ޖަލު ހުކުމް އިއްވާފައިވާ ސިޔާސީ ލީޑަރުންނާއި ސިޔާސީ އެހެން މީހުން ދޫކޮށްލުމަށް ރޭ ސުޕްރީމު ކޯޓުން ނެރެފައިވާ އަމުރަށް ސަރުކާރުން އަމަލު ކުރުމަށް އިންޑިއާގެ ސަރުކާރުން ގޮވާލައިފި އެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ސިޔާސީ މީހުން ދޫކޮށްލުމަށް ސުޕްރީމު ކޯޓުން ރޭ ނެރުނު އަމުރު އެތަނަށް ފެނިފައިވާ ކަމަށާއި ޑިމޮކްރަސީގެ ރޫހާ އެއްގޮތަށް، އަދި ގާނޫނު ނެގެހެއްޓުމަށް ސަރުކާރުގެ ހުރިހާ މުއައްސަސާތަކަކުން ވެސް އެއަށް އަމަލު ކުރުން މުހިއްމު ކަމަށެވެ.
އަދި ރާއްޖޭގެ ހާލަތު ގާތުން ބަލަމުން ދާނެ ކަމަށާއި ގާތް އަވައްޓެރި ގައުމެއްގެ ހައިސިއްޔަތުން ރާއްޖޭގައި އަމާން ވެއްޓެއް ގާއިމުވެފައި އޮންނަތަން ދެކެން ބޭނުންވާ ކަމަށް އެ ބަޔާނުގައި ބުނެފައި ވެ އެވެ.
އިންޑިއާގެ ސަރުކާރުން ނެރުނު އެ ބަޔާނުގައި ބުނީ ކޮންމެ ހާލަތެއްގައި ވެސް ރާއްޖޭގައި ތިބި އިންޑިއާގެ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ސަރުކާރުން ކަށަވަރުކޮށްދޭނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.
ސުޕްރީމު ކޯޓުން ރޭ ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒް މުހުސިނާއި އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާނާއި ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލް (ހާމިދު ސޭޓް) މިނިވަން ކުރުމަށް އަމުރުކޮށްފަ އެވެ.
އެކަމަކު އަމުރު ނެރުނުތާ 16 ގަޑިއިރު ވީއިރު ވެސް މިހާތަނަށް އެ އަމުރު ތަންފީޒުު ނުކުރާތީ ސަރުކާރަށް އަންނަނީ ފާޑުކިޔުންތައް އަމާޒު ވަމުންނެވެ.