މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސައިފޮދު ތައްޔާރުކޮށްދޭން ނިއުޕޯޓުން ހުށަހެޅީ ބޮލަކަށް 80ރ. އަށް ކަން އެނގިއްޖެ އެވެ.
މިއީ މިދިޔަ އަހަރުގެ މިނިވަން 50 ޖާފަތް އެ ކުންފުނިން ތައްޔާރުކޮށްދިން ރޭޓާ އަޅާބަލާއިރު ނިސްބަތުން ވަރަށް ބޮޑުތަން ކުޑަ އަގެކެވެ. މިދިޔަ އަހަރު އެކުންފުނިން ނެގީ ބޮލަކަށް 3،000ރ. އެވެ.
ނިއުޕޯޓުގެ އޮފިޝަލަކު ވިދާޅުވީ މިނިވަން ދުވަހުގެ ރަސްމިއްޔާތަށް ރައީސް ދައުވަތު ދެއްވި 3،000 މީހުންގެ ސަޔަށް އެ ކުންފުނިން ހުށަހެޅީ ބޮލަކަށް 75ރ. ކަމަށެވެ. އެކަމަކު އެއީ ޖީއެސްޓީއާ ނުލަ އެވެ. ޖީއެސްޓީއާ އެކު ބޮލަކަށް ޖެހޭ އަގު އުޅެނީ 80ރ.ގަ އެވެ.
އޭނާ ވިދާޅުވީ "މިފަހަރު ހުށަހެޅީ ނިއު ޕޯޓުގެ އަގުތަކާ އަޅާބަލާއިރު ވަރަށް ކުޑަ އަގެއް" ކަމަށެވެ. އެއީ، މިދިޔަ އަހަރު މިނިވަން ދުވަހުގެ ޖާފަތުގެ ކަންކަން ދިޔަގޮތުން، އެ ކުންފުންޏަށް ކުރިމަތިވި ފާޑުކިޔުންތަކާ ގުޅިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިނިވަން ދުވަހުގެ ސައިފޮދު ތައްޔާރުކުރުން ނިއު ޕޯޓާ ހަވާލުކުރިއިރު، މިދިޔަ އަހަރު ފާހަގަކުރި މިނިވަން 50ގެ އަގުބޮޑު ޖާފަތް ނިއުޕޯޓާ ހަވާލުކޮށްގެން ބޮޑެތި މައްސަލަތަކެއް ކުރިމަތިވި އެވެ. އޭގެ ތެރޭގައި ތައްޔާރުކުރި ކާބޯތަކެތީގެ ފެންވަރު ދަށްވުމާއި މީހުން ދިޔަ އަދަދަށް ވުރެ މަދުން ކާއެއްޗެހި ތައްޔާރުކޮށްފައިވުމާއި ކާއެއްޗެހި ސާވްކޮށްދިނުމުގައި ލަސްވުން ހިމެނެ އެވެ.
މި މައްސަލަތައް ކުރިމަތިވެފައި ވަނިކޮށް މި އަހަރު ވެސް ނިއުޕޯޓާ ހަވާލުކުރީ ކީއްވެތޯ ސުވާލު ދެންނެވުމުން ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ ވިދާޅުވީ ސައި ފޮދު ހަވާލުކުރީ ނިއުޕޯޓާ ނޫން ކަމަށެވެ. ހުށަހެޅި ޕްރޮޕޯސަލްތަކަށް ބަލައި ސައިފޮދު ހަވާލުކުރީ ސްޓްރާޑާ ކުންފުންޏާ ކަމަށް އޭނާ ވިދާޅުވި އެވެ. ސްޓްރާޑާއަކީ ނިއުޕޯޓް ހިންގާ ކުންފުންޏެވެ.
މުއާޒް ވިދާޅުވި ގޮތުގައި ސައި ތައްޔާރުކުރުން އެ ކުންފުންޏާ ހަވާލުކުރީ އޮންނަ އުސޫލުން، މާލިއްޔަތު ގާނޫނާ ހިލާފުނުވާ ގޮތަށެވެ.
ރަސްމީ ޖާފަތުގައި އުފެދުނު މައްސަލަތަކާ ގުޅިގެން އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް ބެލި އެވެ. މައްސަލަ ނިންމައި އޭސީސީން ބުނެފައި ވަނީ ރަސްމީ ޖާފަތް 3.7 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަށް ނިއު ޕޯޓާ ހަވާލުކުރިއިރު، އެއީ އެފަދަ ބޮޑު މުނާސަބަތަކަށް ކެއުން ތައްޔާރުކުރުމުގެ ތަޖުރިބާ ހުރި ބައެއް ނޫން ކަމަށެވެ. ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ނިއު ޕޯޓާ އެ މަސައްކަތް ހަވާލުކޮށްފައިވާތީ، ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު މުހައްމަދު ހުސެއިން ޝަރީފްގެ މައްޗަށް ދައުވާކޮށްދޭން ވެސް އޭސީސީން ޕީޖީ އޮފީހަށް ފޮނުވި އެވެ. އެކަމަކު ޕީޖީން ވަނީ ދައުވާކުރަން ނުފެންނަ ކަމަށް ނިންމައި މައްސަލަ އަނބުރާ އޭސީސީ އަށް ފޮނުވާލައިފަ އެވެ.