ނާޒިމް ނެންގެވި ލޯނަށް 1.9 މިލިއަން ރުފިޔާ ދައްކަން ޖެހިއްޖެ

ދިގު މުއްދަތެއްގެ ޖަލު ހުކުމެއްގައި ހުންނެވި އެކަމަކު މިހާރު އިނގިރޭސި ވިލާތުގައި ދިރިއުޅުއްވާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމް މޮރިސަސް ކޮމާޝަލް ބޭންކް (އެމްސީބީ) އިން ނެންގެވި 1.9 މިލިއަން ރުފިޔާގެ ލޯނު ދައްކަން ސިވިލް ކޯޓުން އޭނާގެ މައްޗަށް ހުކުމްކޮށްފި އެވެ.


މަކަރާއީ ހީލަތް ހެދުމުގެ ކުށް ސާބިތުވެ، 25 އަހަރުގެ ޖަލު ހުކުމެއް ސުޕްރީމް ކޯޓުން އިއްވާފައިވާ ނާޒިމްގެ މައްޗަށް 1.9 މިލިއަން ރުފިޔާ ދައްކަން ހުކުމްކުރީ 2012 ގައި އޭނާ ނެންގެވި ލޯނަކަށެވެ.

ނާޒިމް ނެންގެވި 1.5 މިލިއަން ރުފިޔާގެ އެ ލޯނަށް ފައިސާ ނުދައްކާ އޮތުމުން އިންޓަރެސްޓާއި ޖޫރިމަނާގެ ގޮތުގައި މިދިޔަ ފެބްރުއަރީ މަހުގެ ނިޔަލަށް 1.9 މިލިއަން ރުފިޔާ އަރާފައިވެ އެވެ. އެ ފައިސާ ހޯދަން އެމްސީބީން ދައުވާ ކުރުމުން ނާޒިމްގެ ފަރާތުން ވަނީ ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޝަންގައި އެ ފައިސާ ދައްކަން އެއްބަސްވެފަ އެވެ.

އެ ފައިސާ ދެއްކުމުގެ ގޮތުން ނާޒިމާއި އެމްސީބީއާ ދެމެދު ސިވިލް ކޯޓުގައި އެއްބަސްވި ގޮތަށް، ކޯޓުން ހުކުމްކުރީ މި މަސް ނިމުމުގެ ކުރިން 440،000ރ. ދެއްކުމަށާއި ބާކީ ފައިސާ އަންނަ މަހުން ފެށިގެން ނުވަ މަސް ތެރޭގައި އެއްކޮށް ދައްކައި، ނިންމުމަށެވެ.

މީގެ އިތުރުން އެ ލޯނަށް އެމްސީބީގައި ރަހުނު ކޮށްފައިވާ މުދަލާ ގުޅިގެން ރަހުނު ސާބިތުކޮށް، އެ ރަހުނުގެ މައްޗަށް އޮތް އެމްސީބީގެ ހައްގުތައް ބޭނުން ކުރަން ޖެހިއްޖެ ނަމަ، އެކަމުގެ ހުއްދައަށް އެދި ވަކިން މައްސަލަ ހުށަހެޅުމުގެ ހައްގު އެމްސީބީއަށް އޮންނާނެ ކަމަށް ވެސް ހުކުމުގައިވެ އެވެ.

ނާޒިމްގެ މައްޗަށް 25 އަހަރުގެ ޖަލު ހުކުމެއް 2015 ގައި ސުޕްރީމް ކޯޓުން އިއްވީ އޭނާގެ ހިއްސާ އޮތް ނަމީރާ އިންޖިނިއަރިންގެ މުވައްޒަފުން ލައްވައި، އެކި ކުންފުނިތަކުގެ ނަމުގައި އެސްޓިމޭޓްތަކެއް ހުށަހަޅައިގެން ސަރުކާރުގެ ޕްރޮޖެކްޓެއް ކާމިޔާބު ކުރި ކަމަށް ބުނާ މައްސަލާގަ އެވެ.

އެ ހުކުމާ އެކު ދިއްގަރު ދާއިރާގެ ގޮނޑި ވެސް ނާޒިމަށް ގެއްލުނެވެ.

ނާޒިމްގެ މައްޗަށް ދައުވާކުރާ އިތުރު ތިން މައްސަލައެއް ސުޕްރީމް ކޯޓުގައި މިހާރު ވެސް އެބަ އޮތެވެ. އެކަމަކު އެ މައްސަލަތައް އަދި ނުނިންމަ އެވެ.

ނާޒިމް އިނގިރޭސި ވިލާތުގައި އަރުވާލެވިގެން ހުންނެވީ ބޭސްފަރުވާ އަށް ސިންގަޕޫރަށް ފޮނުވުމުންނެވެ.