ގޭޓްވޭގެ ފޮތެއްގައި ޖިންސީ ގުޅުން ހިންގާ ގޮތް، ބައެއް ބެލެނިވެރިން ރަތަށް!

ހުޅުމާލޭގައި ހުންނަ ގޭޓްވޭ އިންޓަނޭޝަނަލް ސްކޫލްގެ ގްރޭޑް ހަތެއްގެ ސައިންސް ފޮތުގައި ޖިންސީ ގުޅުން ހިންގާ ގޮތް ކިޔައިދީ އަންހެނުންގެ ދަރިމައިވުމުގެ ނިޒާމު ކުރެހުމުން ދައްކައިދީފައިވާތީ ބައެއް ބެލެނިވެރިން ރުޅިގަދަވެ، ޝަކުވާ ކުރަން ފަށައިފި އެވެ.


ގޭޓްވޭ ސްކޫލްގެ ގްރޭޑް ހަތެއްގެ އެ ފޮތުގައި ޖިންސީ ގުޅުން ހިންގާ ގޮތް ތަފްސީލުކޮށް ކިޔައިދީފައިވާ އިރު ފިރިހެނާގެ ދަރިފަނި ދަތުރުކުރާ ގޮތާއި ދަރިން އުފެދޭ ގޮތާއި ވިހާ ގޮތް ވެސް ކިޔައިދީފައި ވެ އެވެ.

ޖިންސީ ގުޅުމާއި ދަރިމައިވުމާ ގުޅޭ ތަފްސީލީ މައުލޫމާތު މީގެ ކުރިން އެހާ ތަފްސީލުކޮށް ކިޔައިދެނީ ގްރޭޑް ދިހައެއްގެ ބަޔޮލޮޖީ މާއްދާގަ އެވެ. އެކަމަކު ބަޔޮލޮޖީ ފޮތުގައި ހުންނަ ވަރަށް ވުރެ މާ ތަފްސީލުކޮށް ގޭޓްވޭގެ ފޮތުގައި ކިޔައިދީފައި ވެ އެވެ.

ގޭޓްވޭގެ ޕްރިންސިޕަލް މުހައްމަދު ރަޝީދު ވިދާޅުވީ އިނގިރޭސި ވިލާތުގެ މުގައްރަރަކަށް ހަދާފައިވާ އެ ފޮތްތައް ދަރިވަރުންނަށް ބެހީ އެޑިއުކޭޝަން މިނިސްޓްރީން ބަލައި ފާސްކޮށްގެން ކަމަށާއި އެކަމަކު ޖިންސީ ގުޅުން ހިންގުމާ ގުޅޭ ގޮތުން ހިމަނާފައިވާ ފިލާވަޅުތައް، އެ ސްކޫލުގައި ކިޔަވައި ނުދޭނެ ކަމަށެވެ.

ދިރާސީ އާ އަހަރުގެ ފުރަތަމަ ދުވަހު ގޭޓުވޭ ސްކޫލުގެ ކުދިންތަކެއް ސްކޫލު ގޯތިތެރޭގައި ސަފަކަށް އެތުރިލައިގެން. --ފޮޓޯ: ގޭޓުވޭ ސްކޫލު

"އަޅުގަނޑުމެން މި ކިޔަވައިދެނީ ޔޫކޭގެ ކަރިކިއުލަމަށް. އެކަމަކު ފޮތްތައް ކަސްޓަމައިޒް ކުރެވޭކަށް (ބަދަލު ގެނެވޭކަށް) އަޅުގަނޑުމެންނަކަށް ނޯވޭ،" ރަޝީދު ވިދާޅުވި އެވެ.

"އެ ބައި ކިޔަވައިދިނުމުގެ ހުއްދައެއް އަޅުގަނޑުމެންނަކަށް ނުލިބޭ. އެހެންވެ، ގޭޓްވޭގައި އެ ބައެއް ކިޔަވައެއް ނުދޭނެ."

ގްރޭޑް ހަތެއްގެ މި ފޮތް މިދިޔަ އަހަރު ވެސް ދަރިވަރުންނަށް ދޫކޮށްފައިވާ ކަމަށް އެ ސްކޫލުން ބުންޏެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ގޭޓްވޭ ސްކޫލްގެ ޓެކްސްޓް ފޮތެއްގައި އުމުރާ ނުގުޅޭ މައުލޫމާތުތަކެއް ހުރި މައްސަލައެއް މިދިޔަ އަހަރު ހުށަހެޅި ކަމަށާއި އޭރު އެ މައްސަލަ ބަލައި، އެ މައުލޫމާތު ހުރި ސަފުހާތައް އެ ފޮތްތަކުން ނެގުމަށް ފަހުގައި ނޫނީ ދަރިވަރުންނަށް ނުދިނުމަށް އެންގި ކަމަށެވެ.

އެކަމަކު އެއީ ސީދާ ސައިންސް ފޮތް ކަމެއް އެތަނަކުން ނުބުނެ އެވެ.

"އަޅުގަނޑަށް އެނގިފައިވާ ގޮތުން އެއީ ހަމަ އެ ފޮތްކަމަށް ވުން އެކަށީގެންވޭ. އޭރު އަޅުގަނޑުމެން އެންގިން އެ މައުލޫމާތު ހިމެނޭ ސޮފުހާތައް ނައްޓާލައިގެން ދަރިވަރުންނަށް ފޮތް ދޫކުރުމަށް. މި އަހަރު އެ ފަދަ ކަމެއް ހިނގައިގެން އުޅޭ ކަމެއް ނޭނގޭ. އަދި އެ ފަދަ މައްސަލައެއް ވެސް ހުށައެއްނާޅާ،" އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު ވިދާޅުވި އެވެ.

ޝަފީއު ވިދާޅުވީ ދަރިވަރުންނަށް ފޮތްތައް ދޫކުރާ ފަހުން ވެސް، މައްސަލައެއް ފާހަގަ ވެއްޖެ ނަމަ އެ ފޮތްތައް ނަގައި އިސްލާހު ކުރަން އެ ތަނުން އަންގާނެ ކަމަށެވެ.

ޖިންސީ މައުލޫމާތު ހުރި މި ފޮތް ކިޔަވައި ނުދިން ނަމަވެސް، ފޮތުގައި އެ މައުލޫމާތު ހުރުމުން ބައެއް ބެލެނިވެރިން ވަނީ ޝަކުވާކޮށްފަ އެވެ. އެ މީހުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އުމުރުން 13 އަހަރުގެ ކުދިންނަށް ކިޔައިދޭ ވަރަށް ވުރެ އެ މައުލޫމާތުތައް މާ ތަފްސީލުވުމެވެ.

"ދަރިން ލިބެނީ ކިހިނެއް ކަމާއި ސޭފް ސެކްސް (ރައްކާތެރި ގޮތުގައި ޖިންސީ ގުޅުން ހިންގުން) އަކީ ކޮބައިކަން ދަރިވަރުންނަށް އެނގެން ޖެހޭ. އެކަމަކު އެކަމަށް ވަކި އުމުރެއް އޮންނާނެ. އެހާ ކުޑަކުދިންތަކަކަށް އެހާ ތަފްސީލުކޮށް، ކިޔައިދިނީމަ ވާނެ އެއްޗަކީ އެކަމާ ގުޅޭ ގޮތުން އެ މީހުންގެ ކިއުރިސިޓީ ބޮޑުވާނެ. މިހާރު އިންޓަނެޓްގެ ޒަރީއާ އިން އެ މައުލޫމާތުތައް ހޯދުމަކީ މާ ބޮޑު ކަމެއް ނޫން،" ބެލެނިވެރިއަކު ބުންޏެވެ.

"ކިޔަވާ ނުދޭށެކޭ ނޫން. އެކަމަކު މިއީ އެކަން ކުރުމަށް އެންމެ ރަނގަޅު އުމުރެއް ނޫން. އަޅުގަނޑު ދެކޭ ގޮތުގައި މިއީ ޕޮޒިޓިވް ކަމަކަށް ވުރެ ބޮޑަށް ނެގެޓިވް ކަމެއް،"

ގޭޓްވޭގެ ސައިންސް ފޮތުގައިވާ މި މައުލޫމާތުތައް ސޯޝަލް މީޑިއާގައި އާއްމުވުމާ އެކު ގިނަ ބަޔަކު ވަނީ މިއީ އެ އުމުރުގެ ދަރިވަރުންގެ ފޮތްތަކުގައި ހިމަނަން ނުޖެހޭ ވާހަކަތަކެއް ކަމަށް ބުނެ އެކަން ކުށްވެރިކޮށްފަ އެވެ. އެކަމަކު އެކަމާ ދެކޮޅަށް ވާހަކަ ދައްކާ ބައެއް މީހުން ބުނީ މިއީ މީގެ ކުރިން ވެސް ދަރިވަރުންނަށް ކިޔައިދޭ ވާހަކަތަކެއް ކަމަށާއި މައްސަލަ އަކީ މައުލޫމާތު ނޫން ކަމަށާއި ދަރިވަރުންގެ އަހުލާގު ކަމަށެވެ.