ސުޕްރީމް ކޯޓުގެ ލަފައެއް ބޭނުންވާތީ ގަވައިދު ބަދަލު ކުރުމަށް ވޯޓަކަށް ނޭހި

ސަރުކާރުގެ ވަޒީރުންނާއި ކޯޓުތަކުގެ ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ މެމްބަރުންގެ މައްޗަށް ރައްޔިތުންގެ މަޖިލިހުގައި އިތުބާރު ނެތް ކަމަށް ފާސްވެއްޖެ ނަމަ، އެ ބޭފުޅަކު މަގާމުން ވަކިވާ ގޮތަށް އާންމު މަޖިލިހުގެ ގަވައިދަށް ކޮމިޓީން ގެނައި އިސްލާހަށް ވޯޓަށް އެހުން މިއަދު މަޑުޖައްސާލައިފި އެވެ.


މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި، މަޖިލިހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވީ އާންމު ކޮމިޓީން ގަވައިދަށް ގެނައި އިސްލާހަށް ވޯޓަށް އެހުން މަޑުޖައްސައިލީ ސިޔާސީ ޕާޓީތަކުގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުންނާ މަޝްވަރާ ކުރެއްވުމަށް ފަހު، ސުޕްރީމް ކޯޓުގެ ލަފައެއް ހޯދަން އެ ބޭފުޅުން ތާއީދު ކުރެއްވުމުން ކަމަށެވެ.

ސުޕްރީމް ކޯޓުން މީގެ ދެ އަހަރު ކުރިން، 2017 ގައި އިމްޕީޗްމަންޓާ ބެހޭ ގޮތުން ކުރި ހުކުމްގައި ހުރި ބައިތައް މަޖިލިހުގެ ގަވައިދަށް އިތުރު ނުކުރާ ކަމަށް ބުނެ، އެމްޑީޕީން ވަނީ ފާޑު ކިޔައިފަ އެވެ. މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ވަޒީރުންނަށް ބިރު ދެއްކުމަށް އިދިކޮޅު ފަރާތްތަކާއި ޖުމްހޫރީ ޕާޓީން ކުރި ކަމެއް ކަމަށް އެމްޑީޕީން ބުނެ އެވެ.

ސުޕްރީމް ކޯޓުގެ ފުލް ބެންޗުން ކުރި ހުކުމުގައި ނިންމާފައި ވަނީ އެކަށީގެންވާ ސަބަބެއް ނެތި، ސިޔާސީ ގޮތުން އިތުބާރު ނެތްކަމުގެ ވޯޓެއް ނުނެގޭނެ ކަމަށާއި އިތުބާރު ނެތްކަމުގެ ވޯޓުތަކަކީ އެކަށީގެންވާ ސަބަބުތަކަކަށް ބިނާވެފައިވާ އިމްޕީޗްމެންޓަކަށް ވާންޖެހޭނެ ކަމަށެވެ. އަދި އެގޮތަށް މަޖިލީހުން ފާސް ކުރިޔަސް އެކަމުގައި ފަހުގެ ނިންމުން ނިންމާނީ ސުޕްރީމް ކޯޓުން ކަމަށް ހުކުމުގައި ކަނޑައަޅާފައިވެ އެވެ. އެ ހުކުމުގައި ކަނޑައެޅި އެ އުސޫލުތަކަށް މަޖިލީހުން ތަަބާވާން ޖެހޭނެ ކަމަށް ހުކުމުގައި ވެ އެވެ. އެކަމަކު، އެމްޑީޕީން ބުނީ ގަވައިދަށް ކޮމިޓީން ބަދަލު ގެނައިއިރު، ހުކުމްގައި ހުރި ބައިތައް ނެތް ކަމަށެވެ.

ގާސިމް ވިދާޅުވީ، ޕާޓީތަކުގެ ލީޑަރުންނާ މަޝްވަރާ ކުރެއްވުމަށް ހުކުމް މުރާޖައާ ކުރުމުގެ ފުރުސަތު އޮތްތޯ ބެލުމަށް ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމަވާފައިވާ ކަމަށެވެ.

މަޖިލިހުގެ ގަވައިދަށް ގެންނަން ހުށަހެޅީ އިދިކޮޅު ފަރާތްތަކުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސަރުކާރުގެ ދިފާއީ ވަޒީރު މާރިޔާ އަހުމަދު ދީދީގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާފައި ވަނިކޮށެވެ.

އިސްލާހުގައި، ވަޒީރުންނާއި ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ މީހުން ވަކި ކުރުމުގައި އަމަލު ކުރަންޖެހޭ ގޮތްތަކާއި އެ ބޭފުޅުންނަށް ލިބިދޭން ޖެހޭ ހައްގުތަކާއި ޖަވާބުދާރީވުމުގައި އަމަލު ކުރަން ޖެހޭ ގޮތްތައް ވަރަށް ތަފްސީލްކޮށް ހިމަނާފައިވެ އެވެ. އެކަމަކު، އެމްޑީޕީގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ސުޕްރީމް ކޯޓުގެ ހުކުމްގައި ހިމެނޭ މުހިންމު ކަންކަން ގަވައިދަށް އިތުރުކޮށްފައި ނުވާތީ އެވެ.

އިސްލާހުގައިވާ ގޮތުން ވަޒީރުންނާއި ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލިހުގެ ތަޅުމުގައި އިއްވުމަށް ފަހު، އެ ހުށަހެޅުމުގައި ހުރި ކަންކަން ތަހުގީގުކޮށް ބެލުމަށް ހަތް މެމްބަރުންގެ ކޮމިޓީއެއް ކަނޑައަޅައި އެ ކޮމިޓީއަކަށް މައްސަލަ ފޮނުވަން ޖެހެ އެވެ. ކޮމިޓީގައި ތިއްބަވާނީ ކޮންމެ ޕާޓީއަކުން އެއް މެމްބަރަކާއި އަމިއްލަ އެއް މެމްބަރެވެ.

ކޮމިޓީގައި ތިއްބެވި ޖުމްހޫރީ ޕާޓީ އާއި ޕީޕީއެމްގެ ކެންޑިޑޭޓުންގެ އަޣުލަބިއްޔަތުން ފާސް ކުރި އަދި އެމްޑީޕީގެ މެމްބަރުން ފާޅުގައި ދެކޮޅު ހެއްދެވި އިސްލާހުގައިވާ ގޮތުން ހަތް މެމްބަރުންގެ ކޮމިޓީގެ ބައްދަލުވުންތައް ފަށަން ވާނީ 72 ގަޑިއިރުގެ ނޯޓިސް، ލިޔުމަކުން، އެ ބޭފުޅަކަށް ދިނުމަށް ފަހު އެވެ.

އިތުބާރު ނެތް ކަމުގެ މައްސަލައިގެ ދިފާއުގައި ވާހަކަ ދެއްކެވުމުގެ ފުރުސަތު އެ ބޭފުޅަކަށް ނުވަތަ ގާނޫނީ ވަކީލުން ބޭނުންވެއްޖެ ނަމަ އެ ފުރުސަތު ދޭން ޖެހެ އެވެ. އެގޮތުން ބޭނުން ކުރެވޭނީ ގިނަ ވެގެން ދެ ވަކީލެއް ކަމަށް އަލަށް އިސްލާހު ކުރަން ނިންމި ގަވައިދުގައި ވަނީ ބުނެފަ އެވެ.

އިސްލާހުގައިވާ ގޮތުން ކޮމިޓީ އަށް މައްސަލައެއް ލިބޭތާ ދެ ހަފްތާވުމުގެ ކުރިން އެ މައްސަލައެއް ތަހުގީގުކޮށް ނިންމަން ވާނެ އެވެ. އަދި ކޮމިޓީ ރިޕޯޓު މަޖިލިހުގެ ތަޅުމަށް ފޮނުވުމާއެކު، މައްސަލައާ ގުޅޭ ބަހުސް ފަށަން ޖެހެ އެވެ. އެ މައްސަލައަށް ޖަވާބުދާރީވެވަޑައިގަތުމުގެ ފުރުސަތު އެބޭފުޅަކަށް ނުވަތަ ވަކީލަށް އޮތް އިރު، އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމާ އެކު މަޖިލިހުގައި ބަހުސް ކުރެވޭނީ ދެ ގަޑިއިރަށެވެ.

އޭގައި ވަނީ ވަޒީރެއް ނުވަތަ މިނިވަން މުއައްސަސާއެއްގެ ބޭފުޅެއްގެ މައްޗަށް އިތުބާރު ނެތް ކަމުގެ ހުށަހަޅައި މަޖިލީހުގެ އަޣުލަބިއްޔަތުން އިތުބާތު ނެތް މައްސަލަ ފާސްވެއްޖެ ނަމަ ގާނޫނު އަސާސީގެ 101 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެ މަތިން އެ މީހަކު ވަގުތުން މަގާމުން ވަކިވާނެ ކަމަށެވެ. ފަނޑިޔާރެއްގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅައި މަޖިލިހުގެ ތިން ބައިކުޅަ ދެބައި މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްވެއްޖެނަމަ، އެ މީހަކު މަގާމުން ވަގުތުން ވަކިވާނެ ކަމަށް ވެސް އިސްލާހުގައި ފާހަގަ ކުރި އެވެ.