ފުޅާ ދާއިރާއެއްގައި ރީޓެއިލް ވިޔަފާރި ކުރާ ރެޑް ވޭވްގެ 11 ވަނަ ފިހާރަ، ފަރުނީޗަރު ވިއްކަން ޚާއްސަކޮށް މިރޭ މާލޭގައި ހުޅުވައިފި އެވެ.
ހީނާމާގޭ ޕާކިންޒޯން ކުރިމަތިން ނިރޮޅު މަގުގައި ހަދާފައިވާ މި ފިހާރައިގައި ބޭއްވި ކުޑަ ހަފުލާއެއްގައި އެތަން ރަސްމީކޮށް ހުޅުއްވައި ދެއްވީ ރެޑް ވޭވްގެ ޖެނެރަލް މެނޭޖަރު އަދި ބާރަށު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އިބްރާހިމް ޝުޖާއު އެވެ.
މަޝްހޫރު ވިޔަފާރިވެރިޔާ އަދި އޭދަފުށީ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ސަލީމްގެ ރެޑް ވޭވްގެ އާ ފިހާރައާ ގުޅޭގޮތުން އެތަނުގެ އޮފިޝަލަކު ވިދާޅުވީ، އެ ފިހާރަ އިން ގިނަ ވައްތަރު ތަކުގެ ފަރުނީޗަރު ހެޔޮ އަގުގައި ލިބެން ހުންނާނެ ކަމަށެވެ.
"މިއީ އާންމުންނަށް ވީހާ ވެސް ފަސޭހައިން، ހެޔޮ އަގުގައި ފަރުނީޗަރު ފޯރުކޮށްދިނުމަށް ހުޅުވި ފިހާރައެއް. ގޭތެރެ އަށް ބޭނުންވާ ސޯފާ ސެޓުން ފެށިގެން ގޮސް ކޮޓަރިތަކަށް ފަރުނީޗަރު ސެޓާއި ކާ މޭޒާއި މިފަދަ ހުރިހާ އެއްޗެއް ވެސް މި ތަނުން ލިބެން ހުންނާނެ،" 'ރެޑްވޭވް ލިވިން' ގެ ނަމުގައި ދެ ބުރި އަށް ހަދާފައިވާ ފިހާރައާ ގުޅޭގޮތުން އޮފިޝަލް ވިދާޅުވި އެވެ.
ރެޑް ވޭވުން އާ ފިހާރައެއް މާލޭގައި ހުޅުވިއިރު، ހުޅުމާލޭގެ ނެއިބާ ހުޑް އެކެއްގައި ބޮޑު ސުޕަ މާޓެއް ހެދުމުގެ މަސައްކަތް އެ ކުންފުނިން އަންނަނީ ކުރަމުންނެވެ. ޝުޖާއު ވިދާޅުވީ މިހާރު އެންމެ ބާރަށް ކުރަމުން އަންނަނީ އެތަނުގެ މަސައްކަތް ކަމަށާއި ވަރަށް އަވަހަށް އެ ފިހާރަ ހުޅުވާނެ ކަމަށެވެ.
މިރޭ އަލަށް ހުޅުވި ފިހާރައާ އެކު، ރެޑް ވޭވުން މާލޭގައި މިހާރު 10 ފިހާރަ ހިންގަ އެވެ. އަދި ހުޅުމާލޭގައި ރެޑް ވޭވް ސިޓީ ސްކޮއާގެ ނަމުގައި ބޮޑު ފިހާރައެއް ހިންގަ އެވެ. އެއީ ހުޅުމާލޭގައި ހިންގާ އެންމެ ބޮޑު ފިހާރަ ވެސް މެ އެވެ.