ސަރުކާރުން ބޭރުގެ އަސްކަރީ އެހީއަކަަށް ނޭދޭ: ޑިފެންސް

ބޭރު ގައުމެއްގެ އަސްކަރީ އެހީއަށް ދިވެހި ސަރުކާރުން އެދިފައި ނުވާކަމަށް ޑިފެންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.


ރާއްޖޭގައި ކުއްލި ހާލަތު އިއުލާން ކުރި ފަހުން ޗައިނާގެ އަސްކަރިއްޔާގެ އެހީތެރިކަމަށް ރައީސް އަބްދުﷲ ޔާމީން އެދިވަޑައިގެންނެވި ކަމަށް، އިންޑިއާގެ "ދަ ޓައިމްސް އޮފް އިންޑިއާ"އިން ވަނީ ރިޕޯޓުކޮށްފަ އެވެ. އަދި ބައެއް އިދިކޮޅު ފަރާތްތަކުން ވެސް އެ ވާހަކަތައް ދައްކަމުން އަންނައިރު، އިންޑިއާގެ ނޫހުން ބުނިގޮތުގައި ރައީސްގެ އެދިވަޑައިގަތުމަށް ޗައިނާއިން ވަނީ ދެކޮޅު ހަދާފަ އެވެ.

ޑިފެންސް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ބޭރުގެ ގައުމުތަކުން އަސްކަރީ އެހީ ހޯދަން އެދުނު ކަމަށް ބުނެ ދައްކަނީ ދޮގު ވާހަކަތަކެއް ކަމަށާއި އެކަމާ ވަރަށް ކަންބޮޑުވާ ކަމަށެވެ. އަދި ރާއްޖޭގައި މި ވަގުތު ހިނގަމުންދާ ކަންކަމާ ގުޅިގެން ދިވެހި ސަރުކާރުން އެއްވެސް އިރެއްގައި ބޭރުގެ އަސްކަރީ އެހީތެރިކަމަށް އެދިފައި ނުވާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ޑިފެންސްއިން ބުނިގޮތުގައި ރާއްޖޭގެ ދާހިލީ ކަންކަން އަމިއްލައަށް ހައްލު ކުރުމުގެ ގާބިލްކަން މި ގައުމަށް ލިބިގެންވެ އެވެ.

"އެހެންވެ، ރާއްޖޭގެ އިސްތިގްލާލަށް ހުރުމަތްތެރިކޮށް ހިތުމަށާއި ރާއްޖޭގެ ގާނޫނު އަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން، ގާނޫނުގެ ވެރިކަން ދެމެހެއްޓުމާއެކު، ރާއްޖޭގެ ދާހިލީ ކަންކަން އަމިއްލައަށް ހައްލުކުރުމުގެ ގާބިލްކަން ރާއްޖެއަށް ލިބިގެންވާ ކަން ބަލައިގަތުމަށް އެންމެހާ ފަރާތްތަކަށް ގޮވައިލަމެވެ." ޑިފެންސް މިނިސްޓްރީގެ ނޫސް ބަޔާނުގައި ބުނެފައި ވެ އެވެ.

ހުކުމުގައި ތިއްބެވި ސިޔާސީ ބޭފުޅުން މިނިވަންކުރަން މި މަހުގެ 1 ގައި ސުޕްރީމް ކޯޓުން ކުރި އަމުރު ސަރުކާރުން ތަންފީޒުނުކޮށް، ކޯޓުގެ ދެ ފަނޑިޔާރާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު ހައްޔަރު ކުރުމުން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެ ބޭފުޅުން މިނިވަން ކުރުމަށް އިންޑިއާގެ ސިފައިންނާއެކު ވަފުދެއް ރާއްޖެ އައުމަށް ގޮވާލައްވާފަ އެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހު ހޫނުވެ، ކުއްލި ނުރައްކަލުގެ ހާލަތު މިދިޔަ ހޯމަ ދުވަހުގެ ރެއިން ފެށިގެން 15 ދުވަހުގެ މުއްދަތަށް ވަނީ އިއުލާން ކޮށްފަ އެވެ.