މާލޭގެ ހާލަތު ވަރަށް ގޯސްވެފައިވާކަން ދެ ދަރިވަރަކަށް ދިން ހަމަލާއިން އެނގޭ ކަަމަށާއި އެކަން ހައްލުކުރަން ހުރިހާ އެންމެން ގުޅިގެން މަސައްކަތް ކޮށްދިނުމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު މިއަދު އެދިވަޑައިގެންފި އެވެ.

އަމީނިއްޔާ ސްކޫލު ހިމެނޭ ސަރަހައްދުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޝިފާ ވިދާޅުވީ، މިދިޔަ އަހަރުން ފެށިގެން 15-16 އަހަރުގެ ކުދިން މާރާމާރީތަކުގައި ބައިވެރިވާ މިންވަރު އިތުރުވެފައިވާ ކަމަށެވެ. އެއީ ކަންބޮޑުވާ ކަމެއް ކަމަށާއި އެކަމުގެ ސަބަބު ހޯދަންޖެހޭނެ ކަމަށް، އެމްޑީޕީ ސަރުކާރުގައި އެޑިއުކޭޝަން މިނިސްޓަރުކަން ވެސް ކުރެއްވި ޝިފާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މާލޭތެރެ އަމާންކުރެވޭނީ މާލެ ސިޓީ ކައުންސިލާއި ފުލުހުންނާއި ހުރިހާ މުއައްސަސާތަކެއް ވެސް ގުޅިގެން ކަމަށެވެ.

ތާޖުއްދީން ސްކޫލަށް ދެ މީހަކު ވަދެ އެ ސްކޫލުގެ ދަރިވަރަކަށް އިއްޔެ ވަނީ ހަމަލާދީފަ އެވެ. އަދި މިއަދު ސްކޫލު ނިންމާފައި ގެއަށް ދިޔަ މަގުމަތީގައި، ދަރުމަވަންތަ ސްކޫލުގެ ދަރިވަރަކަށް ވެސް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވެ އެވެ. އެއާއެކު، ސްކޫލަތައް ހިމެނޭ ސަރަހައްދުތަކުގެ ސެކިއުރިޓީ ފުލުހުން ވަނީ ވަރުގަދަކޮށްފަ އެވެ.

ރައްޔިތުންގެ ރައްކާތެރިކަމަަށްޓަކައި ޓްރެފިކް ފުލުހުން ވެސް މަސައްކަތް ކުރަމުން އަންނަކަން ފާހަގަކޮށް ޝިފާ ވިދާޅުވީ، އެކަމުގައި އެންމެންގެ އެހީތެރިކަން ވެސް ބޭނުންވާނެ ކަމަށެވެ.

"ރައްޔިތުން މިވަގުތު އެދެނީ މުއައްސަސާތަކުން ހިމޭނުން ނުތިއްބަވައި މިކަންކަން ކުރާ ފަރާތްތަކާ ދެކޮޅަށް އަވަހަށް ފިޔަވަޅު އަޅުއްވައި އެ މައުލޫމާތު ރައްޔިތުންނަށް ހާމަކޮށްދިނުމަށް،" މާލޭގައި ހިނގަމުންދާ މާރާމާރީތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވަމުން ޝިފާ ވިދާޅުވިި އެވެ.

ސިޓީ ކައުންސިލުން މިއަދު ވަނީ މާލޭގެ ރައްކާތެރިކަމާއި ސިނަމާލެ ފްލެޓު ސަރަހައްދުގެ ރައްކާތެރިކަމާ ގުޅޭގޮތުން ފުލުހުންނާ މަޝްވަރާކޮށްފަ އެވެ.