ޕީޕީއެމް އޮފީހުގައި ބޭއްވި ބައްދަލުވުމަށް ފަހު މައުމޫން ވަަޑައިގަންނަވަނީ.---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު
12 ޖުލައި 2016 - 20:46
ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުން ބޭނުންވާ ކޮންމެ ކަމެއް ނުކުރެވޭނެ ކަމަށާއި އެ ގްރޫޕަށް ހަރަކާތްތެރިވެވޭނީ ގަވާއިދުގައި ދީފައިވާ އިހްތިސާސްތަކުގެ ތެރޭގައި މަޖިލީހާ ގުޅުން ހުރި މަސައްކަތް އެކަނި ކަމަށް އެ ގްރޫޕްގެ ލީޑަރު، އަހްމަދު ނިހާނަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އަންގަވައިފި އެވެ.
މައުމޫން މިގޮތަށް އެންގެވީ ޕީޕީއެމްގެ އެތެރޭގެ މައްސަލަތަކާ ގުޅޭގޮތުން ނިހާން ފޮނުއްވި ސިޓީއަކަށް ޖަވާބު ދެއްވައި ފޮނުއްވި ސިޓީއެއްގަ އެވެ.
އެ ސިޓީގައި މައުމޫން ވިދާޅުވީ ޕީޕީއެމްގެ އަސާސީ ގަވާއިދުގެ 38 ވަނަ ބުނާގޮތުން ޕާލަމެންޓްރީ ގްރޫޕަކީ ޕާޓީގައި ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަޖިލީހާ ގުޅޭ މަސައްކަތްތައް ރާވައި ވިލަރެސްކުރުމަށް އެކުލަވާލެވޭ ގްރޫޕެއް ކަމަށެވެ. އެހެންކަމުން އެ ގްރޫޕަކީ ހަމައެކަނި މަޖިލީހުގެ މަސައްކަތްތައް ރާވައި ހިންގަން އޮންނަ ގުނަވަނެއް ކަމަށް މައުމޫން ވިދާޅުވި އެވެ.
"އެހެންކަމުން މި މާއްދާގެ ބޭރުން ކަންކަން ނިންމެވުމުގެ ހައިސިއްޔަތެއް ޕީޖީ ގްރޫޕަށް ޕާޓީގެ އަސާސީ ގަވާއިދުގައި ލިބިދީފައި ނުވާ ވާހަކަ ދަންނަވަމެވެ،" ސިޓީގައި މައުމޫން ވިދާޅުވި އެވެ.
ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ބައްދަލުވުމެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ: އެ ގްރޫޕުން ކަންކަން ނިންމަން ޖެހޭނީ ގަވާއިދުގައިވާ ގޮތަށް ކަން މައުމޫން ވަނީ އަންގަވާފައި.
ޕާޓީގެ އެތެރޭގެ މައްސަލަތަކާ ގުޅޭގޮތުން މަޝަވަރާކުރަން ވަރަށް އަވަހަށް ކައުންސިލް ބައްދަލުވުމެއް ބާއްވަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް މައުމޫން ވިދާޅުވި އެވެ.
މި މަހު ތިން ވަނަ ދުވަހު ނިހާނަށް ފޮނުއްވި ސިޓީގައި އެދިވަޑައިގެންނެވި ގޮތަށް ޕާލަމެންޓްރީ ގްރޫޕްގެ ޔައުމިއްޔާތައް ހިއްސާކޮށްދޭން މައުމޫން މި ސިޓީގައި ވެސް އެދިވަޑައިގެންނެވި އެވެ.
"ބައްދަލުވުންތައް ބޭއްވި ތާރީހާއި ތަނާއި ހާޒިރީ އާއި އަދި އެ ބައްދަލުވުންތަކަށް ހުށަހަޅުއްވައި ނިންމެވި ކަންކަން 14 ޖުލައިގެ ކުރިން އަޅުގަނޑަށް ފޮނުއްވައިދެއްވުން އެދެމެވެ،" މައުމޫން ވިދާޅުވި އެވެ.
ރައީސް އަބްދުﷲ ޔާމީނާއި މައުމޫނާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތައް ބޮޑުވެ ޕާޓީ ތެރޭގައި މިހާރު ވަނީ ދެ ފެކްޝަން އުފެދިފަ އެވެ. ޕާޓީގެ ހިންގުން ހަރުދަނާކުރަން އިސްލާހީ އެޖެންޑާއެއް މައުމޫން އެކުލަވާލައްވާފައިވާއިރު ޕާޓީ ކައުންސިލްގެ ހުއްދަ ނެތި އެމަނިކުފާނަށް އެކަން ނުކުރެއްވޭނެ ކަމަށް ރައީސް ޔާމީން ފެކްޝަންގައި ތިއްބެވި ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިއްދީގު
14 July 2016
މައުމޫން ސައިޒް ކުރަން އެބަޖެހޭ. އެހެން ނޫނީ މިކަމެއްނުވާނެ.
ފޮނިޓައްޕު ހަސަނު
13 July 2016
ސާބަހޭ ރައީސް މައުމޫނު ތިއޮތީ އެއުޅޭ ނިހާނު ސައިޒަށް ކަނޑައިލައިފައި. މައުމޫނު ޒިންދާބާދް. ކުރިޔަށް ދިވެހި ގައުމު.
ގޮބޮޅި
13 July 2016
ޕީޖީ ގުރޫޕަށް ހީވެގެން މިއުޅެނީ ވިއުޅެވެނީ ބަރުލަމާނީ ނިޒާމެއްގަޔޭ. ތންދޮރު ނުދަންނަ ބަޔަކު ލެވުނީމަ ވާގޮތް މިފެންނަނީ. ސައިޒުގަތިބެން ދެންވެސް ދަސްކޮއްބަލަ. މެޗޫރިޓީ ދަށްކަދީބަލަ.
ބޮޑުރިޔާ
13 July 2016
ސާބަހޭ މަނިކުފާނު އަބަދުވެސް މަނިކުފާނު ތީދިވެހިދަރިންނަކީ
ފފ
13 July 2016
ބުރޯ އަދީބާއި ގުޅިގެން އެމްއެންޕީއާރުސީ ފައިސާނެގި މަޖިލިސް މެމްބަރުންނާއި މެދުގައިވެސް ފިޔަވަޅުއަލަން ޖެހޭ!
ދދ
13 July 2016
އަޅުގަނޑުމެންގެ ގިނަ ރައްޔިތުން ބޯހިޔާ ވަހިކަން ނުލިބި އުޅޭއިރު ރައްޔިތުންގެ ފައިސާއިން ކުރީގެ ރައީސުން މިނަންގަވާ ބޮޑު އިނާޔަށް ހުއްޓާލަން ބިލެއް ފާސްކުރަން ޖެހޭ، ކުރީގެ ރައިސުންނަށްވެސް އަސާސީ ޕެންޝަން ދޭންޖެހެނީ!
މެންޓަލިސްޓް
13 July 2016
ތީކީ ޕީޖީގުރޫޕެއްނޫން ، އަތުގައި ކަޅުފައިސާ ނުހޭކޭ އެކަކުވެސް ތިޔަޕީޖީގުރޫޕަކުނެތްކަން ޙުދުރައީސްޔާމިން ގައުމާ މުޙާތަބުކޮށް ވިދާޅުވި ، އަނެއްކޮޅުން މަޖިލިސްގެ މަންބަރު މުހައްމަދު އިސްމާއިލްވެސް ވިދާޅުވި ، އެހެންވީމާ ޕީޖީގުރޫޕްގައި ތިޔަތިއްބެވީ ނަހަމަގޮތުގައި އެތައްބައިވަރު ފައިސާހޯދައިގެން ތިބި ﷲ ހެކިކޮށް ކުރިހުވަޔާ ޙިލާފްވެފައި ތިބިބައެއް ، ރަގަޅު އަދުލްއިންސާފަށް ލޯބިކުރާ ސްޕްރީމްކޯޓެއް އޮތްނަމަ ތީގެން އެއްވެސް މެންބަރެއްގެ މެންބަރުކަމެށް ނޯންނާނެ ، އޭސީސީވެސް މިނިވަން ނަމަ ތިޔަތިބި އަދުރޭމެން ނިހާންމްގެ ވިޔަފާރިތަށް ބަލާ ދައުވާކުރީސް ، ހިންދީބަހުން ބުނާނަމަ ޕީޕީއެމް ގެ ޕީޖީގުރޫޕްކަށް ކިޔަންވީ " ހަމް ސަބް ޗޯރްހޭ "
ކުށް އިސްލާހު
13 July 2016
ރަނގަޅު ގޮތަކީ "ޕީ.އެމް. ގްރޫޕު... PG Group nukiyeyne. Rangalhu gothe kee PM Group “Parliament Member Group”
ޢަލީ
13 July 2016
ޕީ. ޢަކީ ޕާލަމެންޓް. ޖީ. ޢަކީ ގުރޫޕް. ދެން އަނެއްކާ ކޮން ގްރޫޕެއް،،، އައި. ޖީ. ޢެމް. ޢެޗް. ޙޮސްޕިޓަލް ކިޔާހެން ދޯ،،،؟
ޖުހާ
13 July 2016
މިހާރު ދިމާކުރުވާގެން އުޅޭ މައްސަލަތަކަކީ މަދު ބަޔަކު ދުއްވާލުމަށް ހަލުވާ ގޭސްގަނޑެއް. މިކަމުގެތެރޭގައި ޕީޕީއެމް އިސްބަޔަކު ތާށިކުރުވާ ބޭރުކުރުވާނެ. ބުރޯގެ އެހީތެރިކަން ލިބުނުމީހުންކޮޅު ވަރަށް ވިސްނަންޖެހޭ މިކޭސްގައި، ޒައީމަށް އެމީހުންލައްވާ ބަދުބަސް ބުނުވާފައި އެމީހުން އެކެހެރިވެގެންދާނެ. އެހިސާބުން އަސްލުވާން އުޅޭގޮތް އިގޭނެ. އެހިސާބުން އެބަޔަކު ތިބޭނީ ޕީޕީއެމް މެންބަރުންގެ ލޯބިގެއްލި ޔާމީނުގެ ރުހުމާއި އެހީތެރިކަމުން މަހުރޫމްވެފަ..
ސިންގަމް
13 July 2016
ޕީ.ޕީ.އެމް އަކީ ރައީސް މައުމޫން. ޑީ.އާރ.ޕީއަކީ ވެސް މައުމޫން. ތަސްމީނު އޭރު މައުމޫނާއި ޖައްސާލައިގެން އުޅުނު ހަނދާން ވޭތަ ؟ މައުމޫން ޑީ.އާރ.ޕީއިން ބޭރުވުމުން ޑީ.އާރ.ޕީއަށް ވީ ކިހިނެއް ؟ މިއަދު ޑީ.އާރ.ޕީއަކީ ޕާރޓީއެއްކަން ބަޔަކު ދެނެހުރިތަ ؟ އޭރު ތަސްމީން ރާއްޖޭގެ އެންމެ ބޮޑު ޕާރޓީގެ ލީޑަރޭ ލީޑަރޭ ތިމަންނަމީ ގޮަވަމުން ދުވެފަ، މިއަދު އޭނަގެ ހިލަމެއް ވޭތަ ؟ މަޖިލިސް މެމްބަރު ކަމަށް ކުރިމަތިލިޔަސް ވާނީ ފޭލް. ޕީ.ޕީއެމް އަކީ ވެސް ހަމަ އެގޮތަށް މައުމޫން. ނިހާން މެންނަށް އަސްލު އޮޅިގެން ތިއުޅެނީ. ޕާރޓީ، ހައިޖެކް ކޮއްފިޔޭ ކިޔާ ހަޅޭއް ލަވާއިރު، ފުރަތަމަ ތި ޕީ.ޕީއެމް ޕާރޓީ އަށް 50،000 މެމްބަރުން ހަމަވީސް ރައީސް މައުމޫން ގެ ސަބަބުން. 50،000 މެމްބަރުން ޕާރޓީއަށް ވަނީ ނިހާން ފަހަތަކުން ނޫން، އަބްދުއްރަޙީމްގެ އަޑު ގަދަވެގެންނެއް ނޫން. އެއީ ރައީސް މައުމޫންގެ ސަބަބުން. މައުމޫން ޕާރޓީ ހައިޖެކް ކުރާކަށް ނުޖެހޭނެ. މާދަމާ ޕީ.ޕީއެމުން ވަކިވިޔަސް ޕާރޓީގެ %90 މީހުން ދާނީ މައުމޫން ހުންނަ ކޮޅަކަށް. ކޮންމެ ފަހަރުވެސް މައުމޫން ގަހެއް އިންދާ އޭގައި މޭވާ އަޅާފަހުން ކޮންމެވެސް ތާކުން މީހަކު އައިސް ވަށާ ރޯނުޖަހާ މިބުނަނީ އުހޫ މީމަގޭ ގަހެކޭ. ހުރިހާ ބުރައެއް އުުފުލާ ޕާރޓީގެ މެމްބަރުން ހޯދަނީ ރައީސް މައުމޫން. އެކަމަކު ފޮނި ބޯލަން މިއުޅެނީ އެހެން ބަޔަކު. މިދެން ކިހާ ބޮޑު ޖޯކެއް. ރައީސް ޔާމީންވެސް އެހާ ތާއީދު އޮތްނަމަ ކީއްވެ އަމިއްލައަށް އުފެއްދި ޕީ.އޭ ޕޮލިޓިކަލް ޕާރޓީގެ މެމްބަރުންނާއި އެއްކޮށް އިންތިޚާބަށް ކުރިމަތި ނުލީ ؟ އިންތިޚާބު ކުރިމަތިވިއިރަށް ކީއްވެ ރައީސް މައުމޫން އުފެއްދި ޕީ.ޕީއެމް ޕާރޓީ އާއި ގުޅުނީ ؟ މިއަދު މިކަން ހަނދާންހުރި މީހަކު އެބަހުރިތަ ؟