ނިހާން ވިދާޅުވީ "ނިމެނީ، ނިމެނީ، ބަޣާވާތް ނިމެނީ" ކަމަށް

"ނިމެނީ، ނިމެނީ، ބަޣާވާތް ނިމެނީ" ކަމަށް ވިދާޅުވެ، ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނަށް މިރޭ ރައްދު ދެއްވައިފި އެވެ.


ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކަކަށް ފާރިސް ރިޝްވަތު ހުށަހެޅި ކަމަށް ބުނެ، އުފުލާފައިވާ ދައުވާގެ ޝަރީއަތަށް ފަހު، މިރޭ އެނބުރި ދޫނިދު އަށް ވަޑައިގަތުމުގެ ކުރިން އޭނާ ވަނީ ރައްޔިތުންނަށް ޚާއްސަ މެސެޖެއް ދެއްވައިފަ އެވެ. ފުލުހުންނާއެކު، ލޯންޗުގައި ހުންނަވައި ފާރިސް ވިދާޅުވީ "މި ނިމެނީ، މި ނިމެނީ" ކަމަށެވެ. އެއާއެކު، އެތަނުގައި ތިބި އިދިކޮޅުގެ ސަޕޯޓަރުން އުފާފާޅުކުރާ އަޑު ހިމެނޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަނީ ވަރަށް ބޮޑަށް ހިނގަމުންނެވެ. ބެލެވޭ ގޮތުގައި ނިހާން "ޖޯކު" މި ޖެއްސެވީ އެ ވީޑިއޯ އަށެވެ.

ނިހާން ކުރެއްވި ޓުވީޓު.

ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު ނިހާން މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ "ނިމެނީ، ނިމެނީ، ބަޣާވަތް ނިމެނީ" ކަމަށެވެ. ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ދިފާއު ކުރެއްވުމުގައި އެންމެ އިސްކޮށް މަސައްކަތް ކުރައްވާ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ނިހާން ވަނީ "ކުރިއަށް ދިވެހި ގައުމު" ކަމަށް ވިދާޅުވެ، ހޭޝްޓެގެއް ބޭނުން ކުރައްވައިފަ އެވެ.

ސިޔާސީ އިދިކޮޅު ބައެއް ލީޑަރުން ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކޮށްލުމަށް މިދިޔަ މަހުގެ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ވެރިކަން ކުރާ ޕީޕީއެމުން ސިފަ ކުރަނީ އެއީ ޖުޑިޝަރީ ތެރެއިން ގެންނަން އުޅުނު "ބޮޑު ބަޣާވާތެއްގެ" ގޮތުގަ އެވެ. ސަރުކާރުން އެ އަމުރަށް ބޯލަނބާފައި ނުވާއިރު، މިދިޔަ މަހުގެ 5 ގައި ރައީސް އަބްދުﷲ ޔާމީން ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވައިފަ އެވެ.

އެކަމަކު، ބޮޑުބޭބޭފުޅު، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް އިޝާރާތްކުރައްވައި "ނިމެނީ" ކަމަށް ފާރިސް "މި ވެރިކަމަށް ދެން މާގިނަ ދުވަހެއް ނެތް ކަމަށް" ބުނެ އިދިކޮޅު ފަރާތްތަކުން ވާހަކަ ފަތުރަމުން ދަނިކޮށެވެ. އެކަމަކު، ދައުރު ހަމަވުމުގެ ކުރިން ރައީސް ޔާމީން މަގާމުން ދުރުކުރުމަކީ އިދިކޮޅު ފަރާތްތަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ޕީޕީއެމުން ވަނީ ބުނެފަ އެވެ.

ސިޔާސީ އިދިކޮޅު ބައެއް ލީޑަރުން ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކޮށްލުމަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން މިދިޔަ މަހުގެ 1 ގައި ނެރުނު އަމުރުގެ އެ ބައި، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު، އެ ކޯޓުގެ ބާކީ ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ބާތިލްކޮށްފަ އެވެ.

އަދި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ވަނީ ހައްޔަރުކޮށްފަ އެވެ. އެ ތިން ބޭފުޅުން ވެސް ހައްޔަރުކޮއްފައި ވަނީ ގާނޫނާ ޚިލާފަށް ރައީސް ޔާމީންގެ ވެރިކަން ބަދަލުކުރުމަށް މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތުގަ އެވެ.

ޕީޕީއެމުން މިހާރު ބުނަމުން އަންނަ ގޮތުގައި ޖުޑިޝަރީން ގެންނަން އުޅުނު ބަޣާވާތް މިހާރު ވަނީ ނާކާމިޔާބުވެފަ އެވެ.

ރައީސް ޔާމީން އިއުލާން ކުރައްވާފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ގިނަ ބަޔަކު ހައްޔަރުކުރިއިރު، އެކި މީހުންނަށް ކުރަނީ އެކި ތުހުމަތެވެ. އޭގެ ތެރެއިން އެއް ބަޔަކު ވެރިކަން ވައްޓާލަން އުޅުމުގެ ތުހުމަތު ކުރާއިރު، ދެން ތިބި މީހުންގެ މައްޗަށް ފުލުހުން ކުރަނީ ރިޝްވަތު ހިފުމާއި ދިނުމުގެ ތުހުމަތު ފުލުހުން ކުރާއިރު އަނެއް ބަޔަކަށް ކުރަނީ މާލޭގައި ރޯކޮށް، ހަމަނުޖެހުން ހިންގަން މަސައްކަތް ކުރުމުގެ ތުހުމަތެވެ.