ރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތު ފާހަގަކުރަން އިސްލާމީ މަރުކަޒު ސަރަހައްދުގައި ރޭ ބޭއްވި ރަސްމީ ހަފުލާ އަށް، ރައީސް އަބްދުﷲ ޔާމީން ދެއްވި ދައުވަތު ގަބޫލުކުރައްވައި ގައުމުތަކުން ބައިވެރިވި ކަމަށާއި ދައުވަތު ދޭ ހުރިހާ ގައުމުތަކަކުން އެއް އިރެއްގައި ވެސް ބައިވެރި ނުވާ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

ރަސްމީ ހަފުލާގައި އިނގިރޭސިވިލާތް (ޔޫކޭ) އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ އެއްވެސް ގައުމަކުން ބައިވެރި ނުވާ ކަމަށް، އިތުބާރުު ހުރި ގޮތަކަށް ލިބިފައިވާ މައުލޫމާތުތަކަށް ބިނާކޮށް "މިހާރު"ގައި ޝާއިއުކުރި ހަބަރުގައި ހުރި ވާހަކަތައް ދޮގުކުރައްވައި ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ ވިދާޅުވީ ހުޅަނގުގެ ގައުމުތަކުން ވެސް އެ ހަފުލާގައި ބައިވެރިވިކަން ރޭގެ ހަފުލާގެ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނާނެ ކަމަށެވެ.

"ހުޅަނގުގެ ވެސް ބައެއް ގައުމުތަކުން ބައިވެރިވި، ލައިވްކުރަމުން ދިޔައީ. ފޮޓޯތަކާއި ވީޑިއޯތައް ފޮރުވައިގެނެއް ނޫން އަޅުގަނޑުމެން މި އުޅެނީ،" މުއާޒް ވިދާޅުވި އެވެ.

މިހާތަނަށް ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ހަފުލާތަކަށް ގައުމުތަކުން ގިނައިން ފޮނުވަނީ އެމްބެސެޑަރުންނެވެ. އެކަމަކު އެމެރިކާ އިން ވެސް މިފަހަރު ފޮނުވީ ސްރީ ލަންކާގައި ހުންނަ އެމްބަސީގެ ޕޮލިޓިކަލް އެފެއާޒްގެ ކައުންސެލަރެވެ.

ހުޅަނގުގެ ބައެއް ގައުމުތަކުން ހަފުލާގައި ބައިވެރިވި ކަމަށް ސަރުކާރުން ބުނި ނަމަވެސް އިނގިރޭސިވިލާތާއި އީޔޫގެ ބޮޑެތި ބައެއް ގައުމުތަކުން މަންދޫބުން ނުފޮނުވަ އެވެ. ބައެއް އެމްބަސީތަކުން "މިހާރަ"ށް އެކަން ކަށަވަރުކޮށްދެ އެވެ.

އެއީ، އެނގިފައިވާ ގޮތުގައި، "މިނިވަންކަމާއި ހައްގުތައް ސަރުކާރުން ހިފަހައްޓާތީ" ހިތްހަމަނުޖެހުންފާޅުކުރުމުގެ ގޮތުންނެވެ.

އެކަމަކު މުއާޒް ވިދާޅުވީ މިނިވަން ދުވަހުގެ ހަފުލާ އަށް ގައުމުތަކުން ހާޒިރުވުމާއި ނުވުމަކީ "ރާއްޖޭގައި އޮންނަ މިނިވަންކަމާ ހައްގުތަކާއި ގުޅުވައިގެން ކުރާ ކަމެއް" ނޫން ކަމަށެވެ. ގައުމުތަކުން ބައިވެރިނުވާ ކަމަށް ދައްކާ ވާހަކަ ދޮގުކުރައްވައި ސާބިތު ހެއްކެއްގެ ގޮތުގައި މުއާޒް ވިދާޅުވީ، މިނިވަން ދުވަހުގެ ތަހުނިޔާ ގިނަ ގައުމުތަކުން ފޮނުވާފައިވާއިރު ލިސްޓުގެ ކުރީގައި އިނގިރޭސި ރާނީ ކުއީން އެލިޒަބަތުގެ ނަންފުޅު ހިމެނޭ ކަމަށެވެ.

މިނިވަން ދުވަހުގެ ހަފުލާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްއާ، ރައީސް ޔާމީން ސަލާމްކުރައްވަނީ. -- ފޮޓޯ: ރައީސް އޮފީސް
މިނިވަން ދުވަހުގެ ހަފުލާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްއާ، ރައީސް ޔާމީން ސަލާމްކުރައްވަނީ. -- ފޮޓޯ: ރައީސް އޮފީސް

"ރާއްޖޭގެ މިހާރުގެ ހާލަތު ދެއްކުމަށް 'މިހާރު'ން ލިއެފައި ވަނީ ދޮގެއް. އެއް އިރެއްގައި ވެސް އީޔޫގެ ހުރިހާ ގައުމަކުން އެއްފަހަރާ އާ ކިޔާފައި ހަފުލާގައި ބައިވެރިވެފައެއް ނޯންނާނެ،" މުއާޒް ވިދާޅުވި އެވެ.

މިނިވަން ދުވަހުގެ ހަފުލާގައި ބައިވެރިވި ގައުމުތަކުގެ ނަންތަކެއް ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ. މުއާޒް ވިދާޅުވީ ބައިވެރިވި ގައުމުތަކުގެ ނަންތައް ހޯދަން ވަގުތުކޮޅެއް ނަގާނެ ކަމަށާއި އެ ގައުމުތައް ބެލޭނެ ކަމަށެވެ. މިނިވަން ދުވަހުގެ ހަފުލާގައި ހުޅަނގުގެ ބައެއް ގައުމުތަކުން ބައިވެރިވިކަމުގެ "ޔަގީންކަން ރައީސް އޮފީހުން ދެއްވާ" ކަމަށް މުއާޒް ވިދާޅުވި އެވެ.

މިނިވަން ދުވަހުގެ ހަފުލާގައި ބައިވެރި ނުވި ނަމަވެސް ޖުމްލަ 28 ގައުމު ހިމެނޭ އީޔޫ އިން ވަނީ ރާއްޖޭގެ 51 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ ކިޔައިފަ އެވެ. އެކަމަކު އެ ތަހުނިޔާގައި ވެސް އީޔޫ އިން ސަރުކާރަށް ބާރު އަޅާފައި ވަނީ، މިނިވަންކަމާއި ހައްގުތަކަށް ޖާގަ ކަށަވަރުކޮށް ދިނުމަށެވެ. އީޔޫ އާއި އިނގިރޭސިވިލާތުގެ އިތުރުން ދުނިޔޭގެ އެހެން ވެސް ގިނަ ގައުމުތަކާއި ޖަމާއަތްތަކުން އަންނަނީ ރާއްޖެ އަށް ވަރަށް ބޮޑަށް ފާޑު ކިއަމުންނެވެ. އޭގެ ތެރޭގައި ޝަރުއީ ދާއިރާގެ މިނިވަންކަން ގެއްލިފައިވުމާއި އަސާސީ ހައްގުތައް ގެއްލެމުން ދާ މައްސަލަ އެ ފަރާތްތަކުން ހާއްސަކޮށް ފާހަގަކުރެ އެވެ. މިހާރު އެންމެ ބޮޑަށް ފާޑުކިއުން އަމާޒުވެފައި ވަނީ މަރުގެ ހުކުމް ތަންފީޒު ކުރަން އުޅޭތީ އެވެ. އެކަމަކު، ސަރުކާރުން ތުހުމަތު ކުރާ ގޮތުގައި ބޭރުގެ ފަރާތްތަކުން އުޅެނީ ރާއްޖޭގެ ދާހިލީ ކަންކަމާ ބެހޭށެވެ.