ސަރުކާރަކީ ބަގާވަތްކޮށް، މަގުމަތިން ވައްޓާލާ އެއްޗެއް ނޫން: ނައިބު ރައީސްް

ސަރުކާރަކީ ބަގާވަތްކޮށް، މަގުމަތިން ވައްޓާލާ އެއްޗެއް ނޫން ކަމަށް ނައިބު ރައީސް އަބްދުﷲ ޖިހާދު މިރޭ ވިދާޅުވެއްޖެ އެވެ.


ރައީސް އަބްދުﷲ ޔާމީނުގެ އަރިހުގައި ސާބިތުކަމާ އެކު އެބަ ހުންނެވި ކަމަށް ނައިބު ރައީސް އަބްދުﷲ ޖިހާދު މިރޭ ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމާ ދެއްކެވި ދެތިން ޖުމްލައިގެ ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވީ ރައީސް ޔާމީންގެ އަރިހުގައި ހުންނެވީ ސާބިތުކަމާ އެކު ކަމަށެވެ. އަދި ރައީސް ޔާމީންގެ ޒައާމަތުން، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި ސުލްހަ މަސަލަސްކަން ދަމަހައްޓާނެކަން ރައްޔިތުން ޔަގީންކުރަން ވެސް ޖިހާދު އެދިވަޑައިގެންނެވި އެވެ.

ނައިބު ރައީސް ޖިހާދަކީ އާންމުކޮށް މީޑިއާގައި ވާހަކަފުޅު ދައްކަވާ ބޭފުޅެއް ނޫނެވެ. އަދި ނައިބު ރައީސްގެ މަގާމަށް ވަޑައިގެންނެވި ފަހުން ސިޔާސީ ކަންކަމާ މެދު ވާހަކަފުޅެއް ނުދައްކަވަ އެވެ.

އެކި ހުކުމްތަކުގައި ތިއްބެވި ސިޔާސީ ބޭފުޅުން ވަގުތުން މިނިވަން ކުރަން މިދިޔަ ބުރާސްފަތި ދުވަހު ސުޕްރީމު ކޯޓުން ކުރި އަމުރު ސަރުކާރުން ތަންފީޒު ނުކުރާތީ، އިދިކޮޅު ފަރާތްތަކުން މަގުމައްޗަށް ނިކުމެ ދަނީ އަޑުއުފުލަމުންނެވެ.

ސުޕްރީމް ކޯޓުން ވަނީ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި 12 މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ވެސް ކަނޑައަޅައިފަ އެވެ. އަދި ޕާޓީ ބަދަލުކޮށްފި ނަމަ ގޮނޑި ގެއްލޭނެ ކަމަށް އެ ކޯޓުން ކުރި ނިންމި ނިންމުން ވެސް މިހާރު ވަނީ ބާތިލްކޮށްފަ އެވެ.

ރައީސް ޔާމީން އަޒުލުކުރަން ސުޕްރީމް ކޯޓުން އަމުރެއް ނެރެން އުޅޭ ކަމުގެ އަޑު ފެތުރިފައިވާ ކަމަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް ވަނީ ވިދާޅުވެފަ އެވެ. އެކަމަކު ސުޕްރމް ކޯޓަށް އެ ބާރު ލިބިގެން ނުވާ ކަމަށާއި އެފަދަ އަމުރަކަށް ތަބާނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.