ދައުލަތުގެ އިސް ވެރިންގެ އިންޝުއަރެންސް ބޮޑުކޮށްފި

ވަޒީރުންނާއި ފަނޑިޔާރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިތުރުން ދައުލަތުގެ މުއައްސަސާތަކުގެ ވެރިންނަށް ދޭ އިންޝުއަރެންސް ޕެކޭޖްތައް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ. މި ނިންމުމާ އެކު ވަރަށް ގިނަ އިސް ބޭބޭފުޅުންގެ އިންޝުއަރެންސް ޕެކޭޖްގެ ޕްރީމިއަމް ފީ ދެ ގުނަ ބޮޑުވެގެން ދާނެ އެވެ.


މަޖިލީހުން ކަނޑައަޅަން ޖެހޭ މުސާރައިގެ އޮނިގަނޑު މާލިއްޔަތު ކޮމެޓީން އަލުން މުރާޖައާކޮށް ނިންމި ގޮތުގެ ރިޕޯޓު ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 62 މެމްބަރުންގެ ތެރެއިން 46 މެމްބަރުންގެ ވޯޓުންނެވެ. މި މުސާރައިގެ އޮނިގަނޑު ފާސް ކުރަން ނުފެންނަ ކަމަށް 16 މެމްބަރުން ވޯޓު ދެއްވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. ވަޒީރުންނާއި މެމްބަރުންނާއި ފަނޑިޔާރުންގެ އިންޝިއުރެންސް ބޮޑު ކުރަން ވަނީ ފާސްކޮށްފައި. - ފޮޓޯ: މަޖިލިސް

މާލިއްޔަތު ކޮމެޓީން ނިންމި ގޮތަށް މަޖިލީހުން ފާސްކުރީ މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާ ފަރާތްތަކުގެ ހެލްތު އިންޝުއަރެންސް ސްކީމްގެ ޕްރީމިއަމް (އަހަރީ ފީ) އާއި އަހަރަކު ބޭނުންކުރެވޭ މިންވަރު ބޮޑު ކުރުމަށެވެ. މި ޕެކޭޖްގެ ދަށުން އިންޑިއާ ސްރީލަންކާގެ އިތުރުން އާސިއާންގެ ގައުމުތަކުން ވެސް ބޭސްފަރުވާކުރެވެ އެވެ.

އެގޮތުން ވަޒީރުންނަށް އަހަރަކު 12،500ރ. ދައްކައިގެން ބޭސްކުރެވޭ ކޯޕަރޭޓް ޕްލެޓިނަމް ޕެކޭޖްގެ އަހަރީ ފީ 19،000ރ. އަށް ބޮޑުކޮށް އަހަރަކު ބޭސްކުރެވޭ މިންވަރު 300،000ރ. އިން 350،000ރ. އަށް ބޮޑުކުރުމަށް ވަނީ ނިންމައިފަ އެވެ.

މަޖިލީހުގެ ރައީސަށާއި ނައިބު ރައީސް އަދި މެމްބަރުންނަށާއި ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރާއި އެހެނިހެން ފަނޑިޔާރުންނަށް އަހަރީ ފީގެ ގޮތުގައި 12،500ރ. ދައްކައިގެން އަހަރަކު ގިނަވެގެން 300،000ރ. އާ ހަމަޔަށް ބޭސްފަރުވާ ކުރެވޭ ކޯޕަރޭޓް ޕްލެޓިނަމް ޕެކޭޖްގެ ޕްރީމިއަމް 24،000ރ. އަށް ބޮޑުކޮށް އަދި އަހަރަކު ބޭސްފަރުވާއަށް ބޭނުންކުރެވޭ މިންވަރު 350،000ރ. އަށް ބޮޑުކުރުމަށް ނިންމާފައިވެ އެވެ.

އޭގެ އިތުރުން ހައިކޯޓުގެ އިސްފަނޑިޔާރާއި އެ ކޯޓުގެ އެހެން ފަނޑިޔާރުންނަށާއި ދަށު ކޯޓުތަކުގެ އިސް ގާޒީ އާއި އެހެނިހެން ގާޒީންނާއި ދާއިރާ މެޖިސްޓްރޭޓް ކޯޓުތަކުގެ އިސް މެޖިސްޓްރޭޓުންނާއި ކޯޓުތަކުގެ އިސް މެޖިސްޓްރޭޓުން އަދި މެޖިސްޓްރޭޓުންނަށް ދޫކޮށްފައިވާ ކޯޕަރޭޓް ސިލްވާ ޕެކެޖޭގެ އަހަރީ ފީ 7،000ރ. އިން 14،500ރ. އަށް ބޮޑުކުރުމަށާއި އަހަރަކު ބޭނުންކުރެވޭ މިންވަރު 200،000ރ. އިން 300،000ރ.އަށް ބޮޑުކުރުމަށް ވެސް ނިންމާފައިވެ އެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސަށާއި ނައިބު ރައީސް އަދި އެ ޓްރައިބިއުނަލްގެ އެހެން މެމްބަރުންނަށް ވެސް 12،000ރ.ގެ އަހަރީ ފީއެއް ދައްކައިގެން އަހަރަކު ގިނަވެގެން 300،000ރ. އާ ހަމަޔަށް ބޭސްފަރުވާ ކުރެވޭ ޕެކޭޖެއް ދިނުމަށް ނިންމައިފަ އެވެ.

އެމްއެމްއޭގެ ގަވަރުނަރާއި އޮޑިޓާ ޖެނެރަލް، ޕްރޮސެކިއުޓާ ޖެނެރަލް، ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން، ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަނާއި އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ އިންޝުއަރެންސް ޕެކޭޖްގެ އަހަރީ 10،000ރ. އިން 14،500ރ. އަށް ބޮޑުކޮށް އަދި އަހަރަކު ބޭސްކުރެވޭ މިންވަރު 250،000ރ. އިން 300،000ރ. އަށް ބޮޑުކުރަން ނިންމާފައިވެ އެވެ.

ހަމައެއާއެކު މިނިވަން މުއައްސަސާތަކުގެ ރައީސުންނާއި ނައިބު ރައީސުންނާއި މެމްބަރުންނާއި ނެޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ ރައީސާއި ނައިބު ރައީސް އަދި މެމްބަރުންނަށް ދޫކޮށްފައިވާ އިންޝުއަރެންސް ޕެކޭޖްގެ އަހަރީ ފީ 10،000ރ. އިން 14،500ރ. އަށް ބޮޑު ކޮށް އަދި އަހަރަކު ބޭސްކުރެވޭ މިންވަރު 250،000ރ. އިން 300،000ރ. އަށް ބޮޑުކުރަން ވެސް ވަނީ ނިންމައިފަ އެވެ.