ތިލަފުށީގެ ބިން ހިއްކަން 105 މިލިއަން ރުފިޔާ އަށް އެމްޓީސީސީއާ ހަވާލުކޮށްފި

ކ. ތިލަފުށީގެ ބިން ހިއްކައި ރިވެޓްމެންޓް ޖަހަން 105 މިލިއަން ރުފިޔާ އަށް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.


އެންވަޔަރްމެންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި އެ މިނިސްޓްރީން ސޮއިކުރެއްވީ، މިނިސްޓަރު ތޯރިގް އިބްރާހީމެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު ކްރިކް ރިޒާ އެވެ.

ޕީއެސްއައިޕީގެ ބަޖެޓުން ޚަރަދު ކޮށްގެން ހިންގާ މި މަޝްރޫއުގައި ހިއްކަން ހަމަޖައްސާފައި ވަނީ 15 ހެކްޓަރުގެ ބިމެކެވެ. އެ މަސައްކަތް 240 ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެ އެވެ.

ތިލަފުށިން ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގައި އެންވަޔަރްމެންޓް މިނިސްޓަރު ތޯރިގް މިއަދު ވާހަކަ ދައްކަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ވާހަކަ ދައްކަވަމުން މިނިސްޓަރު ތޯރިގް ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރަނީ ތިލަފުށީގައި ކުނި އެންދުން މި އަހަރުގެ ތެރޭގައި ހުއްޓާލުމަށް ކަމަށެވެ. އެގޮތުން ބިން ހިއްކައި ނިންމުމަށް ފަހު، އެތަނަށް ބޭނުންވާ ބައެއް އާލާތްތައް ވެސް، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ އެހީގައި ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ތިލަފުށިން 15 ހެކްޓަރުގެ ބިން ހިއްކަނީ، އެ ތަނުގައި ކުނި އެންދުން ހުއްޓުވުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިންނެވެ. އެގޮތުން ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ މަސައްކަތް ނިމުމުން، ދުވާލަކު 500 ޓަނުގެ ކުނި އިންސިނޭޓް ކުރެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުނި ގޮތުގައި ކުނި ނައްތާލައި އޭގެ ހޫނު ބޭނުންކޮށްގެން އަށް މެގަ ވޮޓްގެ ކަރަންޓު އުފައްދައި މާލެއާ ގުޅުވާލާނެ ކަމަށެވެ.

ތިލަފުށީ ކުނީގެ މައްސަލަ ހައްލުކުރަން ސަރުކާރާއި އޭޑީބީގެ އެހީގައި 126 މިލިއަން ޑޮލަރުގެ މަޝްރޫއެއް ވެސް ވަނީ ފަށައިފަ އެވެ.