ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން ކޯޓު އަމުރެއް ނެރެފައިވާ ކަން ދައްކަން ސައްހަ ނޫން ލިޔުމެއް ތައްޔާރުކުރި މައްސަލާގައި އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާނަށް ކުރާ ދައުވާގައި ދައުލަތާއި ނިހާންގެ ފަރާތުން ވެސް ގިނަ ހެކިންތަކެއް ކޯޓަށް މިއަދު ހުށަހަޅައިފި އެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ކުރީކޮޅު އދ. މާމިގިލީ ކޯޓު ދަންވަރު ހުޅުވައިގެން އެ ކޯޓު ތަކެތި ބޭނުންކޮށްގެން ކ. މާފުށީ ކޯޓުގެ ނަމުގައި ސައްހަ ނޫން ލިޔުމެއް ތަައްޔާރުކުރި ކަމަށް ބުނެ ނިހާނަށް ހަތަރު ދައުވާއެއް ކުރެ އެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމުގައި ބައިވެރިވުމުގެ ދައުވާ އާއި ރަސްމީ ވާޖިބު އަދާ ކުރުމުގައި އެކަށީގެން ނުވާ އަމަލެއް ކުރުމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ އަދި އަސްލެއް ނެތް އެއްޗެއް ސައްހަ ކަމަށް ދެއްކުމަށް ލިޔުމެއް އުފެއްދުމުގެ ދައުވާ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި، އެއިން ކޮންމެ ދައުވާއެއް ސާބިތުކުރަން ވެސް ވަކިވަކިން ދައުލަތުން ހެކި ހުށަހަޅާފައިވާއިރު، އޭގެ ތެރޭގައި ގިނައީ ފުލުހުންނާއި ކޮން ބައެއްކަން ނޭނގޭ ގޮތަށް ހުށަހެޅި ސިއްރު ހެކިންނެވެ. އަދި ނިހާންގެ ފޯން ކޯލް ރިކޯޑިންއެއް ވެސް ދައުލަތުން ހުށަހެޅި އެވެ.
ނިހާންގެ ފަރާތުން ދިފާއީ ހެކިންގެ ގޮތުގައި ހުށަހެޅީ ފުލުހުންގެ ބައެއް އިސްވެރިން ވެސް ހިމެނޭ ގޮތުން ފުލުހުންގެ ބަޔަކާއި ސިފައިންގެ ތިން އޮފިސަރެކެވެ.
ދެން އޮންނަ އަޑުއެހުން މި މަހުގެ 31 ވަނަ ދުވަހު އޮންނައިރު އެދުވަހު އޮންނާނީ ހެކިބަސް ނެގުމެވެ.
އެ މައްސަލައިގެ ތުހުމަތުގައި ނިހާން ހައްޔަރު ކުރުމާ އެކު މެޖިސްޓްރޭޓްކަމުން އޭނާ ވަނީ ސަސްޕެންޑްކޮށްފަ އެވެ.
އެ މައްސަލާގައި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިންގެ މައްޗަށް ވެސް ވަނީ ހަތަރު ދައުވާއެއް އުފުލައިފަ އެވެ. އެކަމަކު އެ މައްސަލަ ކުރިއަށް ގެންދަނީ ވަކިންނެވެ.