މައުމޫނާއި ދެ ފަނޑިޔާރުންގެ ޝަރީއަތުގެ ފަހު އަޑުއެހުން މާދަމާ އަށް ފަސްކޮށްފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދަށް ކުރާ އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާގެ ފަހު އަޑުއެހުން މާދަމާ އަށް ފަސްކޮށްފި އެވެ.


މައުމޫނާއި އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދަށް ދަައުވާ ކުރަނީ މިދިޔަ ފެބްރުއަރީ މަހު އެ ތިން ބޭފުޅުން ހައްޔަރުކޮށް، އެ ބޭފުޅުންގެ ފޯނު ދޭން ފުލުހުން އެންގުމުން އެކަން ނުކުރެއްވި ކަމަށް ބުނެ އެވެ. އެ މައްސަލައިގެ ޚުލާސާ ބަޔާން ހުށަހަޅައި އަޑުއެހުން މިއަދު ހެނދުނު ބާއްވަން ހަމަޖެއްސުމަށް ފަހު މިހާރު ވަނީ މާދަމާ އަށް ފަސްކޮށްފަ އެވެ.

ޚުލާސާ ބަޔާން ހުށަހަޅާ އަޑުއެހުމަށް ފަހު އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމް އިއްވުމެވެ.

މައުމޫނާއި އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދަށް އެ ދައުވާ ސާބިތުވެއްޖެ ނަމަ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

އެ މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދާ ގޮތާ މެދު ކަންބޮޑުވުން ފާޅުކޮށް، މައުމޫނާއި އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ ދިފާއީ ވަކީލުން ވަނީ އެ ޝަރީއަތް ބޮއިކޮޓްކޮށް، މައްސަލަ ދޫކޮށްލައިފަ އެވެ.

އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާގެ އިތުރުން ޓެރަރިޒަމްގެ ދައުވާއެއް ވެސް އެ ތިން ބޭފުޅުންނަށް ދައުލަތުން ކުރެ އެވެ. އެ މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދަނީ ވަކިންނެވެ.