އަލަށް ހަދާ ރިސޯޓްތަކަށް ގެންނަ މުދަލާއި ރިސޯޓްތައް މަރާމާތުކުރަން ގެންނަ މުދާ އެ ރިސޯޓަކަށް ބާލާ ނަމަ ޚިދުމަތުގެ ފީއެއް ނަގަން ނިންމައި، އެކަމާ ބެހޭ އުސޫލު ކަސްޓަމްސް އިން އާންމުކޮށްފި އެވެ.

މާދަމާއިން ފެށިގެން އަމަލުކުރަން ފަށާ އެ އުސޫލަކީ 2020 ވަނަ އަހަރު ނިމެންދެން ހަދާ ރިސޯޓްތަކާއި މަރާމާތުކުރާ ރިސޯޓްތަކަށް ގެންނަ މުދާ އެ ރިސޯޓަކަށް ބޭލުމުގެ ހުއްދަ ދިނުމަށް ސަރުކާރުން ނިންމާފައިވާތީ އެކަމާ ގުޅޭގޮތުން ހެދި އުސޫލެކެވެ.

އެ އުސޫލު ބުނާގޮތުން އެފަދަ ރިސޯޓްތަކަށް ގެންނަ މުދާތައް ކަސްޓަމްސްގެ އާންމު ގަވާއިދުގެ ދަށުން ޑިކްލަރޭޝަން ނިންމުމަށް ފަހު، ސީދާ އެ ރިސޯޓަކަށް ނުވަތަ ރަސްމީ ބަނދަރަށް ބޭލުމަށް ފަހު ރިސޯޓަށް ގެންދާ ގޮތަށް ވެސް ހުއްދަ ދެވޭނެ އެވެ. އެ އުސޫލުގެ ދަށުން ރިސޯޓަށް ބާލާ މުދަލަށް ޚިދުމަތުގެ ފީއެއް ދައްކަންޖެހޭނެ ކަމަށް އެ އުސޫލުގައިވެ އެވެ.

އެގޮތުން ބޮޑު ހިލަ އާއި ހިލަވެއްޔާއި ސިމެންތި ފަދަ މުދާ ބާލާ ނަމަ، ކޮންމެ މެޓްރިކް ޓަނަކަށް ނުވަތަ ކިއުބިކް މީޓަރަކަށް ދެ ޑޮލަރުގެ ފީއެއް ދައްކަން ޖެހޭނެ ކަމަށް އެ އުސޫލުގައިވެ އެވެ. އެ ނޫން ބާވަތުގެ މުދަލަށް ކިއުބިކް މީޓަރަކަށް ފަސް ޑޮލަރު ދައްކަން ޖެހޭނެ އެވެ. މެޓްރިކް ޓަނު ނުވަތަ ކިއުބިކް މީޓަރު ހަމަނުވާ މުދަލެއް ނަމަ، އެ މުދަލަކަށް ފީ ދައްކަން ޖެހޭނީ އެއް މެޓްރިކް ޓަނަށް ނުވަތަ އެއް ކިއުބިކް މީޓަރަށް ޖެހޭ މިންވަރަކަށް ކަމަށް އެ އުސޫލުގައިވެ އެވެ.

މީގެ އިތުރުން ރިސޯޓަށް މުދާ ބާލާ ނަމަ ކަސްޓަމްސްގެ އާންމު ގަވާއިދުގައި އޮންނަ ގޮތަށް، އެހެން ތަންތަނަށް މުދާ ބޭލުމަށާއި ކަސްޓަމްސް އޮފިސަރުން އެތަންތަަނަށް ފޮނުވުމަށްޓަކައި ދައްކަންޖެހޭ ފީ ދައްކަން ޖެހޭނެ ކަމަށް އެ އުސޫލުގައިވެ އެވެ.