އިންޑިއާގެ ކޮއިމްބަތޯރުގެ މީހަކު އުމުރުން ދުވަސްވީ މުއްސަނދި އަންހެނުންނާ ކައިވެނިކޮށް އެމީހުންގެ އަތުން ފައިސާ ފޭރިގަނެގެން ފިލައިގެން އުޅޭ މައްސަލައެއް ފަޅައިއަރައިފި އެވެ. މި މީހާގެ ކަންތައް ފަޅާއެރިއިރު އަށެއްކަ އަހަރު ތެރޭގައި ކޮންމެ އަހަރަކު މީހަކާ އިނދެ އެމީހުންގެ ހުރިހާ ފައިސާއެއް ވަނީ ފޭރިގެންފަ އެވެ.

ވެއްލޯރު ކިޔާ ހިސާބަކަށް ނިސްބަތްވާ ޕުރްޝޮތަމަން އަކީ އެންމެ ކުރިން ޓްރަކް ޓްރާންސްޕޯޓް ވިޔަފާރިއެއް ކުރި މީހެކެވެ. ނަމަވެސް އޭނާއަކަށް އެ މަސައްކަތެއް މާ ރަނގަޅަކަށް ކުރެވޭ ގޮތެއް ނުވި އެވެ. އެހެންވެ "މީހުންނާ ކައިވެނިކުރުމުގެ ވިޔަފާރި" ފަށަން އޭނާ ނިންމީ އެވެ. އަދި އޭނާ ހީވެސް ނުކުރާ ވަރަށް މިކަން ކާމިޔާބުވި އެވެ.

އަށް އަހަރު ދުވަހުގެ ތެރޭގައި އަށް މީހުންނާ ކައިވެނި ކުރިއިރު މި ފިރިހެންމީހާގެ މުއްސަނދިކަން 4.5 ކްރޯޑު ރުޕީސް (45 މިލިއަން) އަށް އެރި އެވެ. ނަމަވެސް އެހިސާބުން އަނެއްކާވެސް އޭނާގެ ނަސީބު އަޑިއަޅާލީ އެވެ.

މި ފިރިހެންމީހާ ފަޅާއެރީ އޭނާ ހަތަރު ވަނައަށް ކައިވެނިކުރި އިންދިރީ ގާންދީ، 45، އާ ހެދި އެވެ. އިންދިރާ އަކީ ޗެންނައިގެ ކޮލެޖެއްގައި ކިޔަވައިދޭ ލެކްޗަރާ އެކެވެ. ޕުރްޝޮތަމަން، 57، ގެ ޖާދޫގައި އިންދިރާ ވެސް ވަރަށް ފަސޭހައިން ޖެހުނެވެ. އަދި އޭނާގެ "ފިރިމީހާ" އަށް ވުރެ އޭނާ ދެކެ ލޯބިވާ މީހަކު ނެތް ކަމަށް އިންދިރާ އަށް ގަބޫލު ކުރެވުނެވެ. ޗެންނައިގައި އިންދިރާގެ އަމިއްލަ ވަރަށް ބޮޑު ގެއެއް ހުރެ އެވެ. ކައިވެންޏަށް ދުވަސްކޮޅެއް ފަހުން އެ ގެ ވިއްކާލުމުގެ ޚިޔާލު އިންދިރާއަށް ޕުރްޝޮތަމަން ދިނެވެ.

ކޮއިމްބަތޯރަށް ގޮސް އޭނާގެ ގޭގައި ދެ މީހުން ދިރިއުޅޭނީ ކަމަށް ބުނެފަ އެވެ. ލޯބިވާ ފިރިމީހާގެ ބަސް އަހާކަށް އިންދިރާ އެއްވެސް ޖެހިލުމެއް ނުވި އެވެ. އަވަސް އަވަހަށް ގެ ވިއްކާލީ 15 މިލިއަން ރުޕީސް އަށެވެ. ނަމަވެސް ގެ ވިއްކާލިތާ މާ ގިނަ ދުވަހެއް ނުވެ ކުއްލިއަކަށް އިންދިރާއަށް ލިބުނީ ޝޮކެކެވެ. ހުރިހާ ފައިސާއެއް ހިފައިގެން އޭނާގެ ފިރިމީހާ ފިލީ އެވެ. އޭނާއަކީ ފައިސާއެއް ގެދޮރެއް އަދި ފިރިއެއް ނެތް މީހަކަށް ހަދާލައިފަ އެވެ.

ޕުރްޝޮތޮމަން ވަނީ ކައިވެނި ކުރުމަކީ ވިޔަފާރިއަކަށް ހަދައި ގިނަ އަންހެނުންތަކަކަށް އޮޅުވާލާފައި
ޕުރްޝޮތޮމަން ވަނީ ކައިވެނި ކުރުމަކީ ވިޔަފާރިއަކަށް ހަދައި ގިނަ އަންހެނުންތަކަކަށް އޮޅުވާލާފައި

އިންދިރާ އަކީ ކިޔަވައިގެން ހުރި މީހަކަށް ވާތީ، އޭނާއަށް މަކަރުހެދި މީހާ ދޫކޮށްލާކަށް ގަސްތެއް ނުކުރި އެވެ. ވަގުތުން ފުލުހުންނަށް މައްސަލަ ހުށަހެޅި އެވެ.

ފުލުހުން މައްސަލަ ބަލަމުން ދިޔައިރު އިންދިރާގެ ކުރިން އެހެން ތިން އަންހެނަކަށް ވެސް ޕްރްޝޮތަމަން އޮޅުވާލައި ކައިވެނިކޮށް ލަނޑުދީފައިވާކަން އެނގުނެވެ. އަދި އޭނާގެ ފަހުން ވެސް ހަތަރު މީހަކާ އެގޮތަށް ކައިވެނި ކޮށްފައިވާކަން ވެސް ހާމަވި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ކޮއިމްބަތޯރު ފުލުހުން ވަނީ ޕުރްޝޮތަމަން ހައްޔަރުކުރުމުގެ އަމުރު ނެރެފަ އެވެ.

ޕުރްޝޮތަމަން އޭނާގެ ޝިކާރައަކަށް ހެދި ހުރިހާ އަންހެނުންނަކީ ވެސް ކޮއިމްބަތޯރުގައި ހުންނަ މެޓްރިމޯނިއަލް އެޖެންސީ އަކުން ހޯދި މީހުންނެވެ. އެ އެޖެންސީ ހިންގާ އަންހެނަކާއި ފިރިހެނަކު ވެސް މިކަމުގައި ޕުރްޝޮތަމަން އާ ގުޅިފައިވާ ކަމަށް އެ ހިސާބުގަނޑުގެ ފުލުހުން ޝައްކު ކުރެ އެވެ.