ރިޔާޒް (މާޗް 26) - ހޫތީން ފޮނުވާލި ހަތް މިސައިލް ވައްޓާލާފައިވާ ކަމަށް ސައުދީ އަރަބިއާ އިން ބުނެފި އެވެ.

ހޫތީީންގެ ހަތް މިސައިލްގެ ތެރޭން ތިން މިސައިލް ފޮނުވާލާފައި ވަނީ ވެރިރަށް ރިޔާޒަށެވެ. ވެއްޓުނު މިސައިލްގެ ބައިތަކުން ޖެހި އެކަކު ވަނީ މަރުވެފައި ކަމަށް އޮފިޝަލުން ބުނެ އެވެ. ހޫތީންގެ މިސައިލް ހަމަލާ ދީފައި ވަނީ ޔަމަނަށް ސައުދީން ވައިގެ ހަމަލާތައް ދޭން ފެށިތާ ތިން އަހަރުވީ ދުވަހު އެވެ.

ހޫތީން ވެސް ބުނެފައި ވަނީ ސައުދީގެ ވަރަށް ގިނަ އަމާޒުތަކަށް ހަމަލާދީފައިވާ ކަމަށެވެ. އޭގެ ތެރޭގައި ރިޔާޒް އިންޓަނޭޝަނަލް އެއާޕޯޓް ވެސް ހިމެނެ އެވެ.

ސައުދީ ކޯލިޝަނުން ތުހުމަތުު ކުރަނީ ހޫތިންނަށް މިސައިލް ފޯރުކޮށްދެނީ އީރާނުން ކަމަށެވެ. އެކަމަކު ތެހެރާނުން އެކަން ދޮގުކުރެ އެވެ.

ސައުދީ ރަސްމީ ނިއުސް އެޖެންސީން ބުނީ ދެކުނުގެ ސިޓީތައް ކަމަށްވާ ނަޖްރާން، ޖިޒާން، އަދި ޚަމިސް މުޝައިތަށް ވެސް މިސައިލް ހަމަލާދީފައިވާ ކަމަށެވެ. ހޫތީން މީގެ ކުރިން ވެސް ވަނީ ސައުދީ އަށް މިސައިލް ހަމަލާދީފަ އެވެ.