މަޝްވަރާގެ ދައުވަތު ގަބޫލުކުރަން ސަރުކާރުން އަނެއްކާ ވެސް ގޮވާލައިފި

ސަރުކާރާ އެކު މަޝްވަރާ ކުރުމަށް އިދިކޮޅު ސިޔާސީ ޕާޓީތަކަށް އެކި ފަހަރު މަތިން ދީފައިވާ ދައުވަތު ގަބޫލު ކުރަން ސަރުކާރުން އަނެއްކާ ވެސް މިއަދު ގޮވާލައިފި އެވެ.


އަންނަ ސެޕްޓެމްބަރު 23 ގައި ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ރަނިންމޭޓަކަށް ޖުމްހޫރީ ޕާޓީގެ މެމްބަރު ފައިސަލް ނަސީމް އިންތިޚާބު ކުރުމާ ގުޅިގެން އޭނާ އަށް މަރުހަބާ ކިޔައި، ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ވަނީ ރިޔާސީ އިންތިޚާބަކީ އިންސާފުވެރި އިންތިޚާބަކަށް ހެދުމަށާއި މައްސަލަތަކަށް ހައްލެއް ހޯދުމަށް މަޝްވަރާގެ މޭޒަށް އައުމުގެ މުހިންމު ކަން ފާހަގަކޮށްފަ އެވެ. އަދި ސަރުކާރުގެ އެ ދައުވަތު ގަބޫލު ކުރުމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު، އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު ހިންނަވަރު ދާއިރާގެ މެމްބަރު އިބޫ އަށާއި ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލަށް ގޮވާލާ ކަމަށް ވެސް ސަރުކާރުގެ ބަޔާނުގައި ވެ އެވެ.

އަދި، އިންތިޚާބުގެ ކެމްޕެއިން ހަރަކާތްތައް މަސްލަހަތު ނުގެއްލޭ ގޮތަށް ކުރިއަށް ގެންދިއުމަށާއި އިންތިޚާބުގެ ކަންކަމަށް ގެއްލުން ނުވާނެ ގޮތަކަށް އަމަލު ކުރަން ވެސް ސަރުކާރުން ގޮވައިލި އެވެ. މީގެ އިތުރުން، ރިޔާސީ އިންތިޚާބަކީ މިނިވަން އަދި ކާމިޔާބު އިންތިޚާބަކަށް ހެދުމަށްޓަކައި ބޭރުގެ ފަރާތްތަކުގެ އެއްބާރުލުން ބޭނުންވާ ކަމަށް ވެސް ރައީސް އޮފީހުން ނެރުނު ބަޔާނުގައި ވެ އެވެ.

އިދިކޮޅު ކެންޑިޑޭޓަކަށް އިބޫ އިންތިޚާބު ކުރުމާ ގުޅިގެން، ވެސް މަޝްވަރާގެ މޭޒަށް އައުމަށް ސަރުކާރުން ވަނީ ގޮވާލައިފަ އެވެ. އެކަމަކު، އެ އަށް އިބޫ އަދި އެމްޑީޕީން ވެސް ވަކި ޖަވާބެއް ނުދެ އެވެ.

އިދިކޮޅު ޕާޓީތަކާ އެކު 2015 ގައި ސަރުކާރުން މަޝްވަރާ ކުރިޔަސް، އޭގެ ފަހުން އެއްވެސް މަޝްވަރާއެއް ކުރިއަކަށް ނުގެންދެވެ އެވެ. މަޝްވަރާ އަށް އައުމަށް އޭގެ ފަހުން ސަރުކާރުން އެކި ފަހަރު މަތިން ދައުވަތު ދިނަސް، އިދިކޮޅު ޕާޓީތަކުން އެ ދައުވަތު ގަބޫލު ކޮށްފައެއް ނުވެ އެވެ.