ފައިސަލްގެ މެޑިކަލް ކޭމްޕަށް ކާށިދޫ އާއި ގާފަރުން ބޮޑު ތަރުހީބެއް

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމްގެ ފައިސަލް ފައުންޑޭޝަނުން، ކ. ގާފަރާއި ކާށިދޫގައި، މި ހަފުތާ ބަންދުގައި ބޭއްވި މެޑިކަލް ކޭމްޕަށް ވަރަށް ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.


ފައިސަލް ފައުންޑޭޝަނާއި ކެންސާ ސޮސައިޓީ ގުޅިގެން މި ދެ ރަށުގައި ބޭއްވި މެޑިކަލް ކޭމްޕުގައި ތަފާތު ހަތަރު ދާއިރާއަކުން ސްޕެޝަލިސްޓް ޑޮކްޓަރުން ބަލި މީހުން ބަލައި އިރުޝާދު ދިނެވެ. އޭގެ ތެރޭގައި ހިމެނެނީ ކުޑަކުދިންގެ ބަލިތައް، އަންހެނުންގެ ބަލިތައް، ހަމުގެ ބަލިތައް، އެތެރެހަށީގެ ބަލިތަކެވެ. އޭގެ އިތުރުން ކެންސަރަށް ސްކޭން ކުރުމާއި އޯޓިޒަމަށް ސްކްރީން ކުރުން ވެސް އޮތެވެ.

ފައިސަލް ފައުންޑޭޝަނުން ކާށިދޫގައި އިއްޔެ ބޭއްވި ހެލްތު ކޭމްޕު ފައްޓަވައިދެއްވުމުގެ ގޮތުން މެންބަރު ފައިސަލް ވާހަކަ ދައްކަވާއިރު ކޭމްޕުގައި ބައިވެރިވާ ބައެއް ޑޮކްޓަރުން އަރިހުގައި. --ފޮޓޯ އަހްމަދު އަބްދުﷲ ސައީދު/މިހާރު

އިއްޔެ ކާށިދޫގައި ބޭއްވި ކޭމްޕުގައި ބަލިމީހުން ބެލުމުގެ އިތުރުން، އުރަމަތީ ކެންސަރާއި ހަކުރު ބައްޔާ ބެހޭ ގޮތުން މައުލޫމާތު ދިނުން ވެސް އޮތެވެ. އަދި މިއަދު ގާފަރުގައި ބޭއްވި ކޭމްޕުގައި ވެސް އުރަމަތީ ކެންސަރާ ބެހޭ ގޮތުން މައުލޫމާތު ދިނެވެ.

މި ކޭމްޕުގައި ބައިވެރިވި ރޭޑިއޮލޮޖިސްޓް ޑރ. ބަސްމާ އިބްރާހީމް ސޯބިރު ވިދާޅުވި ގޮތުގައި ރައްޔިތުންނާ ވީހާ ގާތުން ސިއްހީ ޚިދުމަތްތައް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަކީ، ރައްޔިތުން ކިހާ ބޮޑަކަށް ބޭނުންވެފައި ތިބި ކަމެއް ކަން މިފަދަ ކޭމްޕުތަކުން އެނގެ އެވެ. އަދި ރަށްރަށުގެ މީހުން ސިއްހީ މައުލޫމާތާއި ހޭލުންތެރިކަމަށް ބޭނުންޖެހިފައި ތިބި މިންވަރު މިފަދަ ކޭމްޕުތަކުން ވަޒަން ކުރެއްވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފައިސަލް ފައުންޑޭޝަނުން ގާފަރުގައި މިއަދު ބޭއްވި ހެލްތު ކޭމްޕުގައި ޑރ. ބަސްމާ އަންހެނެއްގެ ބަނޑު ސްކޭން ކުރަނީ. --ފޮޓޯ އަހްމަދު އަބްދުﷲ ސައީދު/މިހާރު

"ހަމަ ވަރަށް ބޮޑު ތަރުހީބެއް އެބަ ލިބޭ މި ދެ ރަށުން ވެސް. ޚާއްސަކޮށް ގާފަރުން މި ލިބެނީ ވަރަށް ބޮޑު ތަރުހީބެއް. ކުރިއާ ޚިލާފަށް މީހުންގެ ހޭލުންތެރިކަން އިތުރުވީމާ، ކެންސަރާ ބެހޭ ގޮތުން މައުލޫމާތު ހޯދަން ވެސް ވަރަށް ގިނަ މީހުން އެބަ އާދޭ. ކުރީގައި މިއީ [އުރަމަތީގެ ކެންސަރު] ވާހަކަ ދައްކަން ވެސް ނުކުރޭ ވަރުގެ ކަމެއް. އެކަމު މިހާރު އެބަ ބޭނުންވޭ އެ ކަން ރަނގަޅަށް ދެނެގަނެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން،" ޑރ. ބަސްމާ ވިދާޅުވި އެވެ.

ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމް ވިދާޅުވި ގޮތުގައި އޭނާގެ ފައުންޑޭޝަނުން މިފަދަ ކޭމްޕުތައް ބޭއްވުމުގެ އެންމެ ބޮޑު މަގްސަދަކީ، މި ދެ ރަށުގެ ރައްޔިތުން މާލެ ދިއުމަށްޓަކައި ކަނޑުމަތީގައި އުފުލާ ބުރަތަކާއި މާލޭގައި ސިއްހީ ޚިދުމަތްތައް ހޯދުމަށްޓަކައި ކުރަންޖެހޭ ހޭދަތައް ނުކޮށް، އަމިއްލަ ރަށުގައި ބައިތިއްބައިގެ އެ ޚިދުމަތް ފޯރުކޮށްދިނުމެވެ. އަދި މިއީ ރައްޔިތުންނަށް ގާތުން ޚިދުމަތް ދިނުމަށް ބާއްވާ ކޭމްޕުތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފައިސަލް ފައުންޑޭޝަނުން ގާފަރުގައި މިއަދު ބޭއްވި ހެލްތު ކޭމްޕުގައި އޯޓިޒަމް ކުއްޖަކަށް އިރުޝާދު ދިނުމުގެ ސެޝަނެއް ކުރިއަށް ދާ ގޮތް މެންބަރު ފައިސަލް ބައްލަވާލައްވަނީ. --ފޮޓޯ އަހްމަދު އަބްދުﷲ ސައީދު/މިހާރު

ކާށިދޫގައި މި ކޭމްޕުން ޚިދުމަތް ހޯދި މާބަނޑު އަންހެނަކު ބުނި ގޮތުގައި ފެންވަރު ރަނގަޅު ޑޮކްޓަރުން ރަށުގައި ދާއިމީ ގޮތެއްގައި ނުތިބޭތީ، ގަދަ ކަނޑުގައި ދަތުރުކޮށްފައި މާލެ ދާން ޖެހުމަކީ ވަރަށް ބޮޑު ތަކުލީފެކެވެ.

"މި ކޭމްޕު މި ބޭއްވީ އަޅުގަނޑު މާލެ ދާންޖެހިފައި އޮއްވައި. އެކަމު ކޭމްޕު ބާއްވާ ކަން އިއުލާން ކުރީމާ މި ހުރީ މާލެ ނުގޮސް. އެހެން ނޫނީ ކިތައް ހާސް ރުފިޔާ އަޅުގަނޑުމެން ޚަރަދު ކުރަންޖެހޭނެ މާލޭގައި ތަނެއް ހިފައިގެން ތިބެން. އެއް ގޮތަކީ މި ރަށުގައި ފެންވަރު ރަނގަޅު ޑޮކްޓަރުން ދާއިމީ ގޮތެއްގައި ބޭތިއްބުން، އެހެން ނޫނީ މިފަދަ ކޭމްޕުތައް ގިނަގިނަ އިން ބޭއްވުން. މިތާ މިތިބަ މީހުންނަށް ބަލައިލީމާ ވެސް އެނގޭނެ ޑޮކްޓަރަށް ދައްކަން މީހުން ބޭނުންޖެހިފައި ތިބި މިންވަރު،" އެ އަންހެން މީހާ ބުންޏެވެ.

ފައިސަލް ފައުންޑޭޝަނުން ގާފަރުގައި މިއަދު ބޭއްވި ހެލްތު ކޭމްޕުގައި ހަމުގެ ބަލިތަކަށް ޚާއްސަ ޑރ. ފަރުޒީން ކުޑަ ދެކުއްޖަކު ބަލަނީ. --ފޮޓޯ އަހްމަދު އަބްދުﷲ ސައީދު/މިހާރު

ކާށިދޫގައި ބޭއްވި ކޭމްޕުގައި ކުޑަކުދިންގެ ބަލިތަކުގެ ޑޮކްޓަރު 32 ކުދިން، ހަމުގެ ޑޮކްޓަރު 50 މީހުން، އެތެރެހަށީގެ ޑޮކްޓަރު 37 މީހުން، އަންހެނުންގެ ބަލިތަކުގެ ޑޮކްޓަރު 38 މީހުން، އަދި ރޭޑިއޮލޮޖިސްޓް 38 މީހުން ބަލައި އިރުޝާދު ދިނެވެ. އަދި ގާފަރުގައި ބޭއްވި ކޭމްޕުގައި ކުޑަކުދިންގެ ޑޮކްޓަރު 46 ކުދިން، ހަމުގެ ޑޮކްޓަރު 53 މީހުން، އެތެރެހަށީގެ ޑޮކްޓަރު 39 މީހުން، އަންހެނުންގެ ބަލިތަކުގެ ޑޮކްޓަރު 51 މީހުން ބެލި އެވެ. މީގެ އިތުރުން 73 އަންހެނަކު އުރަމަތީ ކެންސަރަށް ސްކްރީން ކޮށް 26 މީހަކު ސްކޭން ހެއްދި އެވެ.

ފައިސަލް ފައުންޑޭޝަނުން ހެލްތު ކޭމްޕުގެ އިތުރުން އައި ކެއާއާ ގުޅިގެން ކާށިދޫ އާއި ގާފަރަށް ޚާއްސަކޮށް އައި ކޭމްޕުތަކެއް ވެސް އަންނަނީ ބާއްވަމުންނެވެ.