ޖަލުގައި ހައްޔަރުކޮށްފައި ހުންނަތާ ހަ މަސް ފަހުން، މިދިޔަ ބުރާސްފަތި ދުވަހު ކޯޓުން މިނިވަންކުރި، ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން އަލުން ހައްޔަރުކުރުމަށް ރޭ ފަތިހު ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައިވާ ގޮތަށް ފާރިސް ހައްޔަރު ކުރުމަށް ރައީސް ޔާމީން ފުލުހުންނަށް އަންގަވާފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް މުއާޒް އަލީ ވިދާޅުވެއްޖެ އެވެ.

ފާރިސް ހައްޔަރު ކުރަން އުޅޭ ކަމުގެ އަޑުތަކެއް ފެތުރިފައި ވަނިކޮށް، ފުލުހުން ވަނީ މީގެ ގަޑިއެއްހާ އިރު ކުރިން، ފާރިސް ދިރިއުޅުއްވާ، މ. ސްނޯ ރޯސް އަށް ގޮސްފަ އެވެ. ފާރިސްގެ އާއިލާގެ ފަރާތުން ބުނާ ގޮތުގައި ފުލުހުން އެ ގޭގައި މިވަގުތު ހަރަކާތްތެރިވަމުން އަންނަނީ އެ ގެ ބަލައި ފާސްކުރުމަށް ކޯޓުން ނެރުނު އަމުރަކާ ގުޅިގެންނެވެ.

ފާރިސް އޭނާގެ ގޭގައި ހުންނަވައި މީޑިއާއާ ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ، އޭނާ ހައްޔަރު ކުރުމަށް ސަރުކާރުގެ ނުފޫޒު ގަދަ ފަރާތްތަކުން ޕޮލިސް ކޮމިޝަނަރު އަހްމަދު އަރީފް އަށް ނުފޫޒު ފޯރުވަމުން ގެންދަވާ ކަމަށް އަރީފް ވިދާޅުވި ކަމަށެވެ.

އެ ގޭގެ 6 ވަނަ ބުރީގައި ފުލުހުން ހަރަކާތްތެރި ވަމުން އަންނަ އިރު، ފާރިސް ވެސް މި ވަގުތު ހުންނެވީ ފުލުހުންނާ އެކު އެ ބައިގަ އެވެ. ފުލުހުން އެ ގެ ބަލައި ފާސްކުރަމުން ދަނީ ރޭ ދަންވަރު 4:00 ގައި ކްރިމިނަލް ކޯޓުން ނެރުނު އަމުރެއް ތަންފީޒު ކުރުމުގެ ގޮތުންނެވެ.

ފާރިސް ދިރިއުޅުއްވާ ގެ ބަލައި ފާސް ކުރުމުގެ އަމުރުގައި އެ ގެ ބަލައި ފާސްކުރާ ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ މަޖިލީހުގެ މެމްބަރުންތަކަކަށް ފައިސާ ބެހި ކަމަށް ތުހުމަތު ކުރެވޭތީ އާއި، މަޖިލީހުގެ މެމްބަރުންތަކަކާ ގުޅިގެން، ވެރިކަން ވައްޓައިލުމަށް ގާނޫނާ ޚިލާފަށް މަސައްކަތްތަކެއް ކުރަން ރާވާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެ މައްސަލައާ ގުޅުން ހުރި ހެއްކާއި ގަރީނާ ހޯދުމެވެ.

މި ދެ ތުހުމަތުގެ ތެރެއިން، ވެރިކަން ވައްޓައިލުމަށް މަސައްކަތް ކުރައްވާ ކަމުގެ ތުހުމަތަކީ މީގެ ކުރިން ފާރިސް ހައްޔަރު ކުރި އިރު އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތެއް ނޫނެވެ.

މިފަހަރު އެ ގެ ބަލައި ފާސްކުރުމަށް ކޯޓުން ދީފައިވަނީ 12 ގަޑިއިރުގެ މުއްދަތެކެވެ. އަދި އަމުރުގެ ބާރު ދެމިއޮންނާނީ އަމުރު ނެރޭ ވަގުތުން ފެށިގެން 72 ގަޑިއިރުގެ މުއްދަތަށް ކަމަށް ވެސް ކޯޓު އަމުރުގައިވެ އެވެ.

ފާރިސް ދިރިއުޅުއްވާ، މ. ސްނޯ ރޯސް އަށް ފުލުހުން ގޮސްގެން އުޅެނީ ކޯޓު އަމުރަކާ އެކުގައި ކަމަށް މައުލޫމާތު ލިބެ އެވެ. މިވަގުތު އެ ގޭތެރޭގައި ފާރިސް ބައްޕާފުޅު މައުމޫން އަބްދުލްގައްޔޫމްގެ އިތުރުން ދައްތާފުޅު ޔުމްނާ މައުމޫނާއި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި ނައިބު ރައީސް މުހައްމަދު ޝިފާޒް އަދި އެމްޑީޕީގެ ގާނޫނީ ވަކީލު ހިސާން ހުސައިން އާއި ފާރިސްގެ ގާނޫނީ ވަކީލް މައުމޫން ހަމީދު ވެސް އެބަ ތިއްބެވި އެވެ.