މުހިންމީ ރާއްޖެ ކުރިއެރުން، ގުޅުން ބަދަހިކުރަން ބޭނުން: ޖަޕާން

ރާއްޖެ ހުރިހައި ގޮތަކުން ވެސް ކުރިއަރަން ޖަޕާން އެދޭ ކަމަށާއި، ރާއްޖެ އާއި ޖަޕާނާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރަން ބޭނުންވާ ކަމަށް ޖަޕާން ސަރުކާރުން އިއްޔެ ބުނެފި އެވެ.


ޖަޕާނުގެ ފޮރިން މިނިސްޓަރު ޓާރޯ ކޯނޯ ރާއްޖެ އަށް އިއްޔެ ކުރެއްވި އެއް ދުވަހުގެ ދަތުރުފުޅާ ގުޅޭ މައުލޫމާތު ދިވެހި ނޫސްވެރިންނަށް ދެއްވަމުން ޖަޕާންގެ ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ ޕްރެސް ސެކްރެޓަރީ ތޮޝިހައިޑް އަންޑޯ ވިދާޅުވީ ރާއްޖެ އާއި ޖަޕާނާ ދެމެދު އޮންނަ ހާރިޖީ ގުޅުމަށް މިދިޔަ އަހަރު 50 އަހަރުވެފައިވާ އިރު ކުރިމަގުގައި ވެސް އެ ގުޅުން ބަދަހި ކުރަން ބޭނުންވާ ކަމަށެވެ.

"ރާއްޖެއާ ގިނަ ދާއިރާތަކުން ގުޅުން ބަދަހިކުރަން ބޭނުން. އޭގެ ތެރޭގައި ޓޫރިޒަމާއި ތިމާވެށީގެ މައްސަލަތަކާއި ގުދުރަތީ ހާދިސާތަކުން ރައްކާތެރިވުމަށް ކުރެވޭ މަސައްކަތްތައް ހިމެނޭ. ހަމަ އެހެންމެ ކުޅިވަރާއި ސަގާފަތުގެ ދާއިރާ އިން ގުޅުން ބަދަހި ކުރަން ބޭނުން،" އެއް ދުވަހުގެ ރަސްމީ ދަތުރުފުޅާ ގުޅޭ މައުލޫމާތު ދެއްވަމުން އަންޑޯ ވިދާޅުވި އެވެ.

ރާއްޖެ އާއި ޗައިނާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ އިރު އެކަމާ ދޭތެރޭ ޖަޕާނުން ދެކޭ ގޮތާ ބެހޭ ގޮތުން ސުވާލު ކުރުމުން، އަންޑޯ ވިދާޅުވީ، ދުވަހުން ދުވަހަށް ރާއްޖޭގެ އިގްތިސާދު ކުރިއަރުވަން ކުރަންޖެހޭ ކަންކަން ކުރަން ޖެހޭ ކަމަށާއި ޖަޕާނުން މަސައްކަތް ކުރަނީ އިގްތިސާދީ ގޮތުން ވެސް ރާއްޖެއާ ދެމެދު އޮންނަ ގުޅުން ހަރުދަނާ ކުރުމަށް ކަމަށެވެ.

ޖަޕާނުން މެރިޓައިމް ސެކިއުރިޓީގެ ދާއިރާ އިން ރާއްޖެއާ ގުޅިގެން މަސައްކަތް ކުރަން ބޭނުން ވާ ކަމަށް ވެސް އަންޑޯ ވިދާޅުވި އެވެ.

ޖަޕާނުގެ ފޮރިން މިނިސްޓަރު ޓާރޯގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި ބޭއްވި މަޝްވަރާތަކުގެ މައުލޫމާތު ދެއްވަމުން އަންޑޯ ވިދާޅުވީ އުތުރު ކޮރެއާ ސަރަހައްދުގައި އުފެދިފައިވާ ނުތަނަވަސްކަމާ ގުޅޭ ގޮތުން މަޝްވަރާކޮށް އެ ގައުމަށް ފިއްތުންތައް ކުރިމަތި ކުރުމަށް ދެ ގައުމުން އެއްބަސްވެފައިވާ ކަމަށެވެ. ޖަޕާނުގެ ފޮރިން މިނިސްޓަރު ރާއްޖެ އަށް ކުރެއްވި އެއް ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރޭ ވަނީ ފުރާވަޑައިގެންފަ އެވެ.