ރައީސް އަބްދުުﷲ ޔާމީން ހައްޔަރުކުރަން ސައްހަ ނޫން އަމުރެއް ތައްޔާރުކުރި ކަމަށް ބުނެ ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިންގެ މައްޗަށް ހިންގާ ޝަރީއަތުގައި، ކާކުކަން ނޭނގޭ ގޮތަށް ދައުލަތުން ހުށަހެޅި ހެކިންގެ މައުލޫމާތު އެނގިވަޑައިގަންނަވާ ކަމަށް ޝަރީއަތުގައި އޭނާ އިއްޔެ ވިދާޅުވެއްޖެ އެވެ.

އދ. މާމިގިލީ ކޯޓު މެދުވެރިކޮށް ކ. މާފުށީ ކޯޓުުގެ ނަމުގައި ފޭކް އަމުރެއް ތަައްޔާރުކުރި ކަމަށް ބުނެ މުހުތާޒަށް ވަނީ ހަތަރު ދައުވާއެއް އުފުލައި، ހިންގާ ޝަރީއަތުގައި ދައުލަތުން ވަނީ ސިއްރު 10 ހެއްކަކާއި އަށް ފުލުހެއްގެ ނަން ހުށަހަޅައިފަ އެވެ.

ހެކި ހުށަހަޅަން މުހުތާޒަށް ފުރުސަތު ދިނުމުން އޭނާ ވިދާޅުވީ ދައުލަތުން ހުށަހެޅި ސިއްރު ހެކިންނަކީ ކޮން ބައެއްކަން އެނގިވަޑައިގަންނަވާ ކަމަށާއި ދައުލަތުން ހުށަހެޅި ލިޔުންތަކުން އެއީ ކޮން ބައެއްކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި ދައުލަތުން ހުށަހެޅި ބައެއް ހެކިންނަކީ މުހުތާޒް ވެސް ދިިފާއުގައި ހުށަހަޅަން ބޭނުންވާ ހެކިން ކަމަށް އޭނާ ވިދާޅުވި އެވެ.

އިއްޔެގެ އަޑުއެހުމުގައި މުހުތާޒް ވަނީ އޭނާގެ ބަލި ހާލަތަށް ކޯޓުން ނުބަލާ ކަމަށް ވިދާޅުވެ، އެކަމަށް ފާޑު ވިދާޅުވެފަ އެވެ. އަދި ޝަރީއަތުގެ މަޖިލީހުގައި މުހުތާޒް އިންނެވިއިރު، އަތުގައި އަޅުވާފައިވާ ބިޑި ނައްޓުވަން ގާޒީ އެންގެވުމުން އެކަމަށް އޭނާ ވަނީ ދެކޮޅު ހައްދަވައިފަ އެވެ.

މި މައްސަލާގައި ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ދައުވާއާ އެކު އިތުރު ދައުވާއެއް ވަނީ އުފުލައިފަ އެވެ. އެ މައްސަލާގައި މާމިގިލީ މެޖިސްޓްރޭޓް އަހުމަދު ނިހާނަށް ވެސް ދައުލަތުން ދައުވާ ކުރެ އެވެ.