ހެކި ފޮރުވުމުގެ ތުހުމަތެއް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މައްޗަށް ފުލުހުން ކޮށްފައިވާ ކަމަށް މައުމޫންގެ ވަކީލް މައުމޫން ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު، މިދިޔަ ހަފުތާގައި މައުމޫން ހައްޔަރުކުރީ ފަނޑިޔާރުންނަށް ރިޝްވަތު ދިނުމާއި މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތުގެ ފައިސާ ދީގެން ގާނޫނާ ޚިލާފަށް ސަރުކާރު ބަދަލު ކުރަން އުޅުމާއި ސަލާމަތީ ބާރުތަކުގެ މެދުގައި ބައިބައިވުން އުފައްދައި، ސަރުކާރާ ދެކޮޅަށް ނިކުތުމަށް ސަލާމަތީ ބާރުތަކަށް ހިތްވަރު ދިންކަމުގެ ތުހުމަތުގަ އެވެ. އެކަމަކު އެ ތުހުމަތުތަކަށް މައުމޫން އިންކާރު ކުރައްވާ ކަމަށް އެމަނިކުފާނުގެ ވަކީލުން ވަނީ ބުނެފަ އެވެ.
ވަކީލް މައުމޫން ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައިވަނީ ހެކި ފޮރުވުމުގެ ތުހުމަތުގައި މައުމޫންގެ މައްޗަށް ތަހުގީގު ހިންގާނެކަން ފުލުހުން އަންގާފައިވާ ކަމަށެވެ. އެކަމަކު އެއީ ކޮން މައްސަލައެއްގެ ހެކި ފޮރުވުމުގެ ތުހުމަތެއް ކަމެއް ސާފެއް ނުވެ އެވެ.
މައުމޫންގެ އިތުރުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އެ ބޭފުޅުންގެ މައްޗަށް ވެސް ރިޝްވަތު ހިފުމުގެ ތުހުމަތާއި ގާނޫނާ ޚިލާފަށް ސަރުކާރު ބަދަލު ކުރަން އުޅުމުގެ ތުހުމަތުގެ އިތުރުން ދައުލަތާއި ޖިނާއީ އަދުލުގެ ނިޒާމު ހިންގުމަށް ހުރަސް އެޅުމުގެ ތުހުމަތު ކުރެ އެވެ.
އެ މައްސަލައާ ގުޅޭ ގިނަ އަދަދެއްގެ ފައިސާ އާއި އެތައް މިލިއަން ޑޮލަރެއްގެ ރުފިޔާގެ ޓްރާންސެކްޝަންތަކެއް ވެސް ހެކީގެ ގޮތުގައި ލިބިފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.