ވަޒީރުންގެ ހެލްތު އިންޝުއަރެންސް ޕްރިމިއަމް 24،000ރ. އަށް ބޮޑުކޮށްފި

ވަޒީރުންނާއި ވަޒީރުންގެ އާއިލާގެ މެމްބަރުންގެ ހެލްތު އިންޝުއަރެންސަށް ދައުލަތުން ކޮންމެ އަހަރަކު ވެސް ޚަރަދު ކުރާ އަދަދު 24،000ރ. އަށް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.


ވަޒީރުންނާއި އެ ބޭފުޅުންގެ އަނބިކަނބަލުން ނުވަތަ ފިރިކަލުންނާއި އުމުރުން 18 އަހަރު ނުފުރޭ ކުދިންގެ ހެލްތު އިންޝުއަރެންސްގެ އަހަރީ ޕްރިމިއަމަށް ދައުލަތުން ދޭ އަދަދު މުރާޖައާ ކޮށްދެއްވުމަށް އެދި މަޖިލީހަށް ހުށަހެޅުއްވީ ރައީސް އަބްދުﷲ ޔާމީނެވެ. އަދި މި މައްސަލަ ދިރާސާ ކުރި މާލިއްޔަތު ކޮމިޓީން ނިންމާފައި ވަނީ ވަޒީރުންނަށް ދޭ ހެލްތު އިންޝުއަރެންސް ޕްރިމިއަމް ބޮޑު ކުރަން ފެންނަ ކަމަށެވެ.

މާލިއްޔަތު ކޮމިޓީގެ ރިޕޯޓު މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގަންނެވި 36 މެމްބަރުންގެ އިއްތިފާގުންނެވެ. ޖަލްސާގައި އިދިކޮޅު އެއްވެސް މެމްބަރަކު ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.

ވަޒީރުންގެ ހެލްތު އިންޝުއަރެންސްގެ އަހަރީ ޕްރިމިއަމަށް ދައުލަތުން ކުރިން ޚަރަދު ކުރަނީ އަހަރަކު 19،000ރ. އެވެ. ވަޒީރުންނަށް ހެލްތު އިންޝުއަރެންސް ދެމުންދާ ޕްރިމިއަމް ޕެކޭޖަށް 19،000ރ. ކުރިން ޚަރަދު ކުރަމުން އައީ އެ ޚިދުމަތް ދޭ އެލައިޑު އިންޝުއަރެންސް ކުންފުނިން އޭރު އެ ޕެކޭޖްގެ އަގު ހެޔޮކޮށް ދިނުމުންނެވެ. އެ އަގުގައި ޕެކޭޖްގެ ޚިދުމަތް ދިނުމުގައި ދަތިތައް ކުރިމަތިވާ ކަމަށް ކޮމިޓީ ރިޕޯޓުގައި ވެ އެވެ.

މީގެ އިތުރުން ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) ގެ މެމްބަރުންނާއި އެ ބޭފުޅުންގެ އަނބިކަނބަލުން ނުވަތަ ފިރިކަލުންނާއި އުމުރުން 18 އަހަރު ނުފުރޭ ކުދިން ވެސް ދައުލަތުގެ ޚަރަދުގައި ހެލްތު އިންޝުއަރެންސް ދޭ ސްކީމްގައި ބައިވެރިކުރަން މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. ކުރިން މަޖިލީހުން ނިންމާފައި އޮތީ އެންއައިސީގެ މެމްބަރުން ހެލްތް އިންޝުއަރެންސް ސްކީމްގައި ބައިވެރި ނުކުރުމަށެވެ.

އެކަމަކު، ކޮމިޓީން ނިންމީ އެހެން މިނިވަން މުއައްސަސާތަކުގެ މެމްބަރުންނަށް ވެސް ހެލްތު އިންޝުއަރެންސް ދޭ ގޮތަށް އެންއައިސީގެ މެމްބަރުންނާއި އެ ބޭފުޅުންގެ އާއިލާތައް ވެސް ހެލްތު އިންޝުއަރެންސް ދިނުމަށެވެ.

މީގެ އިތުރުން، މަޖިލީހުން ވަނީ އާންމު ގަވައިދުތަކާ ބެހޭ ގަވައިދުގެ ޖަދުވަލު އެކެއް އަދި ދޭއްގައި ބަޔާންކޮށްފައިވާ ގަވައިދުތަކަށް އަމަލުކުރުމުގެ މުއްދަތު އަންނަ އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް މުއްދަތު އިތުރު ކުރުމަށް މަޖިލީހުގެ ގަވައިދު ކޮމިޓީން ނިންމި ނިންމުން މިއަދު ފާސްކޮށްފަ އެވެ. ގަވައިދު ކޮމިޓީގެ ރިޕޯޓު ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 35 މެމްބަރުންގެ އިއްތިފާގުންނެވެ.