ރައީސް، މަޝްވަރާ އަށް ދެއްވި ދައުވަތުގެ ނިޔަތާ މެދު ސުވާލު އުފެދޭ: ޝުޖާއު

މި އަހަރުގެ މިނިވަން ދުވަހުގެ ހިތާބުގައި، ސިޔާސީ ބޭފުޅުންގެ މަޝްވަރާ އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވި ދައުވަތުގެ ނިޔަތާ މެދު ސުވާލު އުފެދޭ ކަމަށް އިދިކޮޅު ޕީއެންސީ ގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.


މިނިވަން ދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބު ކުރައްވަމުން ރައީސް އިއްޔެ ވިދާޅުވީ، ސިޔާސީ ކަންކަމުގައި ހިޔާލު ތަފާތުވިޔަސް، ގައުމުގެ އެންމެ މަތީ މަސްލަހަތާ ގުޅޭގޮތުން އެންމެން އެއްބަސް ވާންޖެހޭ ކަންކަން ހުންނާނެ ކަމަށެވެ. ސަރުކާރާ އެކުގައި މަސައްކަތް ކުރައްވަން ފެއްޓެވުމަށް، ހުރިހާ ސިޔާސީ ބޭފުޅުންނަށް ގޮވައިލައްވާ ކަމަށާއި އެ ބޭފުޅުންގެ މަޝްވަރާ އަށް އަބަދުވެސް މަރުހަބާ ދަންނަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސްގެ އެ ވާހަކަފުޅަށް ރައްދު ދެއްވަމުން ޝުޖާއު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ހިތާބެއްގައި އެ ދައުވަތު ދެއްވުމުން އެކަމުގައި އޮތް ނިޔަތާ މެދު ސުވާލު އުފެދޭ ކަމަށެވެ.

"ރައީސް ޔާމީން ޕާޓީ ޓޯކްސް އަށް ދައުވަތު ދެއްވީ އޭރުގެ އިދިކޮޅަށް އިސްވެ ސިޓީއަކުން. މީޑިއާ ހިތާބަކުން ނޫން. ތިޔަ ނިޔަތާ މެދު ސުވާލު އުފެދޭ،" ބާރަށު ދާއިރާގެ ކުރީގެ މެމްބަރު ޝުޖާއު ވިދާޅުވި އެވެ.

ތުއްތު ކުއްޖެއްގެ ބޭސްފަރުވާ އަށް އާސަންދަ މެދުވެރިކޮށް ރާއްޖެ އިން ބޭރަށް ފުރުން ލަސްވާތީ އެ ކުއްޖާގެ މައިންބަފައިން މީގެ ދެ ދުވަސް ކުރިން މުލީއާގޭގެ ކައިރީގައި ކުރި އިހުތިޖާޖަށް އިޝާރާތް ކުރައްވަމުން ޝުޖާއު ސުވާލު އުފެއްދެވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި، މަޝްވަރާ އަށް އިދިކޮޅުން ދާންވީ އެ ދެމަފިރިން "ސަލާން ޖެހި އުސޫލުން" ތޯ އެވެ.

ސިޔާސީ މަޝްވަރާ އަށް ގޮވައިލައްވަމުން ރައީސް ވިދާޅުވީ، ހުރިހާ ކަމެއް ސިޔާސީ ކޮށްފި ނަމަ އެކަމުގެ ގެއްލުން ތަހައްމަލު ކުުރަން ޖެހޭނީ ރައްޔިތުން ކަމަށެވެ.

ސިޔާސީ ބޭފުޅުންގެ ހިޔާލާއި މަޝްވަރާ އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގޮވައިލެއްވިއިރު، ހަތަރު ޕާޓީ ގުޅިގެން އުފެއްދި ބޮޑު ކޯލިޝަނަކުން އައި ވެރިކަމުގައި ގަވާއިދުން ޕާޓީތަކުގެ އިސްވެރިންގެ ބައްދަލުވުންތައް ބާއްވާނެ ކަމަށް ވިދާޅުވި ނަމަވެސް ވެރިކަމަށް ދެ އަހަރު ވެގެން ދިޔައިރު އެފަދަ ބައްދަލުވުމެއް ބާއްވާފައި ވަނީ އެންމެ ފަހަރަކު އެވެ. އެހެންވެ، އަމިއްލަފުޅު ކޯލިޝަންގެ ތެރޭގައި ނުކުރެވުނު މަޝްވަރާއެއް އިދިކޮޅާ އެކު ކުރިއަށް ގެންދެވިދާނެ ކަމާ މެދު ވެސް އިދިކޮޅުގެ އެކި އިސްވެރިން ސުވާލު އުފައްދަވަ އެވެ.