މަރުކަޒީ ބޭންކު، އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ހެޑް އިސްމާއިލް ސާޖިދު ސަސްޕެންޑް ކުރީ ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި ކަން އެނގިއްޖެ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އޭނާ ސަސްޕެންޑްކުރީ އެ ޑިޕާޓްމަންޓުގެ އަންހެން މުވައްޒަފަކު އެފަދަ މައްސަލައެއް ހުށަހެޅުމުން، އެ މައްސަލަ ބަލަން ފެށުމާ ގުޅިގެންނެވެ.
އޭނާ ރޭ "މިހާރު" އަށް ވިދާޅުވީ، މިދިޔަ އާދިއްތަ ދުވަހުން ފެށިގެން މަގާމުން ސަސްޕެންޑު ކޮށްފައިވާކަން އެންގީ ކުއްލި ގޮތަކަށް ކަމަށެވެ. ނަމަވެސް، އެކަން އަންގައި އެމްއެމްއޭ އިން ފޮނުވި ސިޓީގައި ހުރި ތަފުސީލު ހާމަކުރެއްވެން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
މިކަމާ ގުޅޭ ގޮތުން ރަސްމީ ބަހެއް ހޯދުމަށް އެމްއެމްއޭ އަށް ގުޅުމުން އަދި ވަކި ޖަވާބެއް ނުލިބެ އެވެ.
އެފްއައިޔޫއަކީ މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން މާލީ މުއާމަލާތްތަކަށް ފާރަވެރިވުމަށް އެމްއެމްއޭގައި އޮންނަ ޔުނިޓެކެވެ. އެތަނުގެ އިސްވެރިއަކަށް ބޭފުޅުން އައްޔަންކޮށް، ވަކިކުރުމުގެ ބާރު އޮންނަނީ އެމްއެމްއޭގެ ގަވަނަރުނަރަށެވެ.
ސާޖިދު މަގާމުން ސަސްޕެންޑް ކުރި އިރު އޭނާ އެ މަގާމަށް އައްޔަނު ކުރިތާ އަދިވީ އެންމެ ހަތަރު މަހެވެ. އޭނާ ކުރިން ވަނީ ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މެންބަރުކަން ވެސް ކުރައްވައިފަ އެވެ.
އެފްއައިޔޫގެ އިސްވެރިޔާގެ މަގާމަށް މިދިޔަ އޮގަސްޓް މަހު ސާޖިދު އައްޔަންކުރީ އޭރުގެ އެ ޔުނިޓުގެ ވެރިޔާ އަބްދުﷲ އަޝްރަފު އެ މަގާމުން ވަކިކޮށް، އެހެން ޑިޕާޓްމެންޓަކަށް ބަދަލުކުރުމުންނެވެ.