ފުލުހުންނަކީ ސިޔާސީ ވިސްނުމަކަށް ދާން ޖެހޭ ބައެއް ނޫން ކަމަށާއި އެ މުއައްސަސާގެ ޒިންމާއަކީ ގާނޫނު ތަންފީޒު ކުރުން ކަމުގައި ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ "ރުމާލު 2" ޖަގަހައިގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން އެހެން ވިދާޅުވިއިރު، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ދެވަނަ ފަހަރަށް ހައްޔަރު ކުރަން މިދިޔަ ހުކުރު ދުވަހުގެ ރޭ ދަންވަރު ކްރިމިނަލް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރަން އެމަނިކުފާނު ފުލުހުންނަށް އެންގެވި މައްސަލާގައި ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ. އަދި އެއީ ރައީސް ޔާމީން ފުލުހުންނަށް ނުފޫޒު ފޯރުވުން ކަމަށް ބުނެ ސިޔާސީ އެކި ފަރާތްތަކުން ދަނީ ވާހަކަ ދައްކަމުންނެވެ.
ރައީސް ޔާމީން މިރޭ ވިދާޅުވީ، ފުލުހުންނަކީ އަމިއްލަ ހިޔާލާއި އަމިއްލަ ރައުޔު ނެރެން ޖެހޭ ބައެއް ނޫން ކަމަށެވެ. އަދި ފުލުހުންގެ މިނިވަން ކަން ނެތް ވާހަކަ އިދިކޮޅު ފަރާތްތަކުން ދެއްކުމުގެ އެއްވެސް ޖާގައެއް ނެތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ބައެއް ވަޒީރުންނާއި މަޖިލީހުގެ އޭރުގެ އެމްޑީޕީ މެމްބަރުން ފުލުހުން އޮފީސް ހިންގަވަން ނުކުމެވަޑައިގެންނެވި ތަން ވަނީ ފެނިފަ އެވެ.
"ކޮމިޝަނަރުގެ ގޮނޑީގައި [އެމްޑީޕީގެ ސަރުކާރުގައި] އިންނެވީ ކާކުތޯ ބައްލަވާ؟ ކޮމިޝަނަރު ފަސީހެއް ނޫން އިނީކީ ކަންކަން ނިންމާކަށް. މަޖިލީހުގެ ކޮންމެވެސް މެމްބަރަކު އިންނަވަނީ. އެއީ އޭރުގެ ހާލަތު،" ނަޝީދު ސަރުކާރުގައި ޕޮލިސް ކޮމިޝަނަރު އަދި މިހާރު މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) ގެ އިސް މަގާމެއްގައި ހުންނެވި އަހުމަދު ފަސީހަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވި އެވެ.
"އެވަރުގެ ކިލަނބު މާޒީއެއް އޮތް ބަޔަކު ފުލުހުންގެ މިނިވަންކަމުގެ ވާހަކަ ދައްކާކަށް ނުޖެހޭ."
ފުލުހުންނަކީ މިނިވަން ބައެއް ކަން ފާހަގަ ކުރައްވައި ރައީސް ޔާމީން ވިދާޅުވީ ފުލުހުންނަކީ ކޯޓުން އަމުރެއް ނެރުނީމަ އެ އަމުރާ ދޭތެރޭގައި ސުވާލު ނުއުފައްދައި އެ ތަންފީޒު ކުރަން ޖެހޭ ބައެއް ކަމަށެވެ. އެކަން ފުލުހުންނަށް ހަނދާން ނެތޭނަމަ، އެކަން ހަނދާން ކޮށްދެއްވަން ރައީސުލްޖުމްހޫރިއްޔާ އަށް ގާނޫނުއަސާސީގެ ތެރެއިން މަޖުބޫރުވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި މުއައްސަސާތަކުގެ ބަދަހިކަން ކަށަވަރު ކުރަން ޖެހޭނީ އޭރަކު ވެރިކަމުގައި ހުންނަވާ ބޭފުޅެއްކަން ގާނޫނުއަސާސީން އެނގެ އެވެ. ފުލުހުންނާއި އިލެކްޝަންސް ކޮމިޝަނާއި ސުޕްރީމް ކޯޓު ފަދަ މިނިވަން މުއައްސަސާތައް މަގުން ކައްސާލާ ނަމަ، ގާނޫނާ އެއްގޮތަށް އެ މުއައްސަސާތައް ހިނގާކަން ކަށަވަރުކޮށްދޭން ޖެހޭ ބޭފުޅަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރިޝްވަތުގެ ތުހުމަތުގައި ހަ މަސް ވަންދެން ބަންދުގައި ބަހައްޓާފައި މިދިޔަ ބުރާސްފަތި ދުވަހު ދޫކޮށްލުމަށް ފަހު ހޮނިހިރު ދުވަހު އަނެއްކާ ހައްޔަރުކުރި ފާރިސްގެ މައްސަލަ ބެލުން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ސައުދީއާ ވަނީ ހަވާލުކޮށްފަ އެވެ.
ސީޕީ އަރީފާއި ފާރިސް ކައިވެނި ބައްލަވައިގެން އުޅުއްވަނީ އެއްބަނޑުއެއްބަފާ ދެބެންނާ ކަމަށް ވާއިރު، ރިޝްވަތު ދިނުމުގެ ތުހުމަތުގައި ފާރިސް ހައްޔަރު ކުރުމުގެ ކުރިން އަރީފް އޭނާއާ ބައްދަލު ކުރެއްވި ކަމަށް މީޑިއާގައި ފާރިސް ވިދާޅުވެފައިވެ އެވެ. ފާރިސް ވިދާޅުވެފައި ވަނީ އޭނާ ހައްޔަރު ކުރުމަށް ސަރުކާރުގެ ނުފޫޒު ގަދަ ފަރާތްތަކުން އަރީފަށް ނުފޫޒު ފޯރުވަމުން ގެންދަވާ ކަމަށް އަރީފް ވިދާޅުވި ކަމަށެވެ. ނަމަވެސް އަރީފާއި ފާރިސް ބައްދަލުކުރެއްވި ވާހަކަ އާއި ފާރިސް ދެއްކެވި ވާހަކަތައް ފުލުހުން ވަނީ ދޮގުކޮށްފަ އެވެ.
އެ ވާހަކަތައް ފެތުރުމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ފާރިސް އަލުން ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައިވާ ގޮތަށް އޭނާ ހައްޔަރު ކުރުމަށް ރައީސް އަބްދުﷲ ޔާމީން ފުލުހުންނަށް އަންގަވާފައިވާ ކަމަށެވެ.