ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވަކީލް މައުމޫން ހަމީދު މާދަމާ ރޭ ފުލުހަށް ހާޒިރުވާން އަންގައިފި އެވެ.

މައުމޫން ފުލުހަށް ހާޒިރުވާން އެންގީ މިދިޔަ ފެބްރުއަރީ 13 ވަނަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވައި އޭނާ ދެއްވި އިންޓަވިއުއެއްގައި، ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ހެއްކާ ބެހޭގޮތުން ދޮގު މައުލޫމާތު ދީފައިވާ ކަމަށް ބުނެ އެވެ. އެ މައްސަލާގައި މައުމޫނަށް އަންގާފައި ވަނީ މާދަމާ ރޭ ފުލުހަށް ހާޒިރުވުމަށެވެ.

ކުރީގެ ރައީސް މައުމޫންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ ވަކީލެއްގެ ގޮތުގައި ވެސް މައުމޫން ހަމީދު މަސައްކަތް ކުރައްވަ އެވެ.

ކުރީގެ ރައީސް މައުމޫން ހައްޔަރު ކުރުމާއި އެމަނިކުފާނު ބަންދުގައި ހުންނެވި މައްސަލާގައި މައުމޫން ހަމީދު ކުރިން ވަނީ ގިނަ ކަންބޮޑުވުންތަކެއް ފާޅު ކުރައްވައިފަ އެވެ.