ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު އިތުރަށް ގޯސްވަމުންދާތީ، ސަރުކާރުގެ އޮފީސްތައް ބަންދުކުރުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މި ހަފުތާގައި ނުބާއްވަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ނިންމަވައިފި އެވެ.

ކޮވިޑް ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިން، ސަރުކާރުގެ އޮފީސްތައް މާދަމާ އިން އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ބަންދުކުރަން ރައީސް އިބްރާހިމް މުހަައްމަދު ސޯލިހު މިރޭ ވަނީ ނިންމަވައިފަ އެވެ.

މަޖިލީހުގެ އިދާރާގެ މީޑީއާ ޑައިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މާދަމާ އާއި ބުދަ ދުވަހު ނުބޭއްވިޔަސް ކޮމިޓީތައް މި ހަފުތާގައި ކުރިއަށް ގެންދާނެ ކަމަށެވެ. ކުރިން އޮތް ގޮތުން ނަމަ މާދަމާ އާއި ބުދަ ދުވަހު ވެސް ޖަލްސާ އޮންނާނެ އެވެ.

"އެކަމަކު، އަޅުގަނޑުމެން ނިންމާފައި ވާނީ ވީ އެންމެ މަދު މުވައްޒަފުން މަސައްކަތްތަކަށް ނެރުމަށް،" ޒިޔާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މަޖިލީހުގެ ޖަލްސާތައް މި ހަފުތާގައި ނުބޭއްވިޔަސް މަޖިލީހުގެ އިދާރާ ހުޅުވާފައި ހުންނާނެ އެވެ.

މަޖިލީހުގެ މެމްބަރަކު މިހާތަނަށް ކޮވިޑަށް ޕޮޒިޓިވް ނުވިޔަސް މަޖިލީހުގެ އިދާރާގެ ބައެއް މުވައްޒަފުންނަށް އެ ބަލި ޖެހި، ކޮންޓެކްޓްވި ބައެއް މީހުން އެކަހެރި ކޮށްފައި ވެ އެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން ރާއްޖޭގައި ފިޔަވަޅުތައް ފުރަތަމަ އަޅަން ފެށި އިރު މަޖިލީހުގެ ޖަލްސާތައް ބާއްވަމުން އައީ އޮންލައިންކޮށެވެ. އެކަމަކު ތަޅުމުގައި އަލުން ޖަލްސާތައް ބާއްވަން ފެށީ މާލެ ސަރަހައްދު ލޮކްޑައުންކޮށް، އޭގެ ފަހުން ލުއިތައް ދިނުމުގެ ވެސް ކުރިންނެވެ. ތަޅުމުގައި ފުރަތަމަ ބޭއްވި ޖަލްސާއަކީ ލޯކަލް ކައުންސިލް އިންތިހާބު ލަސްކުރަން ޖެހޭތީ ގާނޫނުއަސާސީއަށް ގެނައި ބަދަލު ފާސްކުރަން ބޭއްވި ޖަލްސާ އެވެ. އޭގެ ފަހުން މަޖިލީހުގެ ތަޅުމުގައި އައީ ޖަލްސާތައް ބާއްވަމުންނެވެ.

ރާއްޖެ އިން ކޮވިޑް ފެނި، ހާލަތު ގޯސްވެފައިވާއިރު ވެސް މެމްބަރުން މަޖިލީހުގެ ތަޅުމަށް ވަޑައިގެން ޖަލްސާތައް ބާއްވާތީ އެތައް ބައެއްގެ ނުރުހުމާއި ފާޑުކިޔުން މަޖިލީހުގެ ރައީސް ނަޝީދަށާއި މެމްބަރުންނަށް އަމާޒުވެފައި ވެ އެވެ.