ގަސްދުގައި މެމްބަރުން ޖަލްސާ އަށް ނުދިއުމުން ޑެޑްލޮކަކަށް ހިނގައިދާނެ، ގާނޫނީ ހައްލެއް ހޯދަން ޖެހޭ: ދައުލަތް

މަގްބޫލު އުޒުރެއްް ނެތި، ގަސްދުގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ތަކަށް މެމްބަރުން ވަޑައިނުގަތުމަކީ އޭގެ ސަބަބުން ގާނޫނީ ޑެޑްލޮކަކަށް ހިނގައިދާނެ ފަދަ ކަމެއް ކަމަށާއި އެކަމަށް ހައްލެއް ހޯދަންޖެހޭ ކަމަށް ދައުލަތުން ސުޕްރީމް ކޯޓުގައި މިއަދު ބުނެފި އެވެ.


އެޓާނީ ޖެނެރަލްގެ ފަރާތުން އެގޮތަށް ސުޕްރީމް ކޯޓުގައި ބުނީ ފަނޑިޔާރުންގެ ގާނޫނަށް މަޖިލީހުން އެންމެ ފަހުން ގެނައި އިސްލާހު ބާތިލް ކުރަން މަޖިލީހުގެ އިދިކޮޅު ތިން މެމްބަރަކު ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތުގަ އެވެ. ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައީ ޖިނާއީ ކުށެއް ސާބިތުވެގެން އިސްތިއުނާފް މަރުހަލާ ނިމިއްޖެ ނަމަ އޮޓަމެޓިކުން ފަނޑިޔާރުން ވަކިވާ ގޮތަށެވެ.

އެ އިސްލާހު ބާތިލްކުރަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހާއި ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސައިން އަދި މަކުނުދޫ ދާއިރާގެ އަދާލަތު ޕާޓީގެ މެމްބަރު އަނާރާ ނައީމްގެ ފަރާތުން ހުށަހެޅުއްވި މައްސަލަ ބިނާކުރާ އެއް ސަބަބަކީ 43 މެމްބަރުން މަޖިލީހުގައި ހާޒިރުވެ ނެތީސް އެ އިސްލާހަށް ވޯޓަށް އަހާފައި އޮތުމެވެ. އެ އިސްލާހު ފާސްކުރީ ސަރުކާރުގެ ކޯލިޝަންގެ 38 މެމްބަރުންގެ ވޯޓުންނެވެ.

މެމްބަރުން ގަސްދުގައި މަޖިލީހަށް ވަޑައިނުގަންނަވާ މައްސަލައާ ގުޅޭގޮތުން ދައުލަތުން ވާހަކަ ދެއްކީ އެ ނުކުތާއަށް ޖަވާބުދާރީ ވަމުންނެވެ. ދައުލަތުން ބުނިގޮތުގައި އެ އިސްލާހަށް ވޯޓަށް އަހަން 43 މެމްބަރުން ޖަލްސާގައި ތިބެން ޖެހޭނެ ކަމަކަށް ދައުލަތުން ގަބޫލެއް ނުކުރެ އެވެ. ސަބަބަކީ އެއީ ގާނޫނުއަސާސީގައި ބުނާ ފަދަ ރައްޔިތުންގެ އެ މައްޗަށް އަމަލު ކުރުން ލާޒިމްވާ އިސްލާހެއް ކަމަށް ނުވާތީ ކަމަށް ދައުލަތުން ބުންޏެވެ.

ދައުލަތުން ބުނިގޮތުގައި އިސްލާހަށް ވޯޓަށް އަހާއިރު 43 މެމްބަރުން ހާޒިރުވެ ތިބެން ޖެހޭނެ ކަމަށް ބަހުސްގެ ބޭނުމަށް ބެލިކަމުގައި ވިޔަސް، 41 މެމްބަރުން ހާޒިރުވި ޖަލްސާއެއްގައި އެ އިސްލާހަށް ވޯޓަށް އެހީ ރަނގަޅަށް ކަމަށް ދައުލަތުން ދެކެ އެވެ. ސަބަބެއްގެ ގޮތުގައި ދައުލަތުން ބުނަނީ ބައެއް މެމްބަރުން ގަސްދުގައި ޖަލްސާއަށް ހާޒިރު ނުވެ ތިބުމެވެ.

އިސްލާހަށް ވޯޓަށް އެހިއިރު ޖަލްސާގައި ތިބީ 41 މެމްބަރުން ކަމަށް ވިޔަސް، ޖަލްސާގައި ބައިވެރިވެވަޑައިނުގެން، މަޖިލީހުގެ އިދާރާގައި ވެސް ބައެއް މެމްބަރުން ތިއްބެވި ކަމަށާއި މަގްބޫލު އުޒުރެއް ނެތި އެ މެމްބަރުން ގަސްދުގައި ޖަލްސާގައި ބައިވެރިވެވަޑައިނުގަތީ ކަމަށް ދައުލަތުން ބުންޏެވެ. އެހެންވެ، ހާލަތުއް ޟަރޫރާ (ސްޓޭޓް އޮފް ނެސެސިޓީ) ގެ ދަށުން، އެ އިސްލާހަށް ވޯޓަށް އެހުމުގައި އަމަލުކުރި ރަނގަޅުވާނެ ކަމަށް ދައުލަތުން ބުންޏެވެ.

މެމްބަރުން މަގްބޫލު އުޒުރެއް ނެތި ގަސްދުގައި މަޖިލީހަށް ހާޒިރު ނުވެއްޖެ ނަމަ އަމަލު ކުރާނެ ގޮތެއް މަޖިލީހުގެ ގަވާއިދުގައި މިހާރު ނެތްކަން ފާހަގަކޮށް، ދައުލަތުން ބުނިގޮތުގައި އެއީ އެކަމުގެ ސަބަބުން ގާނޫނީ ޑެޑްލޮކަކަށް ހިނގައިދާނެ ކަމެކެވެ. އަދި އެއީ ގާނޫނީ ގޮތުން ހައްލެއް ހޯދަންޖެހޭ ކަމެއް ކަމަށް ދައުލަތުން ބުންޏެވެ،

މިދިޔަ އަހަރުގެ ޖޫން މަހުގެ ފަހުން މި މަހާ ހަމައަށް މަޖިލީހުން އެއްވެސް ބިލެއް ފާސް ކުރެވިފައި ނުވާ ކަމަށާއި މަޖިލީހުގެ މަސައްކަތްތައް އޮތީ ވަރަށް ބޮޑަށް ހުއްޓުމަކަށް އައިސްފައި ކަން ދައުލަތުން ފާހަގަކުރި އެވެ. މެމްބަރުން ބިލަކާ ދެކޮޅު ނަމަ އެ ބިލަކާ ދެކޮޅަށް ވޯޓު ނުދިނުމުގެ ފުރުސަތު އެބައޮތް ކަމަށާއި އެކަމަކު އެ ފުރުސަތުގެ ބޭނުން ނުކޮށް، ބައެއް މެމްބަރުން ގަސްދުގައި ޖަލްސާއަށް ހާޒިރު ނުވަނީ ކަމަށް ދައުލަތުން ބުންޏެވެ.

މަގްބޫލު އުޒުރެއް ނެތް ނަމަ މެމްބަރުން މަޖިލީހަށް ހާޒިރުވެ، ޖަލްސާގައި ބައިވެރިވާނެ ކަމަށް ގާނޫނުއަސާސީ އޮތީ ތަސައްވުރު ކޮށްފައި ކަމަށާއި އެކަން ނުކޮށްފި ނަމަ އަމަލު ކުރާނެ އެއްވެސް ގޮތެއް މިހާރު މަޖިލީހުގެ ގަވާއިދުގައި ނެތްކަން ދައުލަތުން ފާހަގަކުރި އެވެ. ބައެއް ގައުމުތަކުގައި މަގްބޫލު އުޒުރެއް ނެތި ޖަލްސާއަށް ހާޒިރުނުވާ މެމްބަރުން ސަސްޕެންޑް ކުރުމުގެ ބާރު މަޖިލީހުގެ ރައީސަށް އޮތަސް، ރާއްޖޭގައި މިހާރު މެމްބަރުންނާ މެދު ފިޔަވަޅު އެޅެނީ ހަމައެކަނި ކޮމެޓީތަކަށް ހާޒިރުނުވާ ހާލަތްތަކުގައި އެކަނި ކަމަށް ދައުލަތުން ބުންޏެވެ.

އޭގެ ރައްދުގައި ތިން މެމްބަރުންގެ ވަކީލް އިބްރާހިމް ރިފްއަތު ވިދާޅުވީ ޖަލްސާގައި ހާޒިރު ނުވުމުގެ ހައްގަކީ މަޖިލީހުގެ ގަވާއިދު މިހާރު އޮތްގޮތުން މެމްބަރުންނަށް އޮތް ބާރެއް ކަމަށާއި ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހަށް ވޯޓަށް އެހިއިރު އެ ޖަލްސާގައި ބައެއް މެމްބަރުން ބައިވެރިވެވަޑައި ނުގަތީ އެ އިސްލާހާ ދެކޮޅަށް އިހްތިޖާޖް ކުރުމުގެ ގޮތުން ކަމަށެވެ. އަދި ހާލަތުއްޟަރޫރާ (ސްޓޭޓް އޮފް ނެސެސިޓީ) ގެ ވާހަކަ އެ މައްސަލާގެ ތެރެއަށް ގެންނަން ނުޖެހޭ ކަމަށް ވިދާޅުވި އެވެ.

ރިފްއަތު އެގޮތަށް ވިދާޅުވުމުން، މަގްބޫލު އުޒުރެއް ނެތް ނަމަ މެމްބަރުން މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުވާން ވާނެ ކަމަށް މަޖިލީހުގެ ގަވާއިދުގައި އޮވޭ ނޫންތޯ ފަނޑިޔާރުންގެ ބެންޗުން ސުވާލު ކުރެއްވި އެވެ. އަދި ހުށަހެޅިފައިވާ ކަމަކާ މެމްބަރަކު ދެކޮޅު ނަމަ، އެކަމާ ދެކޮޅަށް ވޯޓު ދިނުމުގެ ހައްގު މެމްބަރުންނަށް އެބައޮތް ނޫންތޯ ވެސް ބެންޗުން ސުވާލު ކުރެއްވި އެވެ.

ޖަވާބުގައި ރިފްއަތު ވިދާޅުވީ މަގްބޫލު އުޒުރަކީ ކޮބައިކަން މަޖިލީހުގެ ގަވާއިދުގައި ބަޔާން ކޮށްފައި ނެތް ކަމަށާއި އެހެންވެ ބަލަން ޖެހޭނީ އާންމު އުސޫލަށް ކަމަށެވެ. އަދި މަޖިލީހުގެ މިހާރު ކަންކަން ހިނގަނީ ސަރުކާރުން ބޭނުންވާ ގޮތަށް ކަމަށްވާތީ އެކަމާ ދެކޮޅަށް އިހްތިޖާޖް ކުރުމުގެ ގޮތުން ބައެއް މެމްބަރުން ޖަލްސާއަށް ހާޒިރު ނުވަނީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ހާލަތުއްޟަރޫރާ (ސްޓޭޓް އޮފް ނެސެސިޓީ) ގެ ވާހަކަ އެ މައްސަލާގެ ތެރެއަށް ގެންނަން ނުޖެހޭ ކަމަށާއި އެއީ ހަމަޖެހޭ ވާހަކައެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ފަނޑިޔާރުން ވަކި ކުރެވޭނެ ގޮތާ މެދު ދެ ފަރާތުގެ ބަހުސް އަދި ބެންޗުން ސުވާލު

އިސްލާހު ބާތިލް ކުރަން މެމްބަރުންގެ ފަރާތުން ދައްކާ އަނެއް ސަބަބަކީ ގާނޫނުއަސާސީގައި ފަނޑިޔާރުން ވަކި ކުރެވޭނެ މަޖިލީހަށް ކަމަށް ބުނެފައި އޮތްއިރު ޖިނާއީ ކުށެއް ސާބިތުވާ ހާލަތުގައި އޮޓަމެޓިކުން ވަކިވާ ގޮތަށް އެ އިސްލާހުގައި އޮތުމެވެ.

ރިިފްއަތު ވިދާޅުވި ގޮތުގައި ފަނޑިޔާރުން ވަކިކުރެވޭނެ ގޮތް ގާނޫނުއަސާސީގައި އޮތީ މުހިންމު މަގްސަދެއްގައި ކަމަށާއި އޭގެ ބޭނުމަކީ ކޯޓުތަކާ މެދު އިތުބާރު ކުރެވޭނެ ފަދަ ނިޒާމެއް ގާއިމް ކުރުން ކަމަށެވެ. އަދި ގާނޫނު އަސާސީގައި އޮތީ ފަނޑިޔާރުން އޮޓަމެޓިކުން ވަކި ކުރެވޭ ގޮތަކަށް ނޫން ކަމަށާއި ފަނޑިޔާރުން "ވަކި ކުރެވޭނީ" ހަމައެކަނި މަޖިލީހަށް ކަމަށް ރިފްއަތު ވިދާޅުވި އެވެ.

މީގެ އިތުރުން އެ އިސްލާހުގައި އޮތީ ޖިނާއީ ކިތަންމެ ކުޑަ ކުށެއް ސާބިތުވިޔަސް، ފަނޑިޔާރުން އޮޓަމެޓިކުން ވަކިވާ ގޮތަށް ކަމަށާއި އެކަމަކު ގާނޫނުއަސާސީގައި ފަނޑިޔާރުންގެ ޝަރުތު ބަޔާން ކުރާއިރު ވެސް އޮންނަނީ ޖިނާއީ ބޮޑެތި ކުށްތައް ސާބިތުވެފައި ނެތުން ކަމަށެވެ. މިހާރު އިސްލާހު އޮތްގޮތުން ކިތަންމެ ކުޑަ ކަމެއްގައި ވެސް ކުށް ސާބިތުވެގެން އިސްތިއުނާފް މަރުހަލާ ނިމިއްޖެ ނަމަ ފަނޑިޔާރަކު ވަކިވާނެ ކަން ރިފްއަތު ވިދާޅުވި އެވެ.

ރައްދުގައި ދައުލަތުން ބުނީ ގާނޫނުއަސާސީގައި އޮތީ ފަނޑިޔާރު ކަމަށް އައްޔަން ކުރާއިރު ހުންނަން ޖެހޭ ޝަރުތުތައް ކަމަށެވެ. އަދި ގާނޫނަށް ގެނައި އިސްލާހަކީ ފަނޑިޔާރު ކަމުގައި ހުންނަވައިގެން ކުރާ ކުށްތަކާ ގުޅޭ ކަންކަން ކަމަށެވެ. އަދި ކުޑަ ކުށެއް ސާބިތުވުމަކީ ފަނޑިޔާރުކަމުން ވަކި ނުވާނެ ހާލަތެއް ކަމަށް ބަލާ ނަމަ އެކަން ވެގެންދާނީ ފަނޑިޔާރުންނާ މެދު އިތުބާރު ގެއްލޭނެ ކަމެއް ކަމަށް ދައުލަތުން ބުންޏެވެ.

އެ ނުކުތާއާ ގުޅިގެން ފަނޑިޔާރުންގެ ބެންޗުން ވެސް ބައެއް ސުވާލުތައް ކުރިމަތި ކުރެއްވި އެވެ. އެގޮތުން ، ގާނޫނުއަސާސީ މިހާރު އޮންނަ ގޮތަށް މަޖިލީހަށް ހުށަހެޅުމުން ޖިނާއީ ކުށެއް ވެފައިވާ ފަނޑިޔާރަކު މަގާމުން ވަކި ކުރަން ނުފެންނަ ކަމަށް މަޖިލީހުން ނިންމައިފި ނަމަ އެ ފަނޑިޔާރަކު މަގާމުގައި ދެމި ހުންނާނީތޯ ބެންޗުން ސުވާލު އުފެއްދެވި އެވެ. އަދި ކުށެއް ސާބިތުވެފައިވާ ހާލަތުގައި ވެސް ފަނޑިޔާރަކު މަގާމުން ވަކި ކުރުމާ މެދު ގޮތެއް ނިންމަން ޖެހޭނީ މަޖިލީހުންތޯ ބެންޗުން ސުވާލު ކުރެއްވި އެވެ.

ޖަވާބުގައި ރިފްއަތު ވިދާޅުވީ ޖިނާއީ ކުށެއް ސާބިތުވެއްޖެ ނަމަ މިހާރު ވެސް ގާނޫނުއަސާސީގައި އޮންނަ އުސޫލުން މަޖިލީހަށް ހުށަހަޅައިގެން ވަކި ކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި ގާނޫނުއަސާސީ މިހާރު އޮންނަ ގޮތް ރަނގަޅު ނޫން ކަމަށް ދެކޭ ނަމަ އަމަލު ކުރެވޭނެ ހަމައެކަނި ގޮތަކީ ގާނޫނުއަސާސީ އިސްލާހު ކުރުން ކަމަށާއި އެކަން ކުރެވޭނެ ގޮތް ގާނޫނުއަސާސީގައި އެބައޮތް ކަމަށް ރިފްއަތު ވިދާޅުވި އެވެ.

އެ މައްސަލާގެ މިއަދު ވަނީ އަޑުއެހުންތައް އެއްކޮށް ނިންމާލައިފަ އެވެ. ދެން އޮންނާނީ އެ މައްސަލައިގެ ހުކުމް ކުރުން ކަމަށާއި ހުކުމް އިއްވާނެ ދުވަހެއް ފަހުން އަންގަވާނެ ކަމަށް ފަނޑިޔާރުންގެ ބެންޗުން އިއުލާން ކުރެއްވި އެވެ.