އިންޑިއާގައި ރޭޕްގެ މައްސަލަ ބޮޑުކަމުން އެކަމާ ދެކޮޅަށް އަޑު އުފުލުން އިތުރުވެފައި ވަނިކޮށް ބޮލީވުޑްގެ މަޝްހޫރު ކްރިއޮގްރާފަރު ސަރޯޖް ހާން ދެއްކި ވާހަކަޔަކުން ގިނަ ބަޔަކު ރުޅިގަދަވެއްޖެ އެވެ.
މިދިޔަ އަންގާރަ ދުވަހު މުމްބާއީގައި ބޭއްވި ނޫސް ކޮންފަރެންސެއްގައި ސަރޯޖް، 69، ވަނީ ބޮލީވުޑުން ފުރުސަތު ހޯދުމަން އަންހެން ފަންނާނުން ފިރިހެން ޕްރޮޑިއުސަރުންނާ ނާޖާއިޒް ގުޅުންތައް ބޭއްވުމަކީ މާބޮޑު މައްސަލައެއް ނޫން ކަމަށް ދޭހަވާ ގޮތާ ވާހަކަ ދައްކައިފަ އެވެ.
މިއީ ބޮލީވުޑްގައި ހިނގާ އެކަމަކު ގިނަ ބަޔަކު ދައްކަން ބޭނުން ނުވާ ވާހަކައެކެވެ.
އަޑުތައް އަރާފައި އޮންނަ ގޮތުން ބޮލީވުޑުން ފުރުސަތެއް ހޯދަން ނުވަތަ ކާމިޔާބު މީހަކަށް ވާން ބޭނުން ނަމަ އެންމެ ފަސޭހަ މަގަކީ ނުފޫޒު ގަދަ ޕްރޮޑިއުސަރެއް ނުވަތަ ޑައިރެކްޓަރެއްގެ "ހިތް އުފާކޮށް ދީގެން" ފުރުސަތެއް ހޯދުމެވެ.
"އަދި މީގައި އޮތް ހިތްހަމަޖެހުމަކީ އެ ގުޅުމުގެ ތެރެއިން ކަމަށް ވިޔަސް، ބޭނުންކޮށްފައި އެ މީހަކު އެއްލައި ނުލާކަން. އެ މީހަކަށް ދިރިއުޅުމެއް ހޯދައިދޭކަން،" ވަރަށް ގިނަ ފިލްމްތަކަށް ނެށުންތައް ހަދައި ދީފައިވާ ސަރޯޖް ބުންޏެވެ.
އޭނާ ބުނި ގޮތުގައި އެކްޓިން ކެރިއަރެއް ހޯދަން މިއީ ބައެއް ބަތަލާއިން އަމިއްލަ އަށް ބޭނުންވެގެން ވެއްޓި ގަންނަ ވަޅުގަނޑެކެވެ. އެހެންވެ މީގައި ބޮލީވުޑް ކުށްވެރިކުރަން ނުޖެހޭ ކަމަށް ބުންޏެވެ.
"އެއީ އެ މީހެއްގެ ކެރިއާ ބިނާ ކުރަން ބޭނުންވެގެން އަމިއްލަ އަށް އިހުތިޔާރު ކުރާ މަގެއް،" ސަރޯޖް ބުންޏެވެ. "އެހެންވެ ބޮލީވުޑް ނުވަތަ ވަކި ބަޔަކު ބޮލަށް މިކަން ޖެހުމުގެ ފުރުސަތެއް ނެތް."
އޭނާގެ މި ވާހަކަތަކަށް ބައެއް މީހުން ފާޑުކިޔަން ފެށުމުން ސަރޯޖް ވަނީ މިހާރު މާފަށް ވެސް އެދިފަ އެވެ.
ސަރޯޖްގެ ވާހަކަތަކާ ގުޅޭ ގޮތުން ބަތަލާ އަދި ލަވަކިޔުންތެރިޔާ ސޯފީ ޗައުދަރީ ބުނީ އަންހެނުން ހިމާޔަތް ކުރުމުގެ ވާހަކަ ދައްކަމުން އަންނަނިކޮށް ސަރޯޖް ކަހަލަ މީހަކު ދެއްކި "ހަޑި ވާހަކަ" އަކީ ގަބޫލު ކުރެވޭނެ ވާހަކަތަކެއް ނޫނެވެ.