ޓްރެވެލް އެޑްވައިޒަރީ ނެރެނީ ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތަކުން: މިނިސްޓަރު

ރާއްޖެ އައުން ރައްކާތެރި ނޫން ކަމަށް ބުނެ ބޭރު ގައުމުތަކުން ޓްރެވަލް އެޑްވައިޒަރީތައް ގިނަ ފަހަރަށް ނެރެނީ ސޯޝަލް މީޑިއާގައި ރާއްޖެއާ ގުޅޭގޮތުން ފަތުރާ ނޭދެވޭ ވާހަކަތަކުގެ ސަބަބުން ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެ އެވެ.


ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ)ން ކޯސްޓްގާޑް ބިލްޑިންގުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ ރާއްޖޭގައި ކަންކަން ހިނގާ މިންވަރަށް ވުރެ ބޮޑަށް ސޯޝަލް މީޑިއާގައި ނޭދެވޭ ވާހަކަ ދައްކާނަމަ ބޭރު ގައުމުތަކުން އެކަން ބަލާނެ ކަމަށެވެ. އަދި އެއީ އެގައުމުތަކުން މީހުން ރާއްޖެ އައުމުގައި ސަމާލުވާން އަންގާނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޑިފެންސް މިނިސްޓަރު މިހެން ވިދާޅުވީ ރާއްޖޭގައި ޓެރަރިސްޓު ހަމަލައެއް ދީފާނެތީ، އެމެރިކާއިން އަންނަ ޓޫރިސްޓުން ސަމާލުވުމަށް އެ ގައުމުގެ ސްޓޭޓް ޑިޕާޓްމެންޓުން ޓްރެވަލް އެޑްވައިޒަރީ ނެރެފައި ވަނިކޮށެވެ.

މިދިޔަ ބުދަ ދުވަހު ނެރުނު މި ޓްރެވެލް އެޑްވައިޒަރީގައި މައިގަނޑު ގޮތެއްގައި ބުނެފައި ވަނީ ރާއްޖޭގެ ވަކިވަކި ރަށްރަށުގައި ވެސް ޓެރަރިސްޓް ހަމަަލައެއް ދީފާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ. އަދި އެ ހާލަތުގައި ސަރުކާރުގެ އިދާރާތަކުން އެހީތެރިކަން ފޯރުކޮށްދިނުން އަވަސް ނުވެދާނެ ކަމަށް ވެސް އެ އެޑްވައިޒަރީގައިވެ އެވެ.

މިކަން ދޮގު ކުރައްވައި އާދަމް ޝަރީފް ވިދާޅުވީ އެމެރިކާއިން މި އެޑްވައިޒަރީ ނެރެފައިވަނީ ދިވެހި ސަރުކާރާ މަޝްވަރާނުކޮށް، ކަމާ ބެހޭ ފަރާތްތަކުން މައުލޫމާތު ނުހޯދާ ކަމަށެވެ. އަދި އެއީ ސޯޝަލް މީޑިއާގައި ރާއްޖެއާ ގުޅޭގޮތުން ދައްކާ ވާހަކަތަކަށް ބިނާކޮށް ނެރެފައިވާ އެއްޗެއް ކަމަށާއި އެހެންވެ، އެ ފަދަ މައުލޫމާތުތައް ނުފެތުރުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.

"ރާއްޖެއަކީ ވަރަށް ކުޑަތަނަކަށް ވީ ނަމަވެސް ސޯޝަލް މީޑިއާގައި ވަރަށް އެކްޓިވް. އެހެންވެ، ސޯޝަލް މީޑިއާގެ އެކި ސޮފްޓްވެއާތަކުގައި ތަފާތު މަގްސަދުތަކުގައި ދައްކާ ވާހަކަތަކަށް ބޭރު ގައުމުތަކުގެ ސަމާލުކަން އެބަ ލިބޭ. އަދި ގިނަ ގައުމުތަކުން މި ވާހަކަަތައް ނަގަނީ ވަރަށް ނޭދެވޭ ގޮތެއްގައި،" މިނިސްޓަރު ވިދާޅވި އެވެ.

އާދަމް ޝަރީފް ވިދާޅުވީ އެމެރިކާއިން ޓްރެވަލް އެޑްވައިޒަރީ ނެރުނު އިރު ސަރުކާރުން ދިޔައީ ބްރިޓިޝް އެއާވޭޒް އާއި އިނގިރޭސިވިލާތުގެ ޓްރާންސްޕޯޓް އޮތޯރިޓީއާ އެކުގައި މަސައްކަތް ކުރަމުން ކަމަށެވެ. އަދި އެންމެ ފަހުން އެއާޕޯޓުގެ ހަތިޔާރު އަޅައިގެން ދިވެހި ސަރުކާރުން ހަރަކާތްތެރިވެ، ސެކިއުރިޓީ ބެލެހެއްޓުމަށް ކުރި މަސައްކަތްތަކަށް ވެސް ބްރިޓިޝް އެއާވޭޒް އާއި އެހެން ގައުމުތަކުން ބަލައިގަތް ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ޓެރަރިޒަމްގެ ބިރެއް ނެތް ކަމަށާއި ރާއްޖޭގެ މާހައުލު މީގެ ދިހަ ވަރަކަށް އަހަރު ކުރިއާ އަޅާބަލާއިރު ތަފާތެއް ނެތް ކަމަށެވެ. ދީނީ ގޮތުން ހައްދު ފަހަނައަޅާފައިވާ ބަޔަކު 2007 ވަނަ އަހަރު ސަލްޓަން ޕާކުގައި ދިން ހަމަލާ އަށް ފަހު މިހާތަނަށް އެފަދަ ހަމަލާއެއް ދީފައި ނެތް ކަމަށާއި ޓެރަރިޒަމްގެ އަމަލުތައް ރާއްޖޭގައި ގިނައިން ހިންގާފައި ވަނީ ސިޔާސީ ކަންކަމާ ގުޅިގެން ކަމަށް އޭނާ ވިދާޅުވި އެވެ.