ޑިމޮކްރަސީ ހަރުދަނާ ވާނީ ބޭރުގެ އެހީއާ އެކު، ރައީސް ވެސް މި އެހީ ބޭނުންވޭ: ދުންޔާ

އެކިއެކި ކުށްތަކުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ސިޔާސީ އިދިކޮޅު ބޭފުޅުން ދޫކޮށްލުމަށް ސުޕްރީމް ކޯޓުން ހުކުރު ވިލޭރޭ ކުރި އަމުރަށް ސަރުކާރުން އަމަލު ނުކުރާ މައްސަލަ ހައްލުކޮށް، ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ބޭރުގެ އެހީތެރިކަން ބޭނުންވާ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.


ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ދުންޔާ ކުރެއްވި ޓުވީޓެއްގައި ދާޅުވީ، ޑިމޮކްރެސީ އާއި ސަރުކާރުގެ އިދާރާތައް ހަރުދަނާ ކުރުމަށް ބޭރުގެ އެހީތެރިކަން ބޭނުންވާ ކަމަށް ރައީސް އަބްދުﷲ ޔާމީން ވެސް ވިދާޅުވެފައިވާ ކަމަށެވެ. އަދި މިފަދަ ދަނޑިވަޅެއްގައި ރާއްޖޭގެ ހާލަތު އިތުރަށް ގޯސްވާން ދޫކޮށްނުލުމަށް ވެސް ވަނީ ގޮވާލައްވައިފަ އެވެ.

މައުމޫނާއި ރައީސް ޔާމީނާ ދެމެދު އުފެދުނު ސިޔާސީ ހިޔާލު ތަފާތުވުންތަކުގެ ތެރޭގައި، ރައީސް ޔާމީންގެ ފަހަތްޕުޅުގައި ހުންނެވި ދުންޔާ އެހެން ވިދާޅުވީ، ސުޕްރީމް ކޯޓުގެ އަމުރަށް އިހުތިރާމްކޮށް، އެ އަމުރު ތަންފީޒު ކުރުމަށް، އދ. ގެ ސެކްރެޓަރީ ޖެނަރަލް ގޮވާލެއްވި ޓްވީޓް ރީޓްރީޓް ކުރައްވަމުންނެވެ.

އިދިކޮޅު ފަރާތްތަކުން ވެސް ވަނީ، ރައްޔިތުންގެ އަސާސީ ހައްގުތަކާއި މިނިވަންކަން ފާޅުގައި ނިގުޅައިގަނެ، ވައްކަމާއި ކޮރަޕްޝަން އިންތިހާ އަށް ފުޅާކޮށް، ރައްޔިތުންގެ މަޖިލިސް ހުއްޓުވައި މިނިވަން މުއައްސަސާތަކުގެ ބާރު ކަނޑުވާލާފައިވާ ކަމަށް ބުނެ ބައިނަލްއަގުވާމީ އެހީ އަށް އެދިފަ އެވެ.

ސުޕްރީމް ކޯޓުގެ އަމުރާއެކު ބައިނަލްއަގުވާމީ ހުރިހާ ފަރާތްތަކެއްގެ ލޯ ރާއްޖެ އަށް އަމާޒު ވެފައިވާ އިރު، ބައިނަލްއަގުވާމީ ޕްރެޝަރު ވެސް ދިވެހި ސަރުކާރަށް ވަނީ ވަރަށް ބޮޑުވެފަ އެވެ.