ޕީޕީއެމްގެ ކޯޅުން ބޮޑުވަނީ، ގަވާއިދުގައި ތިބީ ކޮން ފެކްޝަނެއް؟

ޕީޕީއެމްގައި އުފެދިފައިވާ ދެ ފެކްޝަން ވަކިވަކިން މިހާރު ވަނީ ޕާޓީ ހިންގަން ފަށައިފަ އެވެ. ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ކޯޅުން ބޮޑުވެ ޕާޓީގެ މައްސަލަތައް ފުނިޖެހިފައިވާއިރު، ކަންކަން ރަނގަޅަށް ކުރަނީ ކޮން ފެކްޝަނަކުން ކަން މިހާރު ވަނީ އާއްމު މެމްބަރުންނަށް އޮޅޭ ހިސާބުގަ އެވެ.


އެއް ބަޔަކު ނިންމާ ނިންމުންތައް އަނެއް ބަޔަކު ބަލައެއް ނުގަނެ އެވެ. ވިޕްލައިނާ ހިލާފުވި މައްސަލާގައި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން ޕާޓީން ވަކިކުރި ކުރުން ވެސް މިވަނީ ބޮޑު އަރަތަކަށް ވެފަ އެވެ. ޕާލަމެންޓްރީ ގްރޫޕްގެ އެންގުމާ އެއްގޮތަށް، ރައީސް ޔާމީނަށް ތާއީދުކުރާ ސުލޫކީ ކޮމެޓީގެ މެމްބަރުން ނިންމާފައި ވަނީ ފާރިސް ޕާޓީން ވަކިކުރާށެވެ. އެ ނިންމުން ތަންފީޒުކުރަން ފުލުފުލުގައި މައުމޫނަށް ވަނީ ސިޓީތައް ފޮނުވައިފަ އެވެ. އެކަމަކު ސުލޫކީ ކޮމެޓީ ބާއްވާފައި ވަނީ ގަވާއިދުތަކާ ހިލާފަށް ކަމަށާއި އެހެންވެ ފާރިސް ވަކިނުކުރާނެ ކަން މައުމޫން ފެކްޝަނުން އަންނަނީ އެ ކޮމެޓީ އަށް އަންގަމުންނެވެ.

މައުމޫން ފައުންޑޭޝަނުން ބޭއްވި އިހްޔާ ފޯރަމެއްގައި މައުމޫނާ އެކު ފާރިސް މައުމޫނާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ބައިވެރިވެވަޑައިގަންނަވަނީ.

ފާރިސް އަށް ވުރެ ކުރިން ވެސް މެމްބަރުންތަކެއް ވިޕްލައިނާ ހިލާފުވެފައިވާއިރު ހަމައެކަނި ފާރިސްއާ މެދު ފިޔަވަޅު އެޅުމަކީ އިންސާފެއްތޯ މައުމޫން ފެކްޝަނުން ސުވާލު އުފައްދަ އެވެ. މި ހަމަނުޖެހުމުގެ ތެރެއިން އެއް ބަޔަކު އަނެއް ބައެއްގެ "އަބުރު ކަތިލައި" އެތައް މައްސަލަތަކެއް ދަނީ އުފެދެމުންނެވެ. މުޅިން ވެސް ފެންނަނީ ޕާޓީގެ އެތެރޭގައި އުފެދިފައިވާ "ހުޅުގަނޑު" ބޮޑުވާ ގޮތަށް ދެ ފެކްޝަނުން ވެސް އަމަލުކުރަމުންދާ މަންޒަރެވެ.

މައްސަލައަކަށް ވީ ރައީސް ޔާމީންގެ އަނބިކަނބަލުން ޕާޓީ ހިންގެވުން!

މެމްބަރުންގެ އަދަދުން ރާއްޖޭގައި ދެ ވަނަ އަށް އެންމެ ބޮޑު ޕާޓީ ތެރޭގައި އެއް ބަޔަކު އަނެއް ބަޔަކަށް "ކުނި ޖެހެން" ފެށި މައިގަނޑު ސަބަބަކީ ޕާޓީގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދާ ހިލާފަށް ކަންކަން ކުރުމެވެ. މިކަން ފެށުނީ، މައުމޫން ފެކްޝަންގެ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި، ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތުމާ އެކު ޕާޓީގެ ކަންކަން އެމަނިކުފާނުގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމް އަމިއްލަ ފުޅަށް ބަލަހައްޓަވަން ފެއްޓެވުމުންނެވެ.

ޕީޕީއެމަށް މެމްބަރުން އިތުރުކުރުމާއި ގޮފިތައް އުފެއްދުމާއި އާއްމު ޖަލްސާތައް ބޭއްވުމަކީ ޕާޓީގެ ރަސްމީ އޮފީހުން ކުރަން ޖެހޭ ކަމެކެވެ. ނަމަވެސް ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތުމާ އެކު މި ހުރިހާ ކަމެއް ބަދަލުވީ އަނބިކަނބަލުންގެ އޮފީހަށެވެ.

ރައީސްގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް ބަޔަކާ ސަލާމްކުރައްވަނީ: އެކަމަނާގެ އޮފީހުގައި ޕާޓީގެ ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދެވި.

"މެމްބަރަކު ސޮއިކުރިއަސް، ރަށަކުން ބަޔަކު ޕާޓީއާ ގުޅުނަސް، ގޮތްޕެއް އުފެއްދިއަސް ޖަލްސާތައް ބޭއްވުން ވެސް ހުރިހާ ކަމެއް ކުރީ މެޑަމްގެ އޮފީހުން. ރަސްމީ އޮފީހަށް އެއްވެސް ކަމެއް ނާންގަވާ،" ޕާޓީގެ އިސް ބޭފުޅަކު ވިދާޅުވި އެވެ.

އަސާސީ ގަވާއިދާ ހިލާފަށް ހުރިހާ ކަމެއް ކުރެއްވިއިރު ވެސް ރައީސް މައުމޫން ހުންނެވީ އެއްޗެއް ވިދާޅުނުވެ. އެމަނިކުފާނު އިސްލާހީ އެޖެންޑާއެއް އެކުލަވާލަން މަޖުބޫރުވެވަޑައިގެންނެވީ ޕާޓީގެ ގިނަ ކަންކަން އަހުލާގީ މިންގަނޑުން ނެއްޓުމުން. --ޕީޕީއެމް އޮފިޝަލެއް

މިގޮތަށް އަމަލުކުރައްވާތީ ޕާޓީގެ ރައީސްގެ ހައިސިއްޔަތުން މައުމޫން ހިތްހަމަޖެހިވަޑައެއްނުގަންނަވަ އެވެ. އެނގިފައިވާ ގޮތުގައި، އެކަން އިސްލާހުކޮށް ޕާޓީ ހިންގުން މައި އޮފީހަށް ބަދަލުކޮށްދެއްވަން އެމަނިކުފާނު ތަކުރާރުކޮށް އެދިވަޑައިގެންނެވި އެވެ. އެކަމަކު ރައީސްގެ އަނބިކަނބަލުންގެ އޮފީހުން އިޖާބަ ނުދިނުމުން، އޭރު މައުމޫން އެއްޗެއް ވިދާޅުނުވެ ހުންނެވީ ޕާޓީގެ މަސްލަހަތަށް ވިސްނެވުމަށް ފަހު ކަމަށް ވެ އެވެ.

ޕީޕީއެމް ޖަލްސާއެއްގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ: ޕީޕީއެމްގެ އެންމެ އިސް ފަރާތަކީ ޕާޓީގެ ޓިކެޓުގައި ވެރިކަމުގައި ހުންނަވާ ބޭފުޅާ ކަމަށް ކަނޑައަޅަން ޕާޓީ ތެރޭގައި ވިސްނުންތަކެއް ގެންގުޅުނު. --ފޮޓޯ: ޕީޕީއެމް

ޕީޕީއެމްގެ އެންމެ އިސް ފަރާތަކީ ޕާޓީގެ ރައީސް ކަމަށް އަސާސީ ގަވާއިދުގައި އޮންނަ މާއްދާ ބަދަލުކޮށް، ޕާޓީގެ ފަރާތުން ވެރިކަމުގައި ހުންނަވާ ރައީސަކީ ޕީޕީއެމްގެ އެންމެ އިސް ފަރާތަށް ހެދުމުގެ ވިސްނުންތަކެއް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބް ހުންނެވި އިރު ޔާމީންގެ ފެކްޝަނުން ގެންގުޅުނެވެ. އެ ވިސްނުން ގެންގުޅުނީ ފަސްޓް ލޭޑީ ފާތުން ޕާޓީގެ ކަންކަން ކުރައްވާ ގޮތާ މެދު މައުމޫންގެ ނުރުހުން އަމާޒުވާތީ އެކަމަނާ ބޭނުންފުޅުވާ ގޮތަށް ކަންކަން ކުރެއްވުމުގެ ފުރުސަތު ފަހިކޮށްދެއްވުމުގެ ގޮތުން ކަމަށް ވެ އެވެ.

"އަސާސީ ގަވާއިދާ ހިލާފަށް ހުރިހާ ކަމެއް ކުރެއްވިއިރު ވެސް ރައީސް މައުމޫން ހުންނެވީ އެއްޗެއް ވިދާޅުނުވެ. އެމަނިކުފާނު އިސްލާހީ އެޖެންޑާއެއް އެކުލަވާލަން މަޖުބޫރުވެވަޑައިގެންނެވީ ޕާޓީގެ ގިނަ ކަންކަން އަހުލާގީ މިންގަނޑުން ނެއްޓުމުން،" މި ރިޕޯޓަށް ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވި އެވެ.

ޕާޓީގެ ބާރުތައް މައުމޫން ނަންގަވައި، ކޮމެޓީތައް މެދުކަނޑާލައްވައި ޕާޓީގެ އެއްވެސް ކަމެއް އެމަނިކުފާނުގެ ހުއްދަ ނެތި ނުކުރަން މައުމޫން އެންގެވީ ޓޫރިޒަމްގެ މަސައްކަތްތަކަށް އިއުލާން ނުކޮށް ރަށްތައް ދޫކުރެވޭ ގޮތަށް ފާސްކުރި ގާނޫނަށް ވޯޓު ނުދެއްވަން ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުންގެ ކިބައިން އެދިވަޑައިގަތުމުން އެގޮތަށް އަމަލުނުކުރެއްވި ހިސާބުންނެވެ. އެ އިސްލާހަށް ވޯޓު ނުދޭން މައުމޫން އެދިވަޑައިގަތުމުން، އެމަނިކުފާނާ ދެކޮޅަށް ނުކުންނަވައި ޕީޕީއެމް ވައިބާ ގްރޫޕެއްގެ ތެރޭގައި ބައެއް މެމްބަރުން ފާޅުގައި ފާޑުވިދާޅުވި އެވެ.

މައުމޫން ވެސް އަމަލުކުރައްވަނީ ރަނގަޅަކަށް ނޫން؟

ޕާޓީގެ އިސްލާހީ އެޖެންޑާއެއް އެކުލަވާލައްވައި، ހުރިހާ ބާރުތަކެއް މައުމޫން ނެންގެވީ އަސާސީ ގަވާއިދަށް ޕާޓީގެ ކަންކަން ފެއްތުމަށް ކަމަށް ވިދާޅުވެ އެވެ. އެކަމަކު އެމަނިކުފާނު ވެސް ބައެއް ކަންކަން ނިންމަވާ ގޮތާ މެދު ސުވާލު، ރައީސް ޔާމީންގެ ފެކްޝަނުން ސުވާލު އުފައްދަ އެވެ.

ޕާޓީ އިސްލާހުކުރައްވާތީ ކޮމެޓީތައް ވެސް މިވަގުތަށް ނުބާއްވަން މައުމޫން ތަކުރާރުކޮށް ވަނީ އަންގަވައިފަ އެވެ. ޕާޓީގެ އެންމެ މުހިއްމު ގުނަނަކީ، ކައުންސިލް ކަމަށް ވާއިރު، އެ ނިންމެވުންތައް ނިންމެވިއިރު އެމަނިކުފާނު ކައުންސިލާ މަޝްވަރާއެއް ނުކުރައްވަ އެވެ.

ހަގީގަތަކީ ޕީޕީއެމަކީ ރައީސް މައުމޫންގެ އެކަނި ޕާޓީއެއް ނޫން ކަން، އެމަނިކުފާނަށް ޕާޓީ ހުއްޓުވާލާފައި، ބޭނުންފުޅުވާ ހުރިހާ ނިންމުންތަކެއް ނުނިންމެވޭނެ. އެމަނިކުފާނު އެ އަމަލުކުރައްވަނީ އަސާސީ ގަވާއިދާ މުޅިން ހިލާފަށް --މެމްބަރެއް

ރައީސް ޔާމީން ފެކްޝަނުގެ ބޭފުޅުން ގަބޫލުކުރައްވާ ގޮތުގައި ކައުންސިލްގެ މަޝްވަރާއާ ނުލައި އިސްލާހީ އެޖެންޑާއެއް މައުމޫނަށް ކުރިއަކަށް ނުގެންދެވޭނެ އެވެ. އެއީ އަސާސީ ގަވާއިދުގެ ރޫހާ ހިލާފު ކަމެކެވެ.

އަސާސީ ގަވާއިދު ބުނާ ގޮތުން ގާނޫނު އަސާސީ އާއި ޕާޓީގެ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ޕާޓީގެ ސިޔާސަތު ކަނޑައެޅުމާއި ޕާޓީ ހިންގުމަކީ ކައުންސިލްގެ މަސްއޫލިއްޔަތެކެވެ.

ޕީޕީއެމް އޮފީހުގައި ބޭއްވެވި ބައްދަލުވުމަށް ފަހު މައުމޫން ވަަޑައިގަންނަވަނީ: އެމަނިކުފާނުގެ ނިންމެވުންތަކާ މެދު ރައީސް ޔާމީންގެ ފެކްޝަނުން ސުވާލު އުފައްދާ. --ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

އިސްލާހީ އެޖެންޑާގެ ކުރިން މައުމޫން ވަނީ، ޕާޓީގެ ކަންކަމުގައި އެމަނިކުފާނަށް ލަފާ ދެއްވަން މަޝްވަރާ މަޖިލީހެއް އުފައްދަވައިފަ އެވެ. އެކަމަކު މި މަޖިލިސް އުފެއްދެވީ ވެސް އަސާސީ ގަވާއިދާ ހިލާފަށް ކަމަށް، ރައީސް ޔާމީނަށް ތާއީދުކުރައްވާ ބޭފުޅުން ވިދާޅުވެ އެވެ.

ޕީޕީއެމްގެ މަގްސަދުތައް ހާސިލްކުރަން މަޝްވަރާ މަޖިލީހެއް އުފެއްދުމުގެ ބާރު ޕާޓީގެ ރައީސަށް ދީފައި އޮތަސް، އެ މަޖިލިސް އައްޔަން ކުރައްވަން ވާނީ ކައުންސިލްގެ ރުހުމާ އެކުގައި ކަމަށް ސާފުކޮށް އަސާސީ ގަވާއިދުގައި ލިއެފައިވެ އެވެ. އެއާ ހިލާފަށް، ސަރުކާރަށް ފާޑުވިދާޅުވަމުން ގެންދަވާ ޕީޕީއެމްގެ މެމްބަރުންތަކެއް މަޝްވަރާ މަޖިލީހަށް ނެންގެވުމަކީ ކައުންސިލްގެ މެޖޯރިޓީ ރުހޭ ކަމެއް ނޫނެވެ.

"ހަގީގަތަކީ ޕީޕީއެމަކީ ރައީސް މައުމޫންގެ އެކަނި ޕާޓީއެއް ނޫން ކަން، އެމަނިކުފާނަށް ޕާޓީ ހުއްޓުވާލާފައި، ބޭނުންފުޅުވާ ހުރިހާ ނިންމުންތަކެއް ނުނިންމެވޭނެ. އެމަނިކުފާނު އެ އަމަލުކުރައްވަނީ އަސާސީ ގަވާއިދާ މުޅިން ހިލާފަށް،" ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރަކު، ނަން ހާމަނުކުރަން އެދިވަޑައިގެން، ވިދާޅުވި އެވެ.

މައްސަލަ އަށް ހައްލެއް ނުފެނޭ!

ރައީސް ޔާމީނާއި އެމަނިކުފާނުގެ ފެކްޝަންގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން ވެސް ގަބޫލުކުރައްވާ ގޮތުގައި ހިޔާލުތަފާތުވުންތަކެއް ހުރި ނަމަ އެކަމަށް ހައްލު ހޯދަން ޖެހެ އެވެ. އެކަން ކުރެވޭނީ މަޝްވަރާގެ މޭޒުން ކަމަށް ރައީސް ޔާމީން މީގެ ހަފުތާއެއް ކުރިން ވިދާޅުވިއިރު، މައްސަލަ އޮތީ އަތްނުފޯރާ ފަށުގަ އެވެ.

ޕީޕީއެމް ޖަލްސާއެއްގައި އެ ޕާޓީގެ އިސް ބޭފުޅުންނާއި އާއްމު މެމްބަރުން ބައިވެރިވަނީ. --ފޮޓޯ: ޕީޕީއެމް

މައުމޫން ޕާޓީ "ހައިޖެކްކުރައްވާފައިވާ" ކަމަށް ބުނެ އެމަނިކުފާނަށް އެކަން ނުކުރެއްވޭނެ ކަމުގެ އަމުރެއް ނެރެދޭން ރައީސް ޔާމީންގެ ފެކްޝަނުން ވަނީ ސިވިލް ކޯޓަށް ހުށަހަޅައިފަ އެވެ. މިއީ، މައުމޫނަށް ތާއީދުކުރާ ފެކްޝަނުގެ ރުޅި އިންތިހާ އަށް ބޮޑުވެފައިވާ މައްސަލައެކެވެ.

އެނގިފައިވާ ގޮތުގައި، ޕާޓީގެ ހުރިހާ ބާރުތައް މައުމޫން ނެންގެވުމުގެ ކުރިން މައްސަލަތައް ހައްލުކުރަން މަޝްވަރާކުރަން އެމަނިކުފާނު ތަކުރާރުކޮށް ރައީސް ޔާމީން އަރިހުން އެދިވަޑައިގެންނެވި އެވެ. އެކަމަކު އެމަނިކުފާނު އެކަމަށް އިޖާބަ ނުދެއްވީ ކަމަށް މައުމޫނަށް އިހްލާސްތެރި ބައެއް ބޭފުޅުން ވިދާޅުވެ އެވެ.

އެއް ބަޔަކު އަނެއް ބަޔަކާ ދެކޮޅަށް "ހަތިޔާރު ބަހައްޓައި"، އެއް ބަޔަކު ނިންމާ ކަންކަން އަނެއް ބަޔަކަށް ކަމުނުދާއިރު، މައްސަލަ ހައްލުކުރާނީ ކިހިނެއް ހެއްޔެވެ؟

ރައީސް އަބްދުﷲ ޔާމީނާއި ރައީސް މައުމޫން ސަލާމް ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް

ރައީސް ޔާމީން ފެކްޝަނުން ޕާޓީ ހިންގަން ބޭނުންވާ އުސޫލަށް މައުމޫން ފެކްޝަންގެ ތާއީދެއް ނެތެވެ. މި މައްސަލަތައް ހައްލު ނުވެ ޕީޕީއެމްގެ ކޮންމެވެސް އެއް ފެކްޝަނަކުން އިތުރު ޕާޓީއެއް އުފެދުމުގެ ބިރު ޕާޓީގެ މެމްބަރުންނަށް އެބަ އޮތެވެ. އެހެންކަމުން މައްސަލަ ހައްލުކުރަން މިހާރު ބޭނުން ވަނީ ވަރުގަދަ ފޯމިއުލާއެކެވެ. ޕާޓީގެ މައްސަލަތަކާ މެދު ވާހަކަ ދައްކަން ބާއްވާ ކައުންސިލް ބައްދަލުވުމުގައި އެ ފޯމިއުލާ ނެރެވިދާނެތޯ އެއީ އުފެދޭ ސުވާލެކެވެ. ދެން ވާނެ ގޮތެއް ވެސް އެނގޭނީ އެ ބައްދަލުވުމަށް ފަހު އެވެ.