ރާއްޖޭގެ ތަސައްވަރު ކިލަނބުކުރާތީ ޓޫރިޒަމަށް އަސަރުކުރޭ: އާސިމް

ރާއްޖޭގެ ތަސައްވަރު ކިލަނބު ކުރާތީ ޓޫރިޒަމަށް ނޭދެވޭ އަސަރު ކުރަމުން އަންނަ ކަމަށް ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ރޭ ވިދާޅުވެއްޖެ އެވެ.


ޓީވީއެމް އިން ގެނެސްދިން ޕްރޮގްރާމެއްގައި އާސިމް ވިދާޅުވީ ބޭރު ދުނިޔޭގައި ރާއްޖޭގެ ތަސައްވަރު ކިލަނބުކުރަން މަސައްކަތް ކުރުމުން، އެކަމުގެ އަސަރު ދިވެހިންނަށް ވެސް ކުރާނެ ކަމަށެވެ. އެހެންވެ، ތެދު މައުލޫމާތު ހާމަކޮށް ދިނުމަށް އިތުރަށް މަސައްކަތް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އާސިމް ވިދާޅުވި ގޮތުގައި ރާއްޖެއާ ގުޅޭގޮތުން ތެދު މައުލޫމާތު، ބޭރުގެ ފަރާތްތަކަށް ހާމަކޮށް ދިނުމުގައި ސަފީރުން ވަރަށް ބޮޑު ދައުރެއް އަންނަނީ އަދާކުރަމުންނެވެ. އެގޮތުން ސަފީރުންގެ "ނެޓްވޯކް" ބޭނުންކޮށްގެން، ރާއްޖޭގެ ދާހިލީ ކަންކަން ހިނގާ ގޮތުގެ ސައްހަ މައުލޫމާތު ފޯރުކޮށްދެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު ދަށްވާނަމަ، އިގްތިސާދަށް ގެއްލުންވާނެ،" އާސިމް ވިދާޅުވި އެވެ.

ބޭރުގެ ގިނަ ގައުމުތަކުން ޓްރެވަލް އެޑްވައިޒަރީތައް ނެރުނުކަން ފާހަގަކުރައްވައި އާސިމް ވިދާޅުވީ އޭރު ޓްރެވަލް އެޑްވައިޒަރީ ނެރުނު އިރާއި މިހާރުގެ މަންޒަރު އެ ގައުމުތަކަށް ސާފުކޮށް ފެނިފައިވާ ކަމަށެވެ.

އެގޮތުން ރިސޯޓުތައް އަމާންކަމާއި ރިސޯޓުތަކަށް ދަތުރުކުރުމަކީ ރައްކާތެރި ކަމެއް ކަން ސާފުވެފައިވާ ކަމަށް ވެސް މިނިސްޓަރު އާސިމް ވިދާޅުވި އެވެ. މިނިސްޓަރު ވަނީ ރާއްޖެ އަށް އަންނަ ޓޫރިސްޓުންނަށް ފުރިހަމަ ރައްކާތެރިކަން ދޭނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

ރާއްޖެ އިން އީޔޫ އާއި ބެލްޖިއަމަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު ޝިއާން ވިދާޅުވީ ޓްރެވަލް އެޑްވައިޒަރީ ނެރުނު ގައުމުތަކުން ރާއްޖެ ނައުމަށް އަންގާފައި ނުވާ ކަމަށެވެ. ޝިއާން ވިދާޅުވި ގޮތުގައި ހަމައެކަނި ޓްރެވަލް އެޑްވައިޒަރީތަކުގައި ބުނެފައިވަނީ މުޒާހަރާތައް ކުރާ ތަންތަނުގައި ނޫޅުމަށާއި މާލޭގައި އުޅޭއިރު ސަމާލުވުމަށެވެ.

"ދިވެހިން ލަންޑަނަށް އަންނަނަމަ، އަޅުގަނޑުމެން ދޭނީ ހަމަ އެ ލަފާ. މުޒާހަރާއެއް އޮންނަ ނަމަ، އެކަމުގައި ބައިވެރިނުވާން. މިއީ ވަރަށް ޖެނެރަލް ޓްރެވަލް އެޑްވައިޒަރީ އެއް،" ޝިއާން ވިދާޅުވި އެވެ.

ޝިއާން ވިދާޅުވީ "ނެގެޓިވް" ޓްރެވަލް އެޑްވައިޒަރީއެއް ނުނެރުނީ ރާއްޖެއާ ބެހޭ ގޮތުން ސައްހަ މައުލޫމާތު ފޯރުކޮށްދިނުމުން ކަމަށެވެ.