މުހުތާޒާއި ނިހާން ޖަލަށް ލާން ކުރި ހުކުމް އިސްތިއުނާފަށް ހުށަހަޅައިފި

ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން ސައްހަ ނޫން ކޯޓު އަމުރެއް ހެދި މައްސަލާގައި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިނާއި އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާން 17 އަހަރަށް ޖަލަށް ލާން ކުރި ހުކުމް އިސްތިއުނާފް ކުރަން އިއްޔެ ހުށަހަޅައިފި އެވެ.


މުހުތާޒާއި ނިހާން ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ ފެބްރުއަރީ 7 ވަނަ ދުވަހުގެ ރޭ ދަންވަރު އދ. މާމިގިލީ ކޯޓު ހުޅުވައިގެން ތިބެ ކ. މާފުށީ ކޯޓުގެ ނަމުގައި ސައްހަ ނޫން ލިޔުމެއް ހަދައި، ރައީސް ޔާމީން ހައްޔަރުކުރަން މަސައްކަތް ކުރި ކަމަށް ބުނެ އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވުމުންނެވެ.

އެ މައްސަލަ މުހުުތާޒާއި ނިހާންގެ ފަރާތުން އިސްތިއުނާފަށް ހުށަހެޅީ އިއްޔެ ކަމަށް އެ ދެ ބޭފުޅުންގެ ވަކީލް ހުސްނުއްސުއޫދު ވިދާޅުވި އެވެ.

އެ މައްސަލާގައި ޓެރަރިޒަމްގެ ދައުވާގެ އިތުރުން އެހެން ދައުވާތަކެއް ވެސް މުހުތާޒާއި ނިހާންގެ މައްޗަށް ދައުލަތުން ކުރެ އެވެ. އެކަމަކު އެ މައްސަލަތައް އަދި ކްރިމިނަލް ކޯޓަކުން ނުނިންމަ އެވެ.

މުހުތާޒަކީ މި ސަރުކާރުގައި ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ވަޑައިގެންނެވި ބޭފުޅެކެވެ. އެކަމަކު ސަރުކާރަށް ނިސްބަތްވާ މެމްބަރުން ވަނީ ރައްޔިތުންގެ މަޖިލީހުގައި މުހުތާޒްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި، ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރުގެ ފަހުކޮޅު އޭނާ އެ މަގާމުން ދުރުކޮށްފަ އެވެ.

މެޖިސްޓްރޭޓް ނިހާން އަދިވެސް ހުރީ ފަނޑިޔާރުކަމުން ސަސްޕެންޑްކޮށްފަ އެވެ. އޭނާ މަގާމުން ވަކިކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ތިން ބައި ކުޅަ ދެ ބައިގެ އަޣުލަބިއްޔަތުންނެވެ.

ކޯޓު އަމުރު ހަދަން އުޅުމުގެ އަޑީގައި ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލާއި ރާއްޖެ ޓީވީގެ ޗެއާމަން އަކްރަމް ކަމާލުއްދީން ހުންނެވި ކަމަށް ތުހުމަތުކޮށް، ޕޮލިހަށް ހާޒިރުވާން ފުލުހުން މި ފަހުން ވަނީ ޗިޓް ހަވާލުކުރަން މަސައްކަތްކޮށްފ އެވެ. އެކަމަކު އެ ދެ ބޭފުޅުން މިހާރު ދިރިއުޅުއްވަނީ އިނގިރޭސި ވިލާތުގަ އެވެ.