މަޝްވަރާތަކުގައި އދ.ގެ މަންދޫބު އެކި ފަރާތްތަކާ ބައްދަލުކުރައްވަން ފައްޓަވައިފި

ރާއްޖޭގެ ސިޔާސީ މަސްރަހު ހަަމައަކަށް އަޅުވަން ބާއްވަން އުޅޭ މަޝްވަރާތަކުގައި، އދ.ގެ މަންދޫބު އެކި ފަރާތްތަކާ ވަކިވަކިން ބައްދަލު ކުރައްވަން ފައްޓަވައިފި އެވެ.


ސަރުކާރާއި އިދިކޮޅު ފަރާތްތަކާ ދެމެދު ބާއްވާ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތުމަށް އދ.ގެ މަންދޫބު ތަމްރަތު ސެމިއުލް ރާއްޖެ ވަޑައިގަތީ މިދިޔަ ހޯމަ ދުވަހު އެވެ. މި މަޝްވަރާތައް ކުރި އަށް ގެންދެވެން އޮތީ ހުރިހާ ފަރާތްތައް އެއް ތަނެއްގައި ތިބުމުގެ ބަދަލުގައި އެކި ފަރާތްތަކާ ވަކިވަކިން ބައްދަލު ކޮށްގެންނެވެ.

މި މަޝްވަރާތަކުގައި ސަރުކާރު ތަމްސީލު ކުރައްވާ އިސް މަންދޫބު، ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ މިއަދު ވިދާޅުވި ގޮތުގައި ސަރުކާރުގެ ވަފުދުން މިއަދު ވަނީ ތަމްރަތާ ބައްދަލުކޮށްފަ އެވެ. ޝައިނީގެ އިތުރުން ސަރުކާރުގެ ވަފުދުގައި ހިމެނިވަޑައިގަންނަވާ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފާއި ހޯމް މިނިސްޓަރު އަހުމަދު ޒުހޫރު ވެސް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

ޝައިނީ މިއަދު ކުރެއްވި ޓުވީޓު.

އެކަމަކު، މި ބައްދަލުވުމުގެ އިތުރު ތަފުސީލެއް ނުލިބެ އެވެ.

ތަމްރަތު ވަނީ ފޮރިން މިނިސްޓަރު މުހައްމަދު އާސިމްއާ އިއްޔެ ބައްދަލުކުރައްވައިފަ އެވެ. އަދި ރާއްޖެ އަށް ކަނޑައަޅާފައި ތިއްބަވާ ބައެއް ގައުމުތަކުގެ ސަފީރުންނާ ވެސް އޭނާ ގެންދަވަނީ ބައްދަލު ކުރައްވަމުންނެވެ. އޭގެ ތެރޭގައި އިނގިރޭސި ސަފީރާއި އިންޑިއާ ސަފީރު ހިމެނިވަޑައިގަންނަވަ އެވެ.

އދ.ގެ މަންދޫބު ތަމްރަތު ރާއްޖޭގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވަނީ: މި މަޝްވަރާތަކުގައި ބައިވެރި ނުވާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ބުނެފައި.-- ފޮޓޯ: ޓުވިޓާ

މި މަޝްވަރާތަކުގައި ބައިވެރި ނުވާން އިދިކޮޅު ފަރާތްތަކުން ވަނީ ނިންމާފަ އެވެ. އެހެންވެ، ތަމްރަތާ ވެސް އިދިކޮޅު ޕާޓީތަކުން ބައްދަލުކުރި ކަމެއް އަދި ސާފެއް ނުވެ އެވެ.

އިދިކޮޅު ފަރާތްތަކުގެ އެންމެ ބޮޑު ޝަރުތަކީ ޖަލަށް ހުކުމްކޮށްފައިވާ އިދިކޮޅު ލީޑަރުން މިނިވަން ކުރުމެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައި ވާ އިރު، އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އަށް ވަނީ 12 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. އަދި ކުރީގެ ޑިފެންސް މިިނިސްޓަރު މުހައްމަދު ނާޒިމަށް 11 އަހަރުގެ ހުކުމެއް އިއްވާފައި ވާ އިރު، އިއްތިހާދުގެ ތަރުޖަމާނު، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ވަނީ ހަތަރު މަހަށް ޖަލަށް ލާފަ އެވެ.

ލީޑަރުން މިނިވަން ކުރުމަކީ މަޝްވަރާގައި ބައިވެރިވާން އެމްޑީޕީ އާއި އަދާލަތުން ކުރި ޝަރުތެވެ. އެކަމަކު ކުރިން އެ ޝަރުތަށް ސަރުކާރުން ދެކޮޅު ހެދި ނަމަވެސް އެ ފުރުސަތު މިހާރު އޮތް ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އަދި މިހާރު އިނގިރޭސި ވިލާތުގައި ދިރިއުޅުއްވާ އިދިކޮޅު ލީޑަރުން މަޝްވަރާތަކަށް އެނބުރި ރާއްޖެ ވަޑައިގަތުމަށް ސަރުކާރުން ވަނީ ގޮވާލާފަ އެވެ.

އދ.ގެ މަންދޫބު ތަމްރަތު ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރާ އިއްޔެ ބައްދަލުކުރައްވަނީ: މި މަޝްވަރާތަކުގައި ބައިވެރި ނުވާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ބުނެފައި.-- ފޮޓޯ: ޓުވިޓާ

އެމްޑީޕީ އާއި އަދާލަތުގެ އަނެއް ޝަރުތަކީ އެ ދެ ޕާޓީ ވެސް ހިމެނޭ ގޮތަށް އުފައްދާފައިވާ އިދިކޮޅު އިއްތިހާދު، މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން މަޝްވަރާތަކުގައި ބައިވެރި ކުރުމެވެ. އެކަމަކު ސަރުކާރުން ބުނެފައި ވަނީ އިއްތިހާދު ކިޔާ ޕާޓީއެއް ނުދަންނަ ކަމަށާއި އެ މީހުން މަޝްވަރާތަކުގައި ބައިވެރި ނުކުރެވޭނެ ކަމަށެވެ.