މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސައިފޮދުގެ އިންތިޒާމްތައް، މިދިޔަ އަހަރު ބޭއްވި ރަސްމީ ޖާފަތުގެ މައްސަލަ ޖެހުނު ނިއު ޕޯޓާ ހަވާލުކުރަން ނިންމައިފި އެވެ.
މިނިވަން ދުވަހުގެ ސައިފޮދު ތައްޔާރުކުރުން ނިއު ޕޯޓާ ހަވާލުކުރިއިރު، މިދިޔަ އަހަރު ފާހަގަކުރި މިނިވަން 50ގެ އަގުބޮޑު ޖާފަތް ނިއުޕޯޓާ ހަވާލުކޮށްގެން ބޮޑެތި މައްސަލަތަކެއް ކުރިމަތިވި އެވެ. އޭގެ ތެރޭގައި ތައްޔާރުކުރި ކާބޯތަކެތީގެ ފެންވަރު ދަށްވުމާއި މީހުން ދިޔަ އަދަދަށް ވުރެ މަދުން ކާއެއްޗެހި ތައްޔާރުކޮށްފައިވުމާއި ކާއެއްޗެހި ސާވްކޮށްދިނުމުގައި ލަސްވުން ހިމެނެ އެވެ.
މި މައްސަލަތައް ކުރިމަތިވެފައި ވަނިކޮށް މިނިވަން ދުވަހުގެ ސައިފޮދު ތައްޔާރުކުރުން ނިއު ޕޯޓާ ހަވާލުކުރަން ނިންމި ސަބަބެއް ރައީސް އޮފީހުން ސާފެއް ނުވި އެވެ. އެނގިފައިވާ ގޮތުގައި ކެއުން ތައްޔާރުކޮށްދޭން ނިއު ޕޯޓުގެ އިތުރުން އެހެން ބަޔަކު ވެސް ކުރިމަތިލި އެވެ.
ނިއު ޕޯޓުގެ އޮފިޝަލަކު މިއަދު ވިދާޅުވީ "މިފަހަރު ހުށަހެޅީ ނިއު ޕޯޓުގެ އަގުތަކާ އަޅާބަލާއިރު ވަރަށް ކުޑަ އަގެއް" ކަމަށެވެ. ނަމަވެސް އެއީ ކިހާވަރެއް ކަން އޮފިޝަލް ވިދާޅެއް ނުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކުރިން ވެސް ކާއެއްޗެހި ތައްޔާރުކުރީ ރައީސް އޮފީހުން ދިން މެނޫއަކަށެވެ. މިފަހަރު ވެސް ކެއުން ތައްޔާރުކުރަނީ ރައީސް އޮފީހުގެ މެނޫއަކަށް ކަމަށް ވިދާޅުވި އެވެ. މި ފަހަރުގެ މެނޫގައި މައިގަނޑު ގޮތެއްގައި ހުރީ އެކި ވައްތަރުގެ ހެދިކާ އެވެ.
މިނިވަން ދުވަހުގެ ރަސްމީ ޖާފަތް މިފަހަރު އޮތީ އިސްލާމީ މަރުކަޒުގަ އެވެ.
ރަސްމީ ޖާފަތުގައި އުފެދުނު މައްސަލަތަކާ ގުޅިގެން އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް ބެލި އެވެ. މައްސަލަ ނިންމައި އޭސީސީން ބުނެފައި ވަނީ ރަސްމީ ޖާފަތް 3.7 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަށް ނިއު ޕޯޓާ ހަވާލުކުރިއިރު، އެއީ އެފަދަ ބޮޑު މުނާސަބަތަކަށް ކެއުން ތައްޔާރުކުރުމުގެ ތަޖުރިބާ ހުރި ބައެއް ނޫން ކަމަށެވެ.
ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ނިއު ޕޯޓާ އެ މަސައްކަތް ހަވާލުކޮށްފައިވާތީ، ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު މުހައްމަދު ހުސެއިން ޝަރީފްގެ މައްޗަށް ދައުވާކޮށްދޭން ވެސް އޭސީސީން ޕީޖީ އޮފީހަށް ފޮނުވި އެވެ. އެކަމަކު ޕީޖީން ވަނީ ދައުވާކުރަން ނުފެންނަ ކަމަށް ނިންމައި މައްސަލަ އަނބުރާ އޭސީސީ އަށް ފޮނުވާލައިފަ އެވެ.