ޖީއެމްއާރަށް އެއާޕޯޓް ދިނުމަކީ ދިގު ދެމިގެންވާ ފަގީރު ކަމަކަށް ގައުމު ވައްޓާލަން ރޭވިގެން ހިންގާފައިވާ އަމަލެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރޭ ވިދާޅުވެއްޖެ އެވެ.
ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް "އެންމެ ގާތުން" ގެ ނަމުގައި ހިންގަވާ ކެމްޕޭން ހަރަކާތުގައި ހދ. ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ސައީދު ވިދާޅުވީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 25 އަހަރަށް ޖީއެމްއާރަށް އެއާޕޯޓް ދިނުމަކީ ވެފައިވާ ޚިޔާނާތެއް ކަމަށެވެ. އެއާޕޯޓްގައި ދެ ވަނަ ރަންވޭއެއް އަޅަން އޮތް ތަނުގައި ޓާމިނަލެއް އަޅަން، ނަގަން އުނދަގޫވާ ވަރުގެ ބޮޑެތި ބުޑުތަކެއް ޖަހައި އިތުރު ރަންވޭއަކަށް އޮތް މަގު އެއްކޮށްހެން ބަންދުކޮށްލާފައިވާ ކަމަށް ސައީދު ވިދާޅުވި އެވެ.
އެއާޕޯޓްގައި އެންމެ ރަންވޭއެއް އޮންނާތީ، އެތަން ބިޒީވެ ބޯޓުތައް ނުޖެއްސިގެން މަތީގައި އޮވެ ބުރުޖަހަން ޖެހުމަކީ ތެލުގެ ޚަރަދު ބޮޑުވެ ޓިކެޓްގެ އަގު ބޮޑުވާ ކަމެއްކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. ސައީދު ވިދާޅުވީ މިކަމަށް ހައްލެއް ހޯދަން އެނގިވަޑައިގެންނެވި ވެރިޔަކު ރައީސް ޔާމީން ނޫނީ ނެތް ކަމަށެވެ.
"މިހެން އޮއްވައި ޖީއެމްއާރަށް އެއާޕޯޓް ދިނީ. އެއް ރަންވޭ އޮވެގެން މި ހުރިހާ ކަމެއް ވަނީ. ދެ ވަނަ ރަންވޭއެއް އަޅަން އޮތް ތަނުގައި ބޮޑެތި ބުޑުތައް ޖަހައި ކުނި އަޅައިފަ އޮތީ."
ސައީދު ވިދާޅުވި ގޮތުގައި ޖީއެމްއާރުން ކަންތައް ކޮށްފައި އޮތީ އެއާޕޯޓަށް ބޭނުންވާ ދެ ވަނަ ރަންވޭއެއް އެޅުމަށް ހުރަސް އަޅާ ގޮތަށެވެ.
"ދެމިގެން ދާނެ ފަގީރު ކަމަކަށް ގައުމު ވައްޓާލަން، ކަނޑައެޅިގެން ރޭވިގެން ކުރެވިފަ އޮތް ކަމެއް އެއީ. މީގަ އިހުމާލުވާން ޖެހޭނީ ރައީސް ނަޝީދު،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިއީ ރާއްޖޭގައި 126 ރިސޯޓް ނޫން އެހެން އެއްޗެއް ހެދިޔަ ނުދޭން ކުރި ކަމެކެވެ. އެކަމަކު ރައީސް ޔާމީން ވަޑައިގެން 300 މިލިއަނަށް ވުރެ ގިނަ ޑޮލަރު ޚަރަދުކޮށް އެއާޕޯޓް ގައުމަށް ހޯއްދަވައިދެއްވައި ތަރައްގީކުރައްވައިފި ކަމަށް ސައީދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މި އަހަރުގެ ޖުލައި މަހު އޭ380 މަރުކާގެ ބޯޓުތައް އާ ރަންވޭއަށް ޖައްސަން ފަށާނެ ކަމަށެވެ.
"ރައީސް ޔާމީނަކީ ގައުމީ ބަތަލެކޭ އަޅުގަނޑު ދަންނަވަނީ އެހެންވެ،" ސައީދު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ރައީސް ޔާމީން ބަތަލަކަށްވާ އެއް ސަބަބަކީ ހުޅުލޭ އެއާޕޯޓް ތަރައްގީކުރުމެވެ.
"މިއަށްވުރެ ބޮޑު މަސައްކަތެއް ގައުމުގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ކުރެވޭނެ ގޮތެއް އިދިކޮޅުގަ އެ ތިބަ ބޭފުޅުން ވިދާޅުވެބައްލަވާ،" ރާއްޖޭގައި އިންވެސްޓަރުންނަށް ޔަގީންކަން ލިބި ލޯނުތައް ލިބެނީ އިގްތިސާދާ މެދު އިތުބާރު އޮތުމުންކަން ފާހަގަކުރައްވަމުން ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަން ފެށުނީ ވެސް ދުނިޔޭގެ އިގްތިސާދު އެހާ ރަނގަޅު ދުވަސްވަރެއްގައި ނޫން ކަމަށާއި އަދިވެސް އެހާ ރަނގަޅު ނޫން ކަމަށެވެ. މިފަދަ ދުވަސްވަރެއްގައި ރައީސް ކަމަށް ޔާމީން ވަޑައިގަތުމަކީ ނަސީބެއްގެ ގޮތުގައި ސައީދު ސިފަކުރެއްވި އެވެ.
"ޑޮލަރަށް ބައްލަވާ. ޑޮލަރުގެ އަގު މިއަށްވުރެ ހޮޔޮކޮށް އޮތް ހަތަރު އަހަރެއް، މުޅި ތާރީޚުގައި ވެސް ޑޮލަރުގެ އަގު ޖައްސަން ފެށި ފަހުން އެބަ އޮތްތޯ؟،" ސައީދު ވިދާޅުވި އެވެ.
ރައީސް ޔާމީންގެ ވެރިކަން މިހާ ހިސާބަށް އައި އިރު އިމްޕޯޓާއި އެކްސްޕޯޓް ރެކޯޑް މިންވަރަކަށް އިތުރުވެއްޖެ ކަމަށާއި ޓޫރިސްޓުން ވެސް ރެކޯޑް މިންވަރަކަށް ޒިޔާރަތްކޮށްފި ކަމަށް ސައީދު ވިދާޅުވި އެވެ. އަދި ރެކޯޑް އަދަދަކަށް މަތިންދާބޯޓް ވެސް ޖައްސާފައިވާކަން ފާހަގަކުރެއްވި އެވެ. މީގެ އިތުރުން ވިދާޅުވީ ތަރައްގީގައި ވެސް މި ސަރުކާރުން ރެކޯޑް ހަދައިފި ކަމަށެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ ކުޅުދުއްފުށީގައި އެއާޕޯޓެއް އަޅާ ވާހަކަ އެންމެ ފުރަތަމަ ދެއްކެވީ ވެސް އެ އެއާޕޯޓު ހަދަން ބޭނުންވާ ފައިސާ އާއި އެހެން ވަސީލަތްތައް ވެސް ހޯއްދެވީ ރައީސް ޔާމީން ކަމަށެވެ.
ސައީދު ވިދާޅުވީ އިދިކޮޅު މީހުންގެ މަސައްކަތަކީ ރައީސް ޔާމީން މި ގައުމަށް ކުރައްވާ މަސައްކަތާ މެދު ވަހުމު އުފެއްދުން ކަމަށެވެ. އެގޮތުން ކޮންމެ ކަމެއްގެ ވާހަކަ ދެއްކިޔަސް އެކަމެއް ނުވާނެ ކަމަށް ބުނެ ވާހަކަ ދައްކާ ކަމަށް ވިދާޅުވި އެވެ.
ކުޅުދުއްފުށީ އެއާޕޯޓް ހަދަން ހަރަދުކުރަނީ ދައުލަތުގެ ބަޖެޓުން ކަމަށާއި އެތަނުގެ މަސައްކަތް ޖުލައި ނުވަތަ އޯގަސްޓް ހިސާބުގައި ނިންމައި މަތިންދާބޯޓު ޖައްސަން ފެށޭ ވަރު ކުރުމަކީ ސަރުކާރުގެ އަމާޒު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ކުޅުދުއްފުއްޓާއި އެ ސަރަހައްދަށް ކަމުދާނެ ޓޫރިޒަމްގެ މަސައްކަތްތައް ވެސް ގެނެސްދެއްވާނީ އަދި ބޮޑުތިލަދުންމަތި ތަރައްގީކޮށް އެއީ އޮންނަ ތަނެއްކަން އެނގޭވަރު ވެސް ކޮށްދެއްވީ ވެސް ރައީސް ޔާމީންގެ މި ސަރުކާރުންނެވެ.
އެހެންވެ މި އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވާނީ ރައީސް ޔާމީން ކަމަށާއި ކުރީގެ ރައީސް ނަޝީދުގެ ނަން ވޯޓު ކަރުދާހުގައި އޮތަ ނުދޭނެ ކަމަށް ސައީދު ވިދާޅުވި އެވެ. އަދި އިދިކޮޅު މީހުންގެ ރޭވުންތައް ބޭޒާރުކޮށްލައްވާނެ ކަމަށް ވިދާޅުވި އެވެ.