދީގެ އަސްކަރީ މަރުކަޒެއް ކަމަށް ވެސް ހޫތީން ބުނެފައިވެ އެވެ. އެއީ 400 ކިލޯ މީޓަރުގެ ރާސްތާގެ މިސައިލެއް ކަމަށް ހޫތީން ބުނެ އެވެ.

ހޫތީން މިދިޔަ މަހު ވަނީ ސައުދީ އަސްކަރީ އަމާޒަކަށް މިސައިލް ހަމަލާދީފައިވާ ކަމަށް ބުނެފަ އެވެ. ނަމަވެސް ސައުދީން ބުނެފައި ވަނީ ހޫތީންގެ ހުރިހާ ހަމަލާއެއް އަމާޒަށް ވާސިލްވުމުގެ ކުރިން ހުއްޓުވާފައިވާ ކަމަށެވެ.

ސައުދީ ކޯލީޝަނުން ތުހުމަތު ކުރަނީ ހޫތީންނަށް މިސައިލް ފޯރުކޮށްދެނީ އީރާނުން ކަމަށެވެ. ނަމަވެސް އެ ގައުމުން އެކަން ދޮގު ކުރެ އެވެ.

ސައުދީ ކޯލީޝަނުން ޔަމަނުގެ ހޫތީންނާ ދެކޮޅަށް ވައިގެ ހަމަލާތައް ދޭން ފަށާފައި ވަނީ މާޗް 2015 ގަ އެވެ. މިހާތަނަށް 15،000 އަށް ވުރެ ގިނަ ހަމަލާދީފައިވާ ކަމަށްވެ އެވެ. ޔަމަނުގެ ހަނގުރާމައިގައި 10،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ އިރު 40،000 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފަ އެވެ.