ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް، އެ މަނިކުފާނުގެ ކެމްޕެއިން މެނޭޖަރު މުހައްމަދު އަސްލަމް (ވ) ފޯމު ހަވާލުކުރައްވަނީ. -- ފޮޓޯ: މިހާރު
19 މެއި 2018 - 11:41
ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރެއްވުމަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ފޯމު ހުށަހަޅުއްވައިފި އެވެ.
ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ހިލާފަށް ހައްޔަރުކުރި މައްސަލާގައި ޓެރަރިޒަމްގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ޖަލަށް ލާފައި ވަނިކޮށް، ބޭސް ފަރުވާއަށް ރާއްޖޭން ބޭރަށް ވަޑައިގެން ގޮތަށް އިނގިރޭސި ވިލާތުން ހިމާޔަތް ހޯއްދަވާފައިވާ ނަޝީދުގެ ފަރާތުން ފޯމު ހުށަހެޅުއްވީ އެ މަނިކުފާނުގެ ކެމްޕެއިން މެނޭޖަރު، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމެވެ.
ނަޝީދާ ތާއީދުކުރާ ޕާޓީގެ ބައެއް މެންބަރުންނާ އެކު އެމްޑީޕީ އޮފީހަށް އަސްލަމް ވަޑައިގެން، ޕްރައިމަރީގައި ވާދަކުރުމަށް ހުށަހަޅަންޖެހޭ ފޯމާއި ތާއީދު ފޯމު ވެސް ހުށަހެޅުއްވި އެވެ. ޕާޓީގެ ފަރާތުން ފޯމާ ހަވާލުވެ ވަޑައިގަތީ ޗެއާ ޕާސަން ހަސަން ލަތީފެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް ހުށަހެޅުއްވި ފޯމުތައް ޕާޓީގެ އިސް ބޭފުޅުންނާ ހަވާލުކޮށްފައި.
ނަޝީދުގެ ފޯމް ހުށަހެޅުއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ ޕްރައިމަރީގައި ބައިވެރިވުމަށް އެދޭ ފޯމާއެކު، ޕާޓީގެ މެމްބަރުންގެ ތެރެއިން 7،739 މެމްބަރުންގެ ސޮއި ހިމެނޭ ތާއީދު ފޯމް ވެސް ހުށަހެޅި ކަމަށެވެ.
"ޕާޓީގެ ގަވައިދު ހަމަޖެހިފައި އޮންނަ ގޮތުން 500 ސޮއި ހުށަހަޅަން ޖެހެނީ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ކުރު މުއްދަތެއްގެ ތެރޭގައި 7،739 ސޮއި ލިބުނީތީ އެކަން ފާހަގަކޮށް މި މަސައްކަތްކޮށްދެއްވި ބޭފުޅުންނަށް ޝުކުރު އަދާކުރަން،" އޭނާ ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ އެހާ ކުރު މުއްދަތެއްގައި 7،000 އަށްވުރެ ގިނަ މެމްބަރުންގެ ސޮއި ހޯދުމުން ދައްކައި ދެނީ، ޕާޓީގެ މެމްބަރުންގެ ގޮތުގައި ތިބި 51،000 އަށް ވުރެ ގިނަ މެމްބަރުންގެ ފުރިހަމަ ތާއީދު ލިބިގެން ދިއުން ކަމަށެވެ. އަދި މިމަހުގެ 30 ވަނަ ދުވަހު އޮންނަ ޕްރައިމަރީގައި ޕާޓީގެ މެމްބަރުންގެ ފުރިހަމަ އަޣުލަބިއްޔަތު ލިބިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ ޕްރައިމަރީގައި އެއް ކެންޑިޑޭޓް ވާދަކުރިޔަސް ހޯދަން ޖެހެނީ ޕާޓީގެ މެމްބަރުންގެ ތެރެއިން ދިހަ ޕަސެންޓް މެމްބަރުންގެ ސޮއި ކަމަށެވެ.
އެ ޕާޓީގެ ޕްރައިމަރީގައި ނަޝީދު ފިޔަވައި އިތުރު ބޭފުޅަކު ވާދަކުރައްވާނެ ކަމަށް އިއުލާންކޮށްފައެއް ނުވެ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު ކެމްޕެއިން މެނޭޖަރު މުހައްމަދު އަސްލަމް (ވ) ނަޝީދުގެ ފޯމު ހުށަހަޅުއްވަނީ.
"އެއް ކެންޑިޑޭޓް ނެރޭ ނަމަ އަޅުގަނޑުމެން ހޯދަން ޖެހެނީ ދިހަ ޕަސެންޓް ސޮއި، އެއީ 5،000 ވަރަކަށް ސޮއި. އެހެންވީމަ އަޅުގަނޑުމެންނަށް އެ އަދަދު ވެސް އިރާދަކުރެއްވިއްޔާ ތާއީދު ސޮޔާ އެކު މިވަނީ ލިބިފައި،" އޭނާ ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ ނަޝީދުގެ ކެމްޕޭން ވަރަށް ބާރަށް ކުރިޔަށް ގެންދާނެ ކަމަށެވެ. އެގޮތުން މިރޭ ގދ. ތިނަދޫގައި ކެމްޕެއިން ޖަލްސާއެއް ބާއްވާއިރު މާލޭގައި ވެސް ބޮޑު ޖަލްސާއެއް ކާނިވާ ސަރަހައްދުގައި ބޭއްވުމަށް ހުއްދަ ހޯދަން މިމަހުގެ ނުވަ ވަނަ ދުވަހު ހައުސިން މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނަޝީދަށް އިއްވާފައިވާ ހުކުމާ ހެދި، މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވޭނެ ކަމަށް އެއްބަޔަކު ބުނަމުން ދިޔަ ނަމަވެސް ނަޝީދު ވިދާޅުވެފައި ވަނީ އެންމެ ފަހު ވަގުތު އެ ފުރުސަތު ލިބިވަޑައިގަންނަވާނެ ކަމަށެވެ. މިހާރު ސްރީ ލަންކާގައި އުޅުއްވާ ނަޝީދު ގެންދަވަނީ ރާއްޖޭގައި ތިބި ސަޕޯޓަރުންނާ، ސްކައިޕް މެދުވެރިކޮށް ބައްދަލުކުރައްވައި ޕްރައިމަރީއަށް ކެމްޕެއިން ކުރައްވަމުންނެވެ.
އަސްލަމް ވިދާޅުވީ ނަޝީދަށް ކެމްޕޭންކުރުމަށް މިހާތަނަށް 30 ރަށަށް ޓީމުތައް ދަތުރުކޮށްފައިވާ ކަމަށެވެ. އަދި 40 ރަށުގައި ތިބި މެމްބަރުންނާ ސްކައިޕް މެދުވެރިކޮށް ނަޝީދު ބައްދަލުކުރައްވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ޖަޒީރާ ރައީސް" ގެ ނަމުގައި ކެމްޕެއިން ހިިންގާއިރު ނަޝީދު ގެންދަވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ރިޔާސީ ނިޒާމަކުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަންޖެހޭ ކަމަށް ވިދާޅުވަމުންނެވެ. ޕްރައިމަރީގައި ވެސް އެކަން ހުށަހުއްވާފައި ވާނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުޔާ
20 May 2018
މީނަ ހަމަ ރަގަޅަށްވެސް މޮޔަ ވެއްޖެ ދޯ؟ ހެހެހެހެހެ
ލަތީފު
19 May 2018
އިންސާނުންނަކީ ހަނދާން ނެތޭ ބައެއް. ހާއްސަކޮށް އެމީހުންނާ މާ ދުރުގައި މާގިނަދުވަސް ވީމަ. އެކަމަކު ހަނދާނަށް ގެންނަމާ. ކާކުތަ 2013 ވަނަ އަހަރު ގިނިކަންޏާ ގޮސް 105،000 ވޯޓު ހޯދީ؟ މަނިކުފާނު ހޮވަން ތައްޔާރު. އަޅުގަނޑާ އަޅުގަނޑުގެ މުޅި އާއިލާއާ އިންސާފަށް ލޯބިކުރާ، ޖުޑިޝަރީ އިސްލާހު ކުރަން ބޭނުންވާ ހުރިހާ ރައްޓެހިންވެސް
7777
19 May 2018
40 ހާހަށްވުރެ ގިނަ މީހުން ތިބި ޕާޓީއަކުން އެންމެ 4 ހާސް މީހުން ޑިސައިޑް ކުރީމަވެސް އެނގޭ ރާއްޖޭގެ އެންމެ ކުޑަ ޕާޓީކަން.
7777
19 May 2018
ހަވާ ފަޓާސް ބަރި ހުކުމްވެސް ކުރީ ކޯޓުން. ކުށްވެރިވީ ގާނޫނުގައި އޮތް ގޮތުގެ މަތިން.
8888
19 May 2018
ކާޓޫން ފިލްމެއް.
މަށަށް މައްސަލަ
19 May 2018
މަށަށް މައްސަލައަކީ ނަޝީދު ޕްރައިމަރީގައި ބައިވެރިވާތީއެވެ. އެމްޑީޕީ ޕްރައިމަރީއަކީ ނަޝީދުއަށް ހިބައިން ލިބިފައިވާ އެއްޗެއްކަން އެނގޭއިއިރު، ދެވަނަ މީހަކު ހުރިމަތިނުލާނެކަންވެސް އެނގޭއިރު ކުރިމަތިލުމުގެ ބޭނުމަކީ ކޮބައިބާ؟ ޕްރައިމަރީއެއް ބާއްވާކަން އެހެން މީހުންނަށް ދެއްކެންބާ؟
ހައުސް އޮފް ކާޑްސް
19 May 2018
ނަޝީދަކީ ޔާނުގެ އެޖެންޓެއްތަ؟ އެމް.ޑީ.ޕީ. އިން އެހެން މީހެއް ނުނެރެވެނީ؟ ނަޝީދަށް ވޯޓު ނުލާންވެގެނޭ ޔާމީނަށް ވޯޓުލާންޖެހުނީ. މިފަހަރުވެސް ނަޝީދު ކުރިމަތިލައިފިޔާ، އެހެން މީހަކު ނެތިއްޔާ ދެ ލޯ މަރާލާފަވެސް ޔާމީނަށް ވޯޓުލާންޖެހޭނީ. މިނޫނަސް ބައިވަރު މީހުން މި ހުރިގޮތަށް ތިބޭނެކަން ޔަޤީން
ވެރިކަމަށްހޭވައްލާ
19 May 2018
ޖަލުގައި ތިބި އެންމެނަށްވެސް ފޯމު ލެވެންޖެހޭނެ ...ވެރިކަމާ މޮޔަވިޔަސް ބޮޑުވަރު..
އަހުމަދު77
19 May 2018
ޝަރުތު ހަމަނުވާ މީހުންގެ ފޯމު ބަލައިގަނެގެންނުވާނެ. ނަޝީދުގެ ޝަރުތު ހަމަނުވޭ.
މަގޭ ހިޔާލު
19 May 2018
މޮޔަ ޕާޓީއިން މޮޔަ ކަންތައް ކުރާތަން މިފެންނަނީ. މި ޕާޓީގައި ކުރިމަގެއްނެތް. ރިޔާސީ އިއިންތިހާބު ކައިރިވެފައި އޮތްއިރުވެސް ގާނޫނީގޮތުން ވާދަކުރެވޭ ކެނޑިޑޭޓަކު ހޯދުމަށް މަސައްކަތްނުކުރޭ. ޙިޔެއްނުވޭ ރިޔާސީ އިންތިހާބު ސީރިޔަސްކޮށް ނަގާހެންވެސް.