ރިޔާޒް (އެޕްރީލް 12) - ޔަމަނުގެ ހޫތީން ސައުދީ އަރަބިއާގެ ވެރިރަށަށް އަމާޒުކޮށް ފޮނުވާލި ބެލެސްޓިކް މިސައިލެއް ހުއްޓުވާފައިވާ ކަމަށް ސައުދީ އެއާ ޑިފެންސް ފޯސް އިން ބުނެފި އެވެ.

މިއީ ވޭތުވެދިޔަ ފަސް މަސް ދުވަހު ތެރޭ ހޫތީން ރިޔާޒަށް ފޮނުވާލި ހަތަރު ވަނަ މިސައިލް ހަމަލާ އެވެ. ހޫތީން ބުނެފައި ވަނީ އެންމެ ފަހުން ފޮނުވާލި މިސައިލް 800 ކިލޯ މީޓަރަށް ދަތުރުކޮށްފައިވާ ކަމަށެވެ.

ހޫތީން ހިންގާ އަލް މަސާއިރު ޓީވީ ނެޓްވޯކުން ބުނީ ސައުދީ ޑިފެންސް މިނިސްޓްރީ އަށް އަމާޒުކޮށް ފޮނުވާލާފައި ވަނީ ބުރްކާން 2-އެޗް މިސައިލެއް ކަމަށެވެ. އަލް މަސާއިރުން ބުނީ ހޫތީން ވަނީ ނަޖްރާން އާއި ޖިޒާންގައި ސައުދީގެ ގައުމީ ތެޔޮ ކުންފުނި އަރާމްކޯ އިން ހިންގާ ތެޔޮ ރަައްކާކުރާ ތަނަކަށް ވެސް މިސައިލް ހަމަލާދީފައި ކަމަށެވެ. ހޫތީން ބުނެފައި ވަނީ ސައުދީގެ ދެކުނުގެ ހިސާބުތަކަށް ހަމަލާ ދެނީ ޑްރޯން ބޭނުންކޮށްގެން ކަމަށެވެ.

ހޫތީންގެ ތަރުޖަމާނަކު ބުނީ ޔަމަނުގެ ވެރިރަށް ސަންއާގެ ބާރު އޮންނަ ސުޕްރީމް ޕޮލިޓިކަލް ކައުންސިލްގެ ރައީސް ސާލިހް އަލް ސަމަދު ވަނީ "ބެލިސްޓިކް މިސައިލްގެ އަހަރެއް" އިއުލާން ކޮށްފައިވާ ކަމަށެވެ. ސައުދީން ބުނީ ވޭތުވެދިޔަ ތިން އަހަރު ތެރޭ އެ ގައުމަށް އަމާޒުކޮށް ހޫތީން ވަނީ 90 އަށް ވުރެ ގިނަ މިސައިލް ފޮނުވާލާފައިވާ ކަމަށެވެ. ހޫތީން މިދިޔަ މަހު ރިޔާޒަަށް ދިން މިސައިލް ހަމަލާގައި ވަނީ މިސްރު މީހަކު މަރުވެފަ އެވެ.