މުހުތާޒާއި ނިހާންގެ ޝަރީއަތުގެ އަޑުއެހުންތައް ވެސް ނިންމާލައިފި

ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން ސައްހަ ނޫން ކޯޓު އަމުރެއް ހެދި ކަމަށް ބުނެ ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިނާއި އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާންގެ މައްޗަށް ކުރާ ދައުވާތަކުގެ އަޑުއެހުންތައް ވެސް ކްރިމިނަލް ކޯޓުން މިރޭ ނިންމާލައިފި އެވެ.


މިދިޔަ ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހުގެ ރޭ ދަންވަރު މާމިގިލީ ކޯޓު ހުޅުވައިގެން ކ. މާފުށީ ކޯޓުގެ ނަމުގައި ސައްހަ ނޫން އަމުރެއް ތައްޔާރުކުރި މައްސަލާގައި މުހުތާޒާއި ނިހާންގެ މައްޗަށް ކުރާ ދައުވާތަކުގެ އަޑުއެހުންތައް ނިންމާލިޔަސް ހުކުމް ކުރާނެ ވަކި ދުވަހެއް އިއުލާނެއް ނުކުރެ އެވެ.

އެ މައްސަލަތައް ބައްލަވާ ގާޒީ އަބްދުލްބާރީ ޔޫސުފް ވިދާޅުވީ ހުކުމް ކުރާނެ ދުވަހެއް ފަހުން އަންގަވާނެ ކަމަށެވެ.

މުހުތާޒްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އާއި އިތުރު ދެ ދައުވާއެއް އުފުލާފައިވާއިރު، ނިހާންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާއާ އެކު އިތުރު ތިން ދައުވާއެއް ވަނީ އުފުލައިފަ އެވެ.

ވަކިވަކިން މިރޭ ބޭއްވި އެ ދެ މައްސަލައިގެ އަޑުއެހުމުގައި ވެސް ޚުލާސާ ބަޔާން ހުށަހަޅަމުން ދައުލަތުން ބުނީ ހެކިންގެ ބަހަށް ބަލާއިރު މުހުތާޒާއި ނިހާންގެ މައްޗަށް ކުށް ސާބިތުވާނެ ކަމަށެވެ. އަމުރެއް ހޯދަން މުހުތާޒް މާމިގިއްޔަށް ވަޑައިގެންނެވި ކަމާއި ނިހާނާ ދެ ބޭފުޅުން ކޯޓުގައި ތިއްބަވައިގެން އެކަމަށް މަޝްވަރާ ކުރެއްވި ކަން އެނގޭ ކަމަށެވެ. އަދި އަމުރުގައި ޖަހާނެ ނަމްބަރެއް ހޯދަން ވެސް މުހުތާޒް އެދިވަޑައިގެންނެވި ކަން އެނގޭ ކަމަށް ދައުލަތުން ބުންޏެވެ. މީގެ އިތުރުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ހިފައި، އެ ރޭ ނިހާން ކޯޓު ހުޅުވައިގެން އެކަމުގައި ބައިވެރިވިކަން އެނގޭ ކަމަށް ވެސް ދައުލަތުން ބުންޏެވެ.

ނިހާން: އޭނާއާ ދެކޮޅަށް ހަތަރު ދައުވާއެއް ދައުލަތުން ކުރޭ --ފޮޓޯ/ފޭސްބުކް

މުހުތާޒާއި ނިހާންގެ ވަކީލް ހުސްނުއްސުއޫދު ވިދާޅުވީ މާމިގިއްޔަށް މުހުތާޒް ވަޑައިގެންނެވިކަން އަދި އެރޭ މާމިގިލީ ކޯޓު ހުޅުވައިގެން ނިހާން ހުންނެވިކަން ހެކިންގެ ބަހުން އެނގުނަސް އެފަދަ އަމުރެއް އެ ދެ ބޭފުޅުން ހެދިކަން ހެކިންގެ ބަހުން ނޭނގޭ ކަމަށެވެ. އެފަދަ އަމުރަކަށް ފުލުހުން އެދުނަސް ނިހާން ނިންމެވީ އިޖްރައާތު ފުރިހަމަ ނުވާތީ އަމުރު ދެވެން ނެތް ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ.

މީގެ އިތުރުން އެ ރޭ މާލެއިން ފުލުހުންނަށް ފެނުނު ކޯޓު އަމުރުގައި ކޮށްފައިވާ ސޮޔަކީ އަމިއްލަ އަށް ގަލަމަކުން ކޮށްފައިވާ ސޮޔަކަށް ވާތީ، އެ އަމުރާއި ނިހާނާއި މުހުތާޒާ އެއްވެސް ގުޅުމެއް ނެތްކަން އެނގޭ ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ. އެއީ އެ އަމުރަކީ މާމިގިލީ ކޯޓުން ހެދި އެއްޗެއް ނަމަ އޭތި މާލެ އަށް ފޮނުވޭނީ އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށް ކަމަށް ވެފައި އެ ހާލަތުގައި އޭގައި އޮންނާނީ ކޮޕީ ސޮޔެއް ކަން ވެސް ސުއޫދު ފާހަގަ ކުރެއްވި އެވެ.

މިރޭގެ އަޑުއެހުމުގައި މުހުތާޒް ވިދާޅުވީ އޭނާއާ ދެކޮޅަށް ސިއްރުން ހެކިބަސް ދިން ހެކިންގެ ކުށުގެ ރެކޯޑެއް އޮތްތޯ ބަލައި ދިނުމަށް އެދޭ ކަމަށެވެ. އެ ހެކިވެރިންނަކީ ކުށުގެ ވެށީގައި އުޅޭ ބައެއް ކަމަށް އެނގިވަޑައިގެންފައިވާ ކަމަށް ވެސް މުހުތާޒް ވިދާޅުވި އެވެ.

"މިދުވަސްވަރަކީ ހޯމް މިނިސްޓަރު ކުށްވެރިންގެ ފައިގައި ޓެގް އަޅުވަމުންދާ ދުވަސްކޮޅެއް. އެހެންވީމަ އެ ހެކިވެރިންގެ ފައިގައި ޓެގެއް އަޅުވާފައި އިންތޯ ބަލައިދޭން އަޅުގަނޑު އެދެން،" ޖަލުު ހެދުމުގައި ކުރިމައްޗަށް ބިޑި އަޅުވާފައި އިން މުހުތާޒް ވިދާޅުވި އެވެ.