ކ. ގާފަރާއި އެ އަތޮޅު ކާށިދޫގައި، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމްގެ އެހީއާ އެކު ދަތުގެ ކޭމްޕެއް ކުރިއަށް ގެންދަން ފަށައިފި އެވެ.
މީގެ ކުރިން ވެސް ދާއިރާއަށް ބޮޑެތި އެހީތެރިކަމެއް ވެދެއްވާފައިވާ ފައިސަލް، މިއަދު މެންދުރު ވަނީ ކާށިދޫ ސިއްހީ މަރުކަޒުގައި އެ ކޭމްޕު ފައްޓަވައިދެއްވައިފަ އެވެ.
ކާށިދޫ ކައުންސިލުން ބުނިގޮތުގައި އެ ރަށުގެ ހުރިހާ އުމުރެއްގެ ވެސް ގިނަ ބަޔަކު މިއަދު ވަނީ ކޭމްޕުން ފަރުވާ ހޯދައިފަ އެވެ.
"ފަސޭހައިން ދަތުގެ ޑޮކްޓަރަކަށް ދައްކާލެވޭތީ އެންމެން ވެސް ވަރަށް ހިތްހަމަ ޖެހިފައި ތިބީ. އެހެން ނޫނީ މުޅިން ވެސް ދާން ޖެހޭނީ މާލެ." އެއްވެސް ސްޕެޝަލިސްޓް ޑޮކްޓަރެއް ނުހުންނަ އެ ރަށުގެ ކައުންސިލް މެމްބަރު އަލީ ސުލްތާން ވިދާޅުވި އެވެ.
ގާފަރުގައި މި ކޭމްޕު ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ.
މާދަމާ ހެނދުނުން ފަށައިގެން އިރުއޮއްސެން ދެން، އެ ރަށުގެ ސިއްހީ މަރުކަޒުގައި އެ ކޭމްޕު ކުރިއަށް ގެންދާނެ ކަމަށް ކައުންސިލުން ބުންޏެވެ.
ފައިސަލް ހިންގަވާ ފައުންޑޭޝަނުން މީގެ ތިން މަސް ކުރިން ވެސް އެ ރަށުގައި ވަނީ ކުޑަކުދިންގެ ބަލިތަކާއި އަންހެނުންގެ ބަލިތަކާއި ހަމުގެ ބަލިތަކުގެ އިތުރުން އެތެރެހަށީގެ ބަލިތަކަށް ހާއްސަ މެޑިކަލް ކޭމްޕެއް ބާއްވައިފަ އެވެ.
ފުވައްމުލަކަށް އުފަން، ޖުމްހޫރީ ޕާޓީގެ މެމްބަރު ވަނީ މިދިޔަ މަހު ގާފަރަށް ބޮޑެތި ޑަސްބިންތަކެއް ވެސް ހަދިޔާ ކުރައްވައިފަ އެވެ. އަދި ކާށިދު އާއި ގާފަރު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ލައިފް ބޮއި ރިންގުތަކަކާއި ކާށިދޫ ސްކޫލަށް ގިނަ ވަސީލަތްތަކެއް ވެސް ހަދިޔާކުރެއްވި އެވެ.