ދެން ނަގާ ރާޅު މާ ބޮޑުވާނެ ކަަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ސަރުކާރަށް އިންޒާރު ދެއްވައިފި އެވެ.

ޖަލު ހުކުމް ތަންފީޒު ކުރަމުން ގެންދަވާ ބައެއް ބޭފުޅުން ދޫކުރަން ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ނެރުނު އަމުރު ތިން ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ރޭ ބާތިލް ކުރުމާ ގުޅިގެން މަހުލޫފް ވިދާޅުވީ ގާނޫނު އަސާސީގެ އިމުގެ ތެރެއިން އިދިކޮޅު ފަރާތްތަކުން ރައީސް އަބްދުﷲ ޔާމީންއާ ދެކޮޅަށް ކުރި ކޮންމެ ކަމެއް އެމަނިކުފާނު ހުއްޓުވީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށެވެ. އެގޮތުން ސިފައިން ނުކުމެ ރައްޔިތުންގެ މަޖިލީހުގައި ތަޅު އަޅުވައި އެއްވެސް މެންބަރަކު މަޖިލީހަށް ވަނަ ނުދިނުމާއި އިއްޔެ ރޭ ސުޕްރީމް ކޯޓަށް ސިފައިން ވަދެ، ފަނޑިޔާރުން ހައްޔަރުކޮށްފައި ވަނީ ވެސް ގާނޫނު އަސާސީއާ ހިލާފަށް ކަމަށް އޭނާ ވިދާޅުވި އެވެ.

މަހްލޫފް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ވެސް ދެން ކަންތައްތައް ރާވައި ހިންގާނީ ރައީސް ޔާމީންގެ ލެވެލްއާ އެއްވަރަށް، އެމަނިކުފާނަށް ކުރި ލިބިވަޑައިނުގަންނަވާނެ ފަދަ ގޮތަކަށް ކަމަށެވެ.

"އަޅުގަނޑު ޔާމީނަށް ދަންނަވަން ދެން ނަގާ ރާޅު ބޮޑު ވާނެ ކަމަށް. ދެން އަޅުގަނޑުމެން ކުޅޭނީ އެމަނިކުފާނު ކުޅުއްވާ ގޮތަށް. އަދި ކުޅޭނީ ވެސް ޔާމީނަށް ކުރި ނުލިބޭނެ ފަދަ ގޮތަކަށް،" މަހްލޫފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގައުމުގައި ކުއްލި ހާލަތު އިއުލާން ކޮށްގެން، ސުޕްރީމް ކޯޓުގެ އަމުރު ބާތިލް ކޮށްލުމަކީ ރައީސް ޔާމީނަށް ލިބިވަޑައިގެންނެވި ކާމިޔާބީއެއް ނޫން ކަމަށާއި އެއީ އެ މަނިކުފާނު ހެއްދެވި ވަރަށް ބޮޑު ގޯހެއް ކަމަށެވެ. އަދި ސިފައިންނާ ފުލުހުން ބޭނުންކޮށްގެން، ފަނޑިޔާރުންގެ ބޮލުގައި ބަޑި ޖައްސައިގެން އެ އަމުރު ނެރުނީ އެ ހުރިހާ އެންމެން ވެސް ކޮންމެވެސް ދުވަހަކުން ޖަލުގެ ގޮޅިއަކަށް ވަދެވޭނެ ފަދަ ގޮތަކަށް ކަމަށް ވިދާޅުވި އެވެ.

އޭނާ ރައީސް ޔާމީންގެ އަރިހުން އެދިވަޑައިގަތީ މިއީ ލިބުނު ކާމިޔާބީއެއް ކަމަށް ހީފުޅުކުރައްވައި ހިނިތުންވެވަޑައިގެން ނުހުންނެވުމަށެވެ.

"މި ކަން އަދި ނުނިމޭ،" މަހްލޫފް ވިދާޅުވި އެވެ.

ޖަލުގައި ތިއްބެވި ސިޔާސީ ބޭފުޅުން ދޫކޮށްލަން ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ނެރުއްވި އަމުރު ރޭ ބާތިލް ކޮށްފައިވަނީ ތިން ފަނޑިޔާރުންގެ ސޮޔާ އެކު އެވެ. އަމުރުގެ ކުރިން، އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ވަނީ ހައްޔަރުކޮށްފަ އެވެ.

ރައީސް ވިދާޅުވީ ސުޕްރީމް ކޯޓުން އަމުރުތަކެއް ނެރެގެން ދައުލަތް ހުއްޓުވާލަން މަސައްކަތް ކުރި ސިޔާސީ ފަރާތްތަކަށް ވެސް އެ ރޭވުންތަކުގެ ކޮންޓްރޯލް ނެތް ކަމަށެވެ.

"މި ދޫކޮށްލީ 360 ޑިގްރީއެއް ނޫން. 760 ޑިގްރީ އަށް އަނބުރާފައި އޮތް އެއްޗެއް. ދޫކޮށްލީމަ އޭތި އެނބުރިގެން އަންނައިރު އޭތި ޖެހޭ ކޮންމެ މީހެއް ފަނާވެގެން ދާ ވަރުގެ ވަރުގަދަ ހަތިޔާރެއް. އޭގެ ކޮންޓްރޯލެއް އެ އުފެއްދި މީހާގެ އަތުގައި ވެސް ނެތް،" ރައީސް ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ފުލުހުންގެ އިސް ވެރިންގެ އެންގުމަށް އެ ރޭ ފުލުހުން ނުކުމެ އެ އަމުރު ތަންފީޒު ކުރުމަކީ އެ "ބަޣާވާތް" ރޭވި މީހުން އެދުނު ގޮތެވެ. އެހެން އެކަން ވި ނަމަ ވެރިކަން ބަދަލު ކުރީސް ކަމަށް ރައީސް އިޝާރާތް ކުރެއްވި އެވެ.

އެކަމަކު އޭގެ ކުރިން ރައީސް ވަނީ އޭރުގެ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފް ވަނީ މަގާމުން ވަކިކޮށްފަ އެވެ.