ރިޔާޒް (އެޕްރީލް 1) - ޔަމަނުގެ ހޫތީން ސައުދީގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ނަޖްރާން އަށް ފޮނުވާލި މިސައިލެއްގެ ބައިތަކުން ޖެހި އިންޑިއާ މީހަކު ޒަޚަމްވެއްޖެ އެވެ.

ސައުދީ ކޯލީޝަނުން ނެރުނު ބަޔާނެއްގައި ބުނީ ހޫތީންގެ މިސައިލް ވައިގެ ތެރޭގައި ގޮއްވާލާފައިވާ ކަމަށެވެ. އެކަމަކު މިސައިލުގެ ބައިތަކުން ޖެހި އިންޑިއާ މީހަކު ޒަޚަމްވިކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށް ބުނެފައިވެ އެވެ.

ހޫތީން ހިންގާ ސަބާ ނިއުސް އެޖެންސީން ބުނީ މިސައިލް ފޮނުވާލާފައި ވަނީ ނަޖްރާންގައިވާ ސައުދީ ނޭޝަނަލް ގާޑުގެ މަރުކަޒަކަށް ކަމަށެވެ. އަދި މިސައިލް ހަމަލާގައި ދުޝްމަނުންގެ އަސްކަރީ ތަކެއްޗަށް ގެއްލުން ލިބުނު ކަމަށް ބުނެފައިވެ އެވެ.

ހޫތީންނާ ދެކޮޅަށް ސައުދީން އިސްވެ މާޗް 2015 ގައި ވައިގެ ހަމަލާތައް ދޭން ފެށި ފަހުން ހޫތީން ވަނީ ސައުދީ އަށް އެތައް މިސައިލް ހަމަލާއެއް ދީފަ އެވެ. ސައުދީން ބުނެފައި ވަނީ ވޭތުވެދިޔަ ތިން އަހަރު ދުވަހު ތެރޭ ހޫތީން ވަނީ 90 އަށް ވުރެ ގިނަ މިސައިލް ފޮނުވާލާފައިވާ ކަމަށެވެ. ސައުދީގެ ދެކުނުގެ ޖަޒާން އަށް ހޫތީން ފޮނުވާލި މިސައިލަކަށް ވެސް ބުރާސްފަތި ދުވަހު ވަނީ ހުރަސް އަޅައިފަ އެވެ.

ވެރިރަށް ރިޔާޒަށް އަމާޒުކޮށް ހޫތީން މިދިޔަ ހަފުތާގައި ފޮނުވާލި މިސައިލުގެ ބައިތަކެއް ގެއެއްގެ ފުރާޅު ފޫދުއްވާލުމަށް ފަހު ވެއްޓި މިސްރު މީހަކު ވަނީ މަރުވެފަ އެވެ. މިއީ ހޫތީންގެ މިސައިލް ހަމަލާގައި ސައުދީން މީހަކު މަރުވި ފުރަތަމަ ފަހަރެވެ.

ސައުދީން ތުހުމަތު ކުރަނީ ހޫތީންނަށް މިސައިލް ސަޕްލައިކޮށްދެނީ އީރާނުން ކަމަށެވެ. އެކަމަކު އީރާނުން އެކަން ދޮގު ކުރެ އެވެ.